އަލްމަރްޙޫމް މުޙައްމަދު ތައުފީޤު

ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން، އެ ބޭފުޅެއްގެ ހަނދާނަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވައިފައިވާ އަދި ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ކޮންމެ ރަމަޟާން މަހެއްގެ ކޮންމެ ދުވަހަކު އެ ބޭފުޅެއްގެ އަޑުފުޅަށް އަޅުގަނޑުމެން އިންތިޒާރު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ އަޑުފުޅުގެ ހިތްގައިމުކަމާއި، އެ އަޑުފުޅު އަހާލަން ފަސޭހަކަމާއި، އެ އަޑުފުޅަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަ ހިތްފަސޭހަ ރާގު އެއީ، އާދަޔާ ޚިލާފު ޙަޤީޤަތެކެވެ. ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށް މި އަހަރު ޝަރަފު އެރުވޭ ބޭފުޅަކީ، އަލްމަރްޙޫމް ތަޅަމުދިގޭ މުޙައްމަދު ތައުފީޤެވެ.

އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތު އަޅުގަނޑުމެންނަށް ގެނެސްދެއްވައިފައިވާލެއް ފުރިހަމަކަމަށްޓަކައި އެކަންޏެއް ނޫނެވެ. ސިޔަރަތު އަޑުއަހައިލުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަމާއި، އެކަމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތު އިތުރުކޮށްދެއްވުމަށް އަލްމަރްޙޫމް މުޙައްމަދު ތައުފީޤު ކުރެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށްޓަކައިވެސް މެއެވެ.

ކީރިތި ރަސޫލާގެ ސިޔަރަތު، އެންމެ ފުރަތަމަ، ރޭޑިއޯ މޯލްޑިވްސްއިން އަޅުގަނޑުމެންނަށް އިވެން ފެށީ، ހިޖުރައިން 1393ވަނަ އަހަރުގެ ރަމަޟާން މަހުއެވެ. އެއީ، މީލާދީގޮތުން 1973ވަނަ އަހަރެވެ. އެ އަހަރުގެ ސެޕްޓެންބަރު މަހުގެ 28ން އޮކްޓޫބަރު މަހުގެ 26 އަށް ރެކޯޑު ކުރެވުނު ކީރިތި ރަސޫލާގެ ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ، ތިން ބޭފުޅެކެވެ. އެ ތިން ބޭފުޅުންނަކީ، އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ އިތުރުން، އަލްމަރްޙޫމް ތިބުރޯޒުގޭ ޢަލީ ނަޞީރާއި، އަލްފާޟިލް ރެޑިއަމް އަޙްމަދު ވަޙީދެވެ. އޭގެފަހުން، 1974ވަނަ އަހަރުން ފެށިގެން އެންމެ އަހަރެއް ފިޔަވައި، އެހެން ހުރިހާ އަހަރުތަކެއްގައި އަޅުގަނޑުމެންނަށް ސިޔަރަތު އިވެމުންދަނީ، އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ އަޑުފުޅުންނެވެ. އަލްމަރްޙޫމް މުޙައްމަދު ތައުފީޤު، ކީރިތި ރަސޫލާގެ ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ، 1974ވަނަ އަހަރުއެވެ. ދެވަނަ ރެކޯޑިންގ 1983ވަނަ އަހަރުއެވެ. އަދި، އޭގެ 11 އަހަރު ފަހުން، އެންމެފަހު ރެކޯޑިންގ 1994ވަނަ އަހަރުއެވެ. އެންމެފަހު ރެކޯޑިންގ ހެއްދެވީ، މަރްޙޫމް މުޙައްމަދު ތައުފީޤު، މި ދުނިޔެ ދޫކުރެއްވުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އަލްމަރްޙޫމް މުޙައްމަދު ތައުފީޤު ވިދާޅުވެފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު، ކުރީގެ ރޭޑިއޯ މޯލްޑިވްސްއިން އަދި، މިހާރުގެ ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދަވާތާ މިހާރު 50 އަހަރު ފުރި، ރަން ޔޫބީލް ފާހަގަކުރަމުންދާއިރު، މިއަދުވެސް ސިޔަރަތު އަޑުއެހުމަށް ޝައުޤުވެރިވާ މީހުންގެ ނިސްބަތް މަދުނުވާކަން އެއީ، ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އަލްމަރްޙޫމް މުޙައްމަދު ތައުފީޤު، ފަރިތަފުޅުކަމާ އެކުގައި ސިޔަރަތު ވިދާޅުވެފައިވާލެއް ފުރިހަމަކަމެވެ. ހަމަ އެއާއެކު، ސިޔަރަތުގައި ހިމެނިފައިވާ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ޢަރަބި ލަފުޒުތައް މަޚްރަޖުން ވިދާޅުވެފައިވާލެއް ފުރިހަމަކަމާއި، ލަފުޒުތައް ވިދާޅުވުމުގައި ގެންގުޅުއްވި ހަމަތައް، އެއްގޮތަކަށް ދެމެހެއްޓެވި ކަމެވެ. ހަމައެއާއެކު، ސިޔަރަތު އަޑުއަހާ މީހުން، އެ މީހުންގެ ހިތަށް މަންޒަރު ސިފަކުރެވި، އެ އަސަރު އެކުލެވޭ ފަދަ ގޮތަކަށް، އަލްމަރްޙޫމް މުޙައްމަދު ތައުފީޤު، ސިޔަރަތު ވިދާޅުވެފައިވާކަން އެއީވެސް ސިޔަރަތު އަޑުއެހުމަށް ދެވޭ ސަމާލުކަން އިތުރުވެގެންދިޔަ ކަމެކެވެ.

އެހެންކަމުން، އަލްމަރްޙޫމް މުޙައްމަދު ތައުފީޤު، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް މި ކޮށްދެއްވި އަގުހުރި ޚިދުމަތަކީ، ޒަމާންތަކަކަށް ދެމިހުންނަނިވި ޚިދުމަތަކަށް މިއަދު މިވަނީ ވެފައެވެ. އެ ޚިދުމަތަށް 50 އަހަރު ފުރި ރަންޔޫބީލް ފާހަގަކުރަމުންދާއިރު، ޤައުމީ ފެންވަރެއްގައި މިއަދުގެ ސަރުކާރުން މި ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށް ނިންމެވިކަން އެއީ، އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. އަދި ވަރަށްބޮޑު
ހިތްޕުޅުހަމަޖެހިވަޑައިގަތުމެއްވެސް މެއެވެ.

އަލްމަރްޙޫމް މުޙައްމަދު ތައުފީޤަކީ، ދިވެހި ޤައުމަށާއި، ދިވެހި ދައުލަތަށްވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދައުލަތަށް 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ، ބަންޑާރަ ނައިބުގެ އޮފީހުގައި، ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން، ދައުލަތުން ދަޢުވާ ކުރައްވާ މައްސަލަތަކުގައި ކޯޓުތަކަށް ވަޑައިގެން، ވަކާލާތު ކުރެއްވުމުގައެވެ. އެއީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެހީތެރިޔާ ކަމުގެ މަގާމުގައްޔާއި، ސީނިއަރ އެހީތެރިޔާ ކަމުގެ މަގާމުގައްޔާއި، ސްޓޭޓް އެޓަރނީގެ މަގާމުގައްޔާއި، އަދި ސީނިއަރ ސްޓޭޓް އެޓަރނީގެ މަގާމުގައި ހުންނަވައިގެންނެވެ. މީގެއިތުރުން، ފެލިދުއަތޮޅު އަތޮޅުވެރިކަމާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަމާއި، މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިކަމާއި، އަރިއަތޮޅުގެ އަތޮޅުވެރިކަމާއި، ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަންވެސް އަލްމަރްޙޫމް މުޙައްމަދު ތައުފީޤު ކުރެއްވިއެވެ. އަދި މާލޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރެއްވިއެވެ.

އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ޚާއްޞަ އަނެއް ފަންނަކީ މަދަޙަ ވިދާޅުވުމެވެ. މިގޮތުން، އެންމެ ރީތިކޮށް ވިދާޅުވި އެއް މަދަޙަޔަކީ، "އޭ ޞާޙިބާ، އޭ ޞާޙިބާ" މި މަދަޙައެވެ. މަރްޙޫމް މުޙައްމަދު ތައުފީޤަކީ، ރީތިކޮށް ލަވަ ވިދާޅުވުމުގެ ހުނަރުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެންމެ ރީތިކޮށް ވިދާޅުވި އެއް ލަވަޔަކީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެގެންދިޔަ "މެރޭ ލޯ ދެކޭ ހޫނާ" މި ލަވައެވެ. މިއީ، މިއަދުވެސް އަޅުގަނޑުމެންގެ އެތައް ބައެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލަވައެކެވެ.

އަލްމަރްޙޫމް މުޙައްމަދު ތައުފީޤު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، 1995ވަނަ އަހަރުގެ އެޕްރީލް މަހުގެ 23ވަނަ ދުވަހުއެވެ. އޭރު އުމުރުފުޅަކީ 61 އަހަރެވެ. މުޙައްމަދު ތައުފީޤު މި ދުނިޔެ ދޫކުރެއްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ފުން ހިތާމައެއް ނަމަވެސް، އެ އަޑުފުޅު މިއަދު ވެފައި ވަނީ އަގުނުކުރެވޭ ފަދަ ޖައުހަރަކަށެވެ. ގިނަ އަދަދެއްގެ އުފެއްދުންތެރި ޅެންތަކެއް އަޅުގަނޑުމެންނަށް ހަދިޔާ ކުރައްވައިފައިވާ ރާއްޖޭގެ މަޝްހޫރު އެއް ޝާޢިރު އަދި ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު، ތައުފީޤުގެ މަތިވެރި ޚިދުމަތް، ޅެންބަހުން ސިފަކުރައްވަމުން ވިދާޅުވެފައިވަނީ،

      އަޑުފުޅުން ދިވެހީންގެ ވިންދާ ކުޅެލައޭ ޝައްކެއްނެތޭ
             އަޑުއަހައިލަން ހާދަހައި ބޭނުންވެއޭ ބުނެވޭނެތޭ
      ކޮންމެ އަކުރެއް ކޮންމެ ލަފުޒެއް އޭގެ އަސްލާ އެއްގޮތަށް
             ގެންނަވާލެއް ހާދަ ރީއްޗޭ ޝުކުރަކަށް ނިމުމެއްނެތޭ
      ލަޙުދުގައިވެ ފަނާވިޔަސް ތިޔަ އަޑުފުޅަށް ދިރުމެއްވެއޭ
              އަހުރަވެތިވީ ބަސްތަކުން ގިނަ ރަޙްމަތަށް އެދެވޭނެތޭ

މާތްﷲ، މަރްޙޫމް މުޙައްމަދު ތައުފީޤުގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ!