އަލްފާޟިލް މުޙައްމަދު ނާޞިރު
މ. މެޓްރޯވިލާ

 ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މުޙައްމަދު ނާޞިރަކީ، ރާއްޖޭގައި ރަސްމީ ސިފައެއްގައި ކުޅެވުނު ވަރަށްގިނަ ކުޅިވަރުތަކެއްގައި، ކުޅުންތެރިއެއްގެ ގޮތުން ވަރަށް މަޝްހޫރުކަން ހޯއްދެވި ބޭފުޅެކެވެ. ފުޓުބޯޅައާއި ޓީ.ޓީ. އާއި، ކްރިކެޓާއި، ހޮކީއާއި، ބެޑްމިންޓަނާއި، އެތުލެޓިކްސް، ޓެނިސް، ބާސްކެޓް، ވޮލީ އަދި ބައިސްކަލް ރޭސްތަކުން، މުޙައްމަދު ނާޞިރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. އަދި މަންޑި ފަދަ ސަގާފީ ކުޅިވަރުތަކުގައިވެސް ނާޞިރު ވަނީ ރަތް ވަނަތަކެއް ހޯއްދަވައިފައެވެ.

މުޙައްމަދު ނާޞިރު، ކުޅިވަރު ކުޅުއްވަން ފެށްޓެވީ، ވަރަށް ޅައުމުރުގައި މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. ކުލަބުތަކަށް ކުޅުއްވަން ފެށްޓެވީ، 1968ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރު ފުރަތަމަ ފުޓުބޯޅަ ކުޅުއްވީ ޒަމާނީ މިޔުޒިކު ކުލަބަށެވެ. 1969ވަނަ އަހަރު އެ ކުލަބުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ހުރިހާ ޒިންމާއެއް ނަންގަވައިގެން، ޓީމު ގޮވައިގެން ނުކުމެވަޑައިގަތެވެ. 1970ވަނަ އަހަރަކީ، ޒަމާނީ މިޔުޒިކު ކުލަބަށް ވަރަށް މުހިންމު އަހަރަކަށް ވެގެންދިޔައެވެ. އެއީ، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ މުބާރާތް، މާލެއިން ބޭރުގައި، އައްޑުއަތޮޅު ހިތަދޫގައި ބޭއްވުނު އަހަރު ކަމަށްވީތީއެވެ. އެ އަހަރު ޒަމާނީ މިޔުޒިކު ކުލަބުގެ ޓީމު ގޮވައިގެން، ދަނޑަށް ނުކުންނަވައި، އެއްވެސް މެޗަކުން ބަލިނުވެ، ޖޮއިންޓް ޗެމްޕިއަންކަން ޓީމު ހޯދީ، ނާޞިރުގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އަދި އެ އަހަރު މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމުވެސް ހޯއްދެވީ ނާޞިރެވެ. އޭގެފަހުން، ވިކްޓްރީ ސްޕޯޓްސް ކުލަބަށްވެސް ނާޞިރު ފުޓުބޯޅަ ކުޅުއްވިއެވެ. ކުލަބުތަކަށް ކުޅުއްވިއިރު، އެންމެމޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމާއި، އަދި ބަޔަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔާގެ މަގާމު، ޖެހިޖެހިގެން ދެ އަހަރު ހޯއްދެވިއެވެ. 1981ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ނިއުރޭޑިއަންޓުގެ ފުޓުބޯޅަ ޓީމަށް ކުޅުއްވައި، އެ އަހަރު ޗެމްޕިއަންކަން ހޯއްދެވިއެވެ. 1979ވަނަ އަހަރު ރީ-ޔޫނިއަންއަށް ދިޔަ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ވައިސް ކެޕްޓަންކަން ނާޞިރު ކުރެއްވިއެވެ.

1983ވަނަ އަހަރު، މުޙައްމަދު ނާޞިރުގެ މަސްއޫލުވެރިކަމުގެ ދަށުގައި ކުލަބު ލެގޫންސް އުފައްދަވައި، ރާއްޖޭގެ ނަން މަޝްހޫރު ކުލަބަކަށް އެ ކުލަބު ހެއްދެވިއެވެ. އެފް.އޭ.ކަޕްގެ ޗެމްޕިއަންކަން ދެފަހަރު، އަދި ޤައުމީ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެއްފަހަރު އެ ކުލަބުން ހޯދިއެވެ. އަދި 2007ވަނަ އަހަރުން ފެށިގެން 2013ވަނަ އަހަރާ ހަމަޔަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ފުޓުބޯޅަ ޓީމުގެ ސްޕޯޓްސް ޑައިރެކްޓަރެއްގެ ހައިސިއްޔަތުންނާއި، މެނޭޖަރެއްގެ ހައިސިއްޔަތުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ކާމިޔާބީތަކެއް ނާޞިރު ވަނީ އެ ކުލަބަށް ހޯއްދަވައި ދެއްވައިފައެވެ.

މުޙައްމަދު ނާޞިރަކީ، ފުޓުބޯޅަ ކުޅުއްވުމުގެ އިތުރުން، ފުޓުބޯޅައިގެ ރެފްރީކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. ފުޓުބޯޅައިގެ ހުރިހާ ޑިވިޜަނެއްގައި ރެފްރީކަމާއި، ލައިންސްމަންކަން، 1974ވަނަ އަހަރުން ފެށިގެން 1986ވަނަ އަހަރާ ހަމަޔަށް ކުރެއްވިއެވެ. ނާޞިރަކީ ރެފްރީ ކަމުގެ ގްރޭޑް 1ގެ ސެޓުފިކެޓު ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. 1986ވަނަ އަހަރުން ފެށިގެން 1996ވަނަ އަހަރާ ހަމަޔަށް، ފުޓުބޯޅަ މުބާރާތްތަކުގެ ފަނޑިޔާރެއްގެ ގޮތުގައިވެސް މުޙައްމަދު ނާޞިރު މަސައްކަތް ކުރެއްވިއެވެ. އަދި އެންމެ ފުރަތަމަ ހޮވި ރެފްރީންގެ ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވިއެވެ.

ފުޓުބޯޅައިގެ އިތުރުން، ކްރިކެޓްގައިވެސް މުޙައްމަދު ނާޞިރަކީ ވިދާލި ކުޅުންތެރިއެކެވެ. ކްރިކެޓް ފުރަތަމަ ކުޅުއްވީ، 1968ވަނަ އަހަރު އޯކިޑް ކުލަބަށެވެ. އެ އަހަރަކީ އެ ކުލަބަށް ތަށި މިލްކުވާ އަހަރު ކަމަށްވާތީ، އެ އަހަރުގެ މުބާރާތުގައި ކުޅުއްވައި، އެ ކުލަބަށް ޗެމްޕިއަންކަން ހޯއްދަވައި ދެއްވިއެވެ. އޯޕަނިންގ ބެޓްސްމަނަކަށް ކުޅުއްވައި، އެ މުބާރާތުގެ އެންމެމޮޅު ހޮވުންތެރިޔާގެ މަގާމުވެސް ހޯއްދެވިއެވެ. އޭގެފަހުން 1969ވަނަ އަހަރުން ފެށިގެން 1972ވަނަ އަހަރުގެ ނިޔަލަށް މުޙައްމަދު ނާޞިރު ކްރިކެޓް ކުޅުއްވީ، ޒަމާނީ މިޔުޒިކު ކުލަބަށެވެ. 1982ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ތަޢާރުފު ކުރެއްވި، ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގެ ދެ މެޗެއްގެ މޭން އޮފް ދަ މެޗުކަން ހޯއްދަވައި، ފައިނަލް މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހާސިލުކުރެއްވިއެވެ. މީގެއިތުރުން، ކްރިކެޓް ކުޅުމަށް މާލޭ ސްޕޯޓްސް ކުލަބުގެ ނަމުގައި ނާޞިރު އަމިއްލަފުޅަށް ކުލަބެއް އުފައްދަވައިގެން ހިންގަވަމުން ގެންދަވައެވެ. އަދި ގިނަ ކާމިޔާބީތަކެއް އެ ކުލަބަށް ވަނީ ހޯއްދަވައި ދެއްވައިފައެވެ. ދިގު މުއްދަތެއްގައި ކްރިކެޓަށް ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލުން " ލޯންގް ސަރވިސް އެވޯޑު"ގެ އައްޑަނައެއް ނާޞިރަށް ވަނީ އަރުވައިފައެވެ.

ޓޭބަލްޓެނިހަކީވެސް ވަރަށް ޝައުޤުވެރިކަމާ އެކުގައި މުޙައްމަދު ނާޞިރު ކުޅުއްވި ކުޅިވަރެކެވެ. ތޭރަވަރަކަށް އަހަރު ޤައުމީ ފެންވަރުގައި އެ ކުޅިވަރު ކުޅުއްވިއެވެ. މީގެއިތުރުން، ނާޞިރަކީ މޮޅު ހޮކީ ކުޅުންތެރިއެއްވެސް މެއެވެ. މިގޮތުން، 1971، 1972 އަދި 1973ވަނަ އަހަރު، ވިކްޓްރީ ސްޕޯޓްސް ކުލަބް، ހޮކީ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ގޯލްކީޕަރުކަން ކުރެއްވީ ނާޞިރެވެ. މީގެއިތުރުން، 1979 ން 1983 އަށް ބޭއްވި ޤައުމީ ހޮކީ މުބާރާތްތަކުގައިވެސް ކުޅުއްވިއެވެ. މުޙައްމަދު ނާޞިރު ވަނީ ހޮކީ އަމްޕަޔަރުކަންވެސް ކުރައްވައިފައެވެ. މީގެއިތުރުން، ނާޞިރަކީ، ކުލަބުތަކުގެ މެދުގައި ބޭއްވުނު އެތުލެޓިކްސް މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

މުޙައްމަދު ނާޞިރު ޤައުމީ ފެންވަރުގައްޔާއި، ކުލަބު ފެންވަރުގައި ގިނަ އަހަރުތަކެއްގައި ކުޅުއްވި އެހެން ކުޅިވަރުތަކުގެ ތެރޭގައި، ބެޑްމިންޓަން، ޓެނިސް، ބާސްކެޓް ބޯލް، ވޮލީ ހިމެނެއެވެ.

މީގެއިތުރުން، ބައިސްކަލް ރޭހުގެ މުބާރާތްތަކުގައިވެސް ނާޞިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައިސްކަލް ރޭހުގައި ފުރަތަމަ ބައިވެރިވެވަޑައިގަތީ، 1969ވަނަ އަހަރުއެވެ. 1ވަނަ ދުއްވުންތެރިޔާގެ މަގާމުވެސް ހާސިލުކުރެއްވިއެވެ. އެއީ، 1970ވަނަ އަހަރު ބޭއްވި މުބާރާތުންނެވެ.

މަންޑިއަކީ، ދިވެހި ސަގާފީ ކުޅިވަރެއްކަމުން، ނާޞިރު ވަނީ އެ ކުޅިވަރުގައިވެސް ރަން ވަނަތަކެއް ހޯއްދަވައި، ކުލަބުތަކަށް ކުޅުއްވައި، އެ ކުލަބުތަކަށް ޗެމްޕިއަންކަން ހޯއްދަވައި ދެއްވައިފައެވެ.

މުޙައްމަދު ނާޞިރު ވަނީ، ރާއްޖޭގައި ކުޅޭ ގިނަ ކުޅިވަރުތަކެއް ޤައުމީ ފެންވަރުގައި ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވައިފައެވެ. އެހެންކަމުން، ނާޞިރަކީ، މި ޖީލު ދުށް އެންމެމޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު ނާޞިރަކީ، ކުޅުއްވި ގިނަ ކުޅިވަރުތަކުގައި ކޯޗެއްގެ ގޮތުންވެސް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ، މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ޚާއްޞަކޮށް، ފުޓުބޯޅައާއި ކްރިކެޓުގައެވެ. ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަމްރީނު ދެއްވުމުގައި ނާޞިރުގެ ދައުރު ވަރަށް ބޮޑެވެ. ޓީމުތަކުން ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކުރުމަށްދާއިރު، އަޚްލާޤު ހިފެހެއްޓުމަށާއި، ޤައުމުގެ ނަން ހުތުރުވާނޭ ޢަމަލުތައް ނުކުރުމަށް ބާރުއަޅުއްވައެވެ. ދީނީ ކަންކަމަށް ފަރުވާތެރިވުމަށްވެސް ބާރުއަޅުއްވައެވެ. ސާފުތާހިރުކަމަށްވެސް މެއެވެ. ޓީމު މޮޅުވާ ވަގުތުގައްޔާއި، ދެރަވާ ވަގުތުގައިވެސް ހިތްވަރު ކުރުމަށް ބާރުއަޅުއްވައެވެ. ޤައުމީ ރޫޙުގައި ކުޅުމަށް އަބަދުވެސް ބާރުއަޅުއްވައެވެ.

ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން މުޙައްމަދު ނާޞިރަށް 2006ވަނަ އަހަރު ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި އޭގެ 18 އަހަރު ފަހުން، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާކަން އެއީ، ނާޞިރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.