ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް
ވ. އަކީލާ

ހައްދުންމަތީ ގަމަށް އުފަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި، މިހާރުވެސް ޚިދުމަތުގައި ދެމިހުންނަނިވި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުން ގުރޭޑު 10 ނިންމެވިތަނާ މެޑިސިން ކޯހެއް ފުރިހަމަކުރެއްވުމަށް އިންޑިއާއަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އެއީ، ޖީ.ސީ.އީ. އޯ. ލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ލިބޭ ފުރުޞަތަކަށްވާތީ، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަށް
އެ ފުރުޞަތު ލިބިވަޑައިގަތުމުން، އެކަން ގަބޫލުކުރައްވައި، ކޯސް ފުރިހަމަކުރެއްވުމަށް ވަޑައިގަތީއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، އިންޑިއާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 1982ވަނަ އަހަރުގެ ކުރީކޮޅު، އެމް.ބީ.ބީ.އެސް. ފުރިހަމަކުރައްވައި، އެއް އަހަރު ދުވަހުގެ އިންޓަރންޝިޕް ހެއްދެވުމަށްފަހު، އަދި ކްލިނިކަލް މެޑިސިންގެ ދާއިރާތަކުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދެވުމަށްފަހު، އެނބުރި ރާއްޖެއަށް ވަޑައިގެން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 އެޕްރީލް 1985 ގައި އޭރުގެ ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރުގެ މަގާމުންނެވެ. ވަޒީފާ ލިބިވަޑައިގެންނެވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން، އައްޑުއަތޮޅަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ، އޭރު އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި އެއްވެސް ޑޮކްޓަރަކު ނެތުމާ އެކުގައެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ޑަރމެޓޮލޮޖީގެ ރޮނގުން ޑިޕްލޯމާ ހާސިލުކުރެއްވުމަށް ތައިލެންޑަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، 1988ވަނަ އަހަރު، މުލީ ރީޖަނަލް ހޮސްޕިޓަލް ހުޅުވުމާ ގުޅިގެން، ފުރަތަމަ ތިންމަސް ދުވަހު އެ ހޮސްޕިޓަލުގައިވެސް ޑޮކްޓަރ ޢަޒީ ޚިދުމަތް ކުރެއްވިއެވެ. އެ ހޮސްޕިޓަލުގައި އޭރު ހުންނެވި ހަމައެކަނި ޑޮކްޓަރަކީ ޑޮކްޓަރ ޢަޒީއެވެ.

އެއަށްފަހު، މާލެއަށް ވަޑައިގެން، ސެންޓްރަލް ހޮސްޕިޓަލުގައި އަދި، ފަހުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޑޮކްޓަރ ޢަޒީ ޚިދުމަތް ކުރެއްވިއެވެ. މިގޮތުން، ކޮންސަލްޓަންޓް އިން މެޑިސިންގެ މަގާމާއި، ސީނިއަރ ކޮންސަލްޓަންޓް އިން މެޑިސިންގެ މަގާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވިއެވެ. މީގެއިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރ، މެޑިކަލް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަގާމުވެސް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް އަދާކުރެއްވިއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރގެ ނައިބު ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، ތަފާތު އެހެން މަގާމުތައްވެސް ފުރުއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް އިޚުލާޞްތެރިކަމާ އެކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ޗެއަރމަން ކަމާއި، މޯލްޑިވްސް ނަރސިންގ ކައުންސިލްގެ މެންބަރު ކަމާއި، މޯލްޑިވްސް ހެލްތު ސައިންސް ބޯޑުގެ މެންބަރު ކަމާއި އަދި، ނޭޝަނަލް އެއިޑްސް ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަންކަން ކުރެއްވިއެވެ. މީގެއިތުރުން، ކޮލެޖް ކައުންސިލްގެ މެންބަރު ކަމާއި، ނޭޝަނަލް ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ މެންބަރު ކަމާއި، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ މެންބަރު ކަމާއި، ހަޔަރ އެޑިޔުކޭޝަން ޓްރަސްޓް ފަންޑުގެ މެންބަރުކަންވެސް، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ކުރެއްވިއެވެ. މިހާރުވެސް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ހުންނެވީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަގާމުގައެވެ. މީގެއިތުރުން، ނޭޝަނަލް ކޮމިޓީ ފޮރ އެލިމިނޭޝަން އޮފް މީސްލްސް އެންޑް ރުބެއްލާ ޕުރޮގުރާމުގެ ޗެއަރމަން ކަމުގެ މަގާމާއި، ނޭޝަނަލް ސަރޓިފިކޭޝަން ކޮމިޓީ ފޮރ ޕޯލިއޯ އެލިމިނޭޝަންގެ ޗެއަރމަން ކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަން އަދާކުރައްވަމުން ގެންދަވައެވެ.

ޞިއްޙީ ދާއިރާއިން މީހުން ބިނާކުރެއްވުމުގައިވެސް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ހިންގެވި ކޮމިއުނިޓީ ހެލްތު ވަރކަރުން ތަމްރީނު ކުރުމުގެ ކޯހުގައްޔާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް 1996ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނިޔަލަށް ހިންގި، ކާޑިއެކް ލައިފް ސަޕޯޓް ޓްރޭނިންގ ސެޝަންތަކުގައި ވަނީ ކިޔަވައި ދެއްވައިފައެވެ. އަދި، ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ހިންގެވި ނަރުހުން ތަމްރީނު ކުރުމުގެ ކޯހުގައި ކިޔަވައި ދެއްވައިފައި ވެއެވެ. ޔޫރަޕުގެ ޑައިވިންގ އެންޑް ހައިޕަރބެރިކް ސޮސައިޓީން 2001ން 2009ވަނަ އަހަރުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިޒޯޓުގައި ހިންގި ހައިޕަރބެރިކް އެންޑް ޑައިވިންގ މެޑިސިން ކޯހުގައި ބައިވެރިވެވަޑައިގެން ތަމްރީނު ހޯއްދެވުމަށްފަހު، އެ ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ކިޔަވައި ދެއްވައިފައި ވެއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ވަނީ، އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގައި، ޓްރޮޕިކަލް މެޑިސިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އެއަށްފަހު އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސަސް އޮފް ޔޫ.ކޭ (އެން.އެޗް.އެސް.)ގެ ހޮސްޕިޓަލުތަކުގައި އިންޓަރނަލް މެޑިސިންގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯއްދެވުމުގެ ގޮތުން މަސައްކަތް ކުރައްވައި، 1996ވަނަ އަހަރު އެމް.އާރު.ސީ.ޕީ. އެގުޒާމުން ފާސްވެވަޑައިގެންނެވިއެވެ. އިނގިރޭސިވިލާތުގައި ކިޔަވައި ވިދާޅުވީ އަމިއްލަފުޅު ޚަރަދުގައެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަށް ވަނީ، ލަންޑަން ރޯޔަލް ކޮލެޖް އޮފް ފިޒީޝަނުން މެންބަރ އޮފް ރޯޔަލް ކޮލެޖް އޮފް ފިޒިޝަން (އެމް.އާރު.ސީ.ޕީ.) ލިބިވަޑައިގެންފައެވެ. އަދި ފެލޯ އޮފް ރޯޔަލް ކޮލެޖް އޮފް ފިޒިޝަން، ލަންޑަން (އެފް.އާރު.ސީ.ޕީ.)ގެ އެވޯޑު 2017ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

ރާއްޖެއިން ބޭރުގައި ޑޮކްޓަރ ޢަޒީ ހުންނެވިއިރުވެސް، އެކި ކަންކަމުގައި ބޭނުންވާ ލަފައާއި އެހީތެރިކަން، ރާއްޖޭގެ ޞިއްހީ ދާއިރާއަށް ދެއްވަމުން ގެންދަވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ޑަބްލިޔޫ.އެޗް.އޯ.ގެ އެގްޒެކެޓިވް ބޯޑަކީ، އެ ޖަމުޢިއްޔާއިން ނިންމާ މުހިންމު ނިންމުންތައް ނިންމާ އެންމެމަތީ ބޯޑެވެ. މީގެއިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ ސައުތު އީސްޓް އޭޝިއާގެ އެޑްވައިޒަރީ ކޮމިޓީ އޮފް ހެލްތު ރިސަރޗްގެ މެންބަރު ކަމާއި، ޑަބްލިޔޫ.އެޗް.އޯ.ގެ ސްޓާފް ޕެންޝަން ކޮމިޓީގެ މެންބަރު ކަމާއި، ގްލޯބަލް ފަންޑް ފޮރ އެޗް.އައި.ވީ.، ޓީ.ބީ.، މެލޭރިއާ ބޯޑުގެ މެންބަރު ކަމާއި، އަދި، ކޮމަންވެލްތު އެޑްވައިޒަރީ ކޮމިޓީ އޮން ހެލްތުގެ މެންބަރުކަން، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ކުރެއްވިއެވެ. މިގޮތުން، ޞިއްޙަތާ ބެހޭ ބައިނަލްއަގުވާމީ އެކިއެކި ޖަމުޢިއްޔާތަކުގައި، ޑޮކްޓަރ އަބްދުލްޢަޒީޒް ޔޫސުފް، ރާއްޖެ ތަމްސީލު ކޮށްދެއްވުމަކީ، ރާއްޖެއަށް ޞިއްޙީ ރޮނގުން އިތުރު ކުރިއެރުމާއި އެހީތެރިކަން ލިބިގެންދިޔަ ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި، މަގުމައްޗަށް ނުކުމެވަޑައިގެން، އަމިއްލަފުޅު ކުލިނިކުން ބޭހާއި، އައި.ވީ. ފްލުއިޑާއި ބެންޑޭޖު ގެންނަވައިގެން، ޒަޚަމްވި މީހުންނަށް ފަރުވާ ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

މީގެއިތުރުން، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ޗީފް މެޑިކަލް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްވެސް މެއެވެ. އެގޮތުން، އޭރު އިމަރޖެންސީ ފަރުވާ ބޭނުންވި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދެއްވުމުގައި، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. ރެޑްކްރޮސް ނުވަތަ ރެޑް ކްރެސެންޓް ސޮސައިޓީއެއް، ރާއްޖޭގައި އުފެއްދުމުގެ މުހިންމުކަން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ވަޒަންކުރެވިގެން ދިޔައީ އެ ދުވަސްވަރުއެވެ.

އެހެންކަމުން، އާންމުންގެ ހޭލުންތެރިކަން އިތުރުކުރައްވައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، އަދި ބައިނަލްއަގުވާމީ ރެޑް ކްރެސެންޓް ޖަމުޢިއްޔާއާ ވިލަރެސް ކުރައްވައި މަޝްވަރާ ކުރައްވައިގެން، މޯލްޑިވްސް ރެޑް ކްރެސެންޓް ސޮސައިޓީ ވުޖޫދަށް ގެންނެވުމުގައި، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ. މި ޖަމުޢިއްޔާ ރާއްޖޭގައި އުފެދުނީ، 2009ވަނަ އަހަރުއެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވުނު މައިގަނޑު އެއްކަމަކީ، ވިހެއުމުގެ ތެރޭގައި މައިން މަރުވާ އަދަދު އިތުރުވެގެންދިޔުމެވެ. އެއް ސަބަބަކީ، އިމަރޖެންސީ ހާލަތުގައި ފަރުވާ ނުދެވި ލަސްވުމެވެ. އަދި، މާލެއަށް ގެންނަންޖެހޭއިރު، އޭރު ވަސީލަތްތައް ހުރިގޮތުން، އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުމެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ދެކެވަޑައިގަންނަވާ ގޮތުގައި، މިއަދު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި ވަނީ، އާންމު ޞިއްޙަތަށެވެ. އޭރު ރަށްރަށުގައި ކުރެވުނު ކޮމިއުނިޓީ މަސައްކަތްތައް ގެއްލިގެންދިޔުމަކީ، ވަރަށް ހިތާމަހުރި ކަމެއް ކަމާއި، ޙަޤީޤަތުގައި ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ، އޭރު ކުރަމުން ގެންދިޔަ ޕަބްލިކް ހެލްތުގެ މަސައްކަތް މިހާރު ރަނގަޅަށް ނުކުރެވޭތީ ކަމަށް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ދެކެވަޑައިގަންނަވައެވެ. އެހެންނަމަވެސް، ޚާއްޞަ ސަމާލުކަމެއް ދީގެން، މުޅި ރާއްޖޭގައި މި ޒަމާނަށް ފެތޭގޮތަށް ޕްރިވެންޓިވް އެންޑް ޕްރޮމޯޓިވް ހެލްތުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި މިއަދު ކުރިއަށް ގެންދަންޖެހޭ ކަމަށް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ދެކެވަޑައިގަންނަވައެވެ. އަދި މިއީ ހަމައެކަނި ޞިއްޙީ ދާއިރާއިން ކުރެވޭނެ ކަމެއް ނޫންކަމާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރެވޭނެ ކަންތައްތައް ކަމަށް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ފާހަގަކުރައްވައެވެ.

ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަކީ، މިހާރުވެސް މާލޭގެ އެކިއެކި ކުލިނިކުތަކުގައި ބަލިމީހުން ބައްލަވައި، ފަރުވާ ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެއީ، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައެވެ. ޑޮކްޓަރ ޢަބްދުލްޢަޒީޒް ބޭސްފަރުވާ ކުރައްވާ ވަރަށްގިނަ އަދަދެއްގެ ދިވެހީން މިހާރުވެސް ތިބިކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ގަވާއިދުން ބައްލަވާ ބަލިމީހުންގެ އަދަދު އިތުރުވެފައިވާކަމީވެސް އެކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއިން މަސައްކަތް ކުރަމުންދާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެކި ރޮނގުރޮނގުން އެހީތެރިވެދެއްވައި، ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.