އަލްފާޟިލް މޫސާ ލަޠީފް
މ. ހުސްނޫ

ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް އުފަން މޫސާ ލަޠީފް، ކިޔަވައި ވިދާޅުވާން 1980ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން، އެމް.އީ.އެސް. އިން ތަޢުލީމު ހާސިލުކުރައްވަން ފެށްޓެވި ހިސާބުން، ދިވެހިބަހާ މެދު ހިތްޕުޅުގައި އުފެދިފައި އޮތް ލޯބި އިތުރުވެ، ދިވެހިބަހުގެ ލިޔުންތައް ވަރަށް ގިނައިން ވިދާޅުވަމުން ގެންދެވިއެވެ. އޭރު ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން، އެތަނުގައި އެތައް ވަގުތެއް ހޭދަކުރެއްވީ، ދިވެހިބަހުގެ ލިޔުންތަކާއި، ނޫސްތައް ވިދާޅުވުމުގައެވެ. އެ ދުވަސްވަރު އުފެދުނު ޝައުޤުވެރިކަމާ އެކުގައި، 1987ވަނަ އަހަރުގެ ތެރޭގައި، ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވިއެވެ.

މޫސާ ލަޠީފުގެ ހިތްޕުޅުގައި ލިޔުންތެރިކަމަށް އުފެދުނު ޝައުޤުވެރިކަމުގެ ނަތީޖާއަކަށްވީ، މޫސާ ލަޠީފުގެ ލިޔުންތައް، ދުވަހު ނޫސް "ހަވީރު"ގެ ސަފުހާތަކުން ފެންނަން ފެށުމެވެ. އެއީ، 1987ވަނަ އަހަރުއެވެ. އޭގެފަހުން، ދޭތެރެ ދޭތެރެއިން މޫސާ ލަޠީފުގެ މަޒުމޫނުތައް، އެ ނޫހުގައި ޝާއިޢުކުރަމުން ގެންދިޔައެވެ.

އެންމެފަހުން "ހަވީރު" ނިއުސްރޫމަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދި، 1989ވަނަ އަހަރުގެ ކުރީކޮޅު، އެ ނޫހުގެ ޗެއަރމަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް، އެކަމުގެ ފުރުޞަތަކަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވިއެވެ. އެހިސާބުން "ހަވީރު" ނޫހުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު، މޫސާ ލަޠީފަށް ދެއްވިއެވެ. މިއީ، އޭރު "ހަވީރު" ނޫހުގައި މަސައްކަތް ކުރައްވާ ނޫސްވެރިންގެ އަރިހުން ނޫސްވެރިކަމުގެ ތަޖުރިބާ މޫސާ ލަޠީފަށް ލިބިވަޑައިގެން، "ހަވީރު" ނޫހުގައި ފުލްޓައިމްކޮށް މަސައްކަތް ކުރައްވަން ފެށްޓެވި ހިސާބެވެ.

އޭގެފަހުން، މޫސާ ލަޠީފުގެ ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވީ ނޫސްވެރިކަމުގައެވެ. "ހަވީރު" ނޫހުގެ ކުޅިވަރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށިގެން ސީނިއަރ ރިޕޯޓަރު ކަމާއި، ސަބް އެޑިޓަރ ކަމާއި، އެސިސްޓެންޓް އެޑިޓަރު ކަމާއި، ސީނިއަރ އެސިސްޓެންޓް އެޑިޓަރު ކަމާއި، އެކްޓިންގ އެޑިޓަރުކަން ކުރެއްވިއެވެ. އަދި 2010ވަނަ އަހަރުގެ މޭ މަހުން ފެށިގެން 1 އެޕްރީލް 2016 ގައި "ހަވީރު" ނޫސް ވަގުތީގޮތުން ހުއްޓާލަންދެން އެޑިޓަރުކަން ކުރައްވަމުން ގެންދެވީ މޫސާ ލަޠީފެވެ.

މި ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި، މޫސާ ލަޠީފް އެންމެބޮޑު ސަމާލުކަމެއް ދެއްވީ، ލިޔުއްވާ ކޮންމެ ލިޔުއްވުމަކީ، އުފެއްދުންތެރި، ބޭނުންތެރި، އަގުހުރި ލިޔުމަކަށް ހެއްދެވުމަށެވެ. ހަމައެކަނި އެއްޗެއް ލިޔުއްވުމުގައި ދުވަސްތަކެއް ހޭދަކުރެއްވީއެއް ނޫނެވެ.

ޒަމާންވީ ނޫސްވެރިކަމުގައި ހިމެނޭ މައިގަނޑު ހުރިހާ ވައްޓަފާޅިއެއްގެ ލިޔުންތައް މޫސާ ލަޠީފް ލިޔުއްވިއެވެ. އޭގެތެރޭގައި، ޚަބަރު، ފީޗަރ ނިއުސް، ބްރޭކިންގ ނިއުސް، ރިޕޯޓު، ފީޗަރ ރިޕޯޓު، ތަޙުޤީޤީ ރިޕޯޓު، ޕްރޮފައިލް އަދި ކޮލަމް ހިމެނެއެވެ. މި ހުރިހާ ވައްޓަފާޅިއެއްގެ ލިޔުން، ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ފުރަތަމަ ތަޢާރުފު ކުރެއްވި ނޫސްވެރިންގެ ތެރޭގައި، މޫސާ ލަޠީފް ހިމެނިވަޑައިގަންނަވައެވެ. އޭގެކުރިން، ރާއްޖޭގައި ލިޔަމުން ގެންދިޔައީ، ޚަބަރާއި، މަޒުމޫނާއި، ޕްރޮފައިލް އަދި ކޮލަމް ފަދަ މަދު ލިޔުންތަކެވެ.

މޫސާ ލަޠީފަށް މި ރޮނގުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް، އާ ހިތްވަރެއް ލިބިވަޑައިގަތީ، ނޫސްވެރިކަމުގެ ރޮނގުން 2001ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އޭގެފަހުން، ނޫސްވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކުރެއްވިއެވެ. ޚާއްޞަކޮށް، 2004ވަނަ އަހަރު "ހަވީރު"ގެ އެކްޓިންގ އެޑިޓަރުކަން ލިބިވަޑައިގަތުމާއި، އާ ޤާނޫނުއަސާސީއާ އެކު 2008ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ އަދި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމުގައި، ކުރީގެ ނޫސްވެރިކަން މާޒީވެ، ދެން އުފުއްލަވަން ޖެހިވަޑައިގެންނެވި ޒިންމާ، އޭގެކުރިން ކުރެއްވި މަސައްކަތަކާ ނުބައްދަލުކަން މޫސާ ލަޠީފް ފާހަގަކުރައްވައެވެ.

އާ ޤާނޫނުއަސާސީއަކާ އެކު ލިބުނު ނޫސްވެރިކަމުގެ މިނިވަންކަމާ އެކުގައި، ޓެކްނޯލޮޖީގެ ކުރިއެރުންވެސް އަންނަމުންދިޔައީ އެހާމެ ބާރަށެވެ. އެ ކުރިއެރުމުގައި "ހަވީރު" އާއި، އޭގެފަހުން "މިހާރު" ނޫހަށް ހިފަހައްޓައިލެވުނީ، ނިއުސްރޫމްގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން މޫސާ ލަޠީފުގެ އިރުޝާދާއި، ރިޕޯޓަރުންނެކޭ އެއްގޮތަށް، މި ޤައުމުގައި ހިނގާ މުހިންމު ކަންކަމާއި، ހާދިސާތަކާ ގުޅޭ ގިނަ ލިޔުންތަކެއްވެސް ލިޔުއްވައިގެންނެވެ. "ހަވީރު" ނޫހާއި، "މިހާރު"ގެ މެނޭޖްމަންޓުން ވަނީ މޫސާ ލަޠީފުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

މޫސާ ލަޠީފުގެ އިސް ޒިންމާތަކުގެ ތެރެއިން ކަވަރު ކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި، 2004ވަނަ އަހަރުގެ މާރިޗު މަހު، އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާއާއި، 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ހިތާމަވެރި ސުނާމީގެ ކާރިސާއާއި، 2012ވަނަ އަހަރު ފެބުރުވަރީ 7 އަދި 8 ވަނަ ދުވަހު ހިނގީ، ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި، 2013ވަނަ އަހަރާއި، 2018ވަނަ އަހަރާއި، 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، 2014ވަނަ އަހަރާއި، 2019ވަނަ އަހަރާއި، މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ފާހަގަކޮށްލެވެއެވެ. އަދި 2015ވަނަ އަހަރު ފާހަގަކުރި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރާ ގުޅޭގޮތުން ލިޔުއްވި ލިޔުންތައްވެސް ފާހަގަކޮށްލަން ޖެހެއެވެ.

މީގެއިތުރުން، ވަރލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ގުޅިގެން، 2010ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް "ހަވީރު" ނޫހާއި، "މިހާރު" ނޫހުން ނެރުނު ޚާއްޞަ ފޮތުގެ އެޑިޓަރުކަން ކުރެއްވީވެސް މޫސާ ލަޠީފެވެ. މިއީ، ވަރލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ބެހޭގޮތުން ދިވެހިންނާ ހަމަޔަށް ގެނެސްދިން މައުލޫމާތުގެ ވަރަށް މުހިންމު ބައެކެވެ.

"ހަވީރު" ނޫހުގެ މުހިންމު ބްރޭންޑެއް ކަމަށްވާ "ހަވީރު ސްޕޯޓްސް އެވޯޑް" 1994ވަނަ އަހަރު ތަޢާރުފު ކުރުމުގައި، އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން، 2010ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާ ހަމައަށް، އެ އެވޯޑް އިންތިޒާމު ކުރެއްވުމުގައި، އެންމެ އިސް ބޭފުޅަކަށް ހުންނެވީ މޫސާ ލަޠީފެވެ.

2017ވަނަ އަހަރާއި، 2018ވަނަ އަހަރު "މިހާރު އެވޯޑްސް"ގައިވެސް މޫސާ ލަޠީފް ވަނީ އެ ޒިންމާ އުފުއްލަވައިފައެވެ.

ނޫސްވެރިކަމުގައި މޫސާ ލަޠީފުގެ އެންމެބޮޑު އެއް މަސައްކަތަކަށް ވެގެންދިޔައީ، 7 ފެބުރުވަރީ 2012ގެ ހާދިސާ ގުޅޭގޮތުން ލިޔުއްވި ފެބުރުވަރީ 7ގެ ފޮތެވެ. މިއީ ގިނަ ބައެއްގެ އިންޓަރވިޔުތަކެއްގެ މައްޗަށް ބިނާކުރެއްވި އަދި އެ ހާދިސާގެ އިތުރުން، ރާއްޖެ މިހާރު ދެކެމުން އަންނަ ޑިމޮކްރެސީއަށް ފުރޮޅިގެންދިޔަ ތާރީޚުގެ މައްޗަށްވެސް ތަޙުޤީޤީ ބަޔާންތަކެއް ހިމެނުއްވި ފޮތެކެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ މޫސާ ލަޠީފް މިހާރު ހުންނެވީ، "ދައުރު" ނޫހުގެ އެޑިޓަރު ކަމުގެ މަގާމުގައެވެ.