އަލްފާޟިލް އަޙްމަދު މުޙައްމަދު
ވ. ރޭދުވާ

އަޙްމަދު މުޙައްމަދަކީ، ކުޅިވަރަށް ލޯބިކުރައްވާ، ކުޅިވަރު ކުޅުއްވާހިތްޕުޅުވާ އަދި ގާތްގަނޑަކަށް ވޭތުވެދިޔަ، ބައި ޤަރުނެއްހާ ދުވަހު ކުޅިވަރުގައި ހޭދަކުރައްވައިފައިވާ އަދި މިހާރުވެސް ކުޅިވަރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުޅިވަރުގެ ދަނޑުގައި މަޝްހޫރު ނަމުންނަމަ، "ދޮނާ"ގެ ހިތްޕުޅުގައި ކުޅިވަރުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން އެންމެ 15 އަހަރުގައެވެ. އޭރު ކުދިންކޮޅެއް އެއްކޮށްލައްވައިގެން، ހޮކީ ކުޅުމުގެ އިންތިޒާމު ހަމަޖައްސަވައި، ޓީމެއް އުފައްދަވައިގެން، ހޮކީ މެޗުތައް ރާއްވަވައި ހިންގަވަން ފެށްޓެވިއެވެ. މިއީ ކުޅިވަރު ހިންގެވުމުގައި، އަޙްމަދު މުޙައްމަދު ކުރެއްވި ފުރަތަމަ ތަޖުރިބާއެވެ. އެއީ، 1974ވަނަ އަހަރުއެވެ.

ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، އެތައް ރޮނގަކުން ޝަރަފު ހޯއްދަވައިފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރާ އެކީގައި، 1976ވަނަ އަހަރު އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. އެއީ، މުޙައްމަދު ޒާހިރު ނަޞީރު އުފެއްދެވި އެން.އެސް.އޭ. އާ އެކީގައެވެ. އެ އެކެޑަމީގެ ސެކްރެޓެރީ ޖެނެރަލެއްގެ ގޮތުގައި، 1978ން ފެށިގެން 1984ވަނަ އަހަރާ ހަމައަށް، އަޙްމަދު މުޙައްމަދު މަސައްކަތް ކުރެއްވިއެވެ. އެ ދުވަސްވަރު އެ އެކެޑަމީގެ ފަރާތުން ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ތަފާތު ކުޅިވަރު ހަރަކާތްތައް ރާއްވަވައި ހިންގެވިއެވެ. މިއީ، ކުޅިވަރު ހިންގުމުގައި އަޙްމަދު މުޙައްމަދަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެކެވެ. އަދި، މި ކުރެއްވުނު ތަޖުރިބާގެ އަލީގައި، ކުޅިވަރު ހިންގުމުގެ ތެރޭގައި ސާބިތުވެ ހުންނެވުމަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވިއެވެ.

ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ ގޭމްސްގެ ހިންގާ ކޮމިޓީގައްޔާއި، އަދި ކުޅިވަރާ ބެހޭ ތަފާތު ސަބް ކޮމިޓީތަކުގައްޔާއި، އޯގަނައިޒިންގ ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ، އަޙްމަދު މުޙައްމަދެވެ. އެއީ، ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. އަހަރަކީ 1979 ވަނަ އަހަރެވެ.

އެ އަހަރަށްފަހު، ރާއްޖޭގައި އޮލިމްޕިކް ކޮމިޓީ އުފެދި، ޖަމުޢިއްޔާތައް ވުޖޫދުވާން ފެށިއެވެ. އެ ޖަމުޢިއްޔާތަކާ އެކުގައިހެން ގިނަ ކުލަބުތައްވެސް އުފެދެން ފެށިއެވެ. މި ދެންނެވި ކުލަބުތަކުގެ ތެރެއިން މަޝްހޫރު އެއް ކުލަބު ކަމުގައިވާ ކުލަބު ވެލެންސިއާ އުފެއްދުމުގައި، އަޙްމަދު މުޙައްމަދު އަދާކުރައްވައިފައިވާ ދައުރާއި، ކުލަބު އުފެއްދެވުމަށް ކުރެއްވި މަސައްކަތް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ކުލަބު ވެލެންސިއާ ވެގެންދިޔައީ، ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް، ގިނަ ކުޅިވަރުތަކަކުން ހޯދި މަޝްހޫރު އެއް ކުލަބަށެވެ. އެ ދުވަސްވަރު އެ ކުލަބު އެންމެ ރަނގަޅަށް ހިންގުނު އެއް ސަބަބަކީ، އަޙްމަދު މުޙައްމަދުގެ ހިންގުންތެރިކަމެވެ. ކުލަބުގެ އެންމެހައި ކަންކަމުގައި، އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަޙްމަދު މުޙައްމަދެވެ.

މި ކުލަބުގެ ހިންގާ ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލެއްގެ ގޮތުގައި، 30 އަހަރު، އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވައި، ގިނަގުނަ ކާމިޔާބީތަކެއް، ކުލަބަށް ހޯއްދަވައި ދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން "ކަޕް ވިނަރސްކަޕް" ފުޓުބޯޅަ މުބާރާތުގެ ތަށި، ކުލަބް ވެލެންސިއާ މިލްކު ކުރިއިރު، ޓީމުގެ މެނޭޖަރަކަށް ހުންނެވީވެސް އަޙްމަދު މުޙައްމަދެވެ.

1995ވަނަ އަހަރުން ފެށިގެން 13 އަހަރެއްހާ ދުވަހު އެފް.އޭ.އެމް.ގެ ހިންގާ ކޮމިޓީގައި، ކުލަބު ވެލެންސިއާ ތަމްސީލުކޮށްދެއްވީ އަޙްމަދު މުޙައްމަދެވެ. އަދި އެފް.އޭ.އެމް.ގެ ފުރަތަމަ ދެ އިންތިޚާބުގައި ކުލަބުތަކުގެ ފަރާތުން އިންތިޚާބުވި މެންބަރެއްގެ ގޮތުގައި ހިންގާ ކޮމިޓީއަށް އަޙްމަދު މުޙައްމަދު އިންތިޚާބުވެވަޑައިގަތެވެ. މި މުއްދަތުގައި އެފް.އޭ.އެމް.ގެ ގިނަ މުބާރާތްތައް ރޭއްވެވުމުގައްޔާއި ހިންގެވުމުގައި، އަޙްމަދު މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަޙްމަދު މުޙައްމަދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާ ބޭނުންކުރައްވައިގެން، މައްސަލަތައް ހައްލު ކުރައްވަމުންވެސް ގެންދަވާ ބޭފުޅެކެވެ. އަތޮޅު ފެންވަރުގައި ބޭއްވުނު ފުޓުބޯޅަ މުބާރާތްތަކުން އެކަން ހާމަވެގެންދިޔައެވެ. އެފް.އޭ.އެމް.ގެ ހިންގާ ކޮމިޓީގެ އިތުރުން، ރެފްރީޒް ކޮމިޓީއާއި، ޓޯނަމެންޓް ކޮމިޓީ ފަދަ ކޮމިޓީތަކުގައިވެސް އަޙްމަދު މުޙައްމަދު، ޚިދުމަތް ކުރައްވައިފައި ވެއެވެ.

އަޙްމަދު މުޙައްމަދަކީ، ރިޓަޔަރވާ ކުޅުންތެރިން ދޫކޮށްނުލައްވައި، ފުޓުބޯޅަ ހިންގުންތެރިންނާ ގުޅިވަޑައިގެން، 2008ވަނަ އަހަރު "ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދަވައިގެން، އެ ޖަމުޢިއްޔާ ހިންގަވައިފައިވާ ބޭފުޅެއްވެސް މެއެވެ. އަދި އެންމެ ތުއްތުކުދިންނަށާއި، ފުޓުބޯޅައިން ރިޓަޔަރ ކޮށްފައި ތިބި ފަރާތްތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރުޞަތު ހޯއްދެވުމަށްވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ވަރަށް ހަރަކާތްތެރި ޖަމުޢިއްޔާއެއްގެ ގޮތުގައި، މި ޖަމުޢިއްޔާ މިހާރުވެސް ހިނގަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު މުޙައްމަދަކީ، ބާސްކެޓް ބޯޅައިގައިވެސް ވިދާލި ކުޅުންތެރިއެކެވެ. 1979ވަނަ އަހަރު ބޭއްވި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި، ޤައުމީ ބާސްކެޓް ޓީމުގެ ވައިސް ކެޕްޓަނެވެ. އަދި ކުލަބު ވެލެންސިއާގެ ބާސްކެޓް ޓީމުގެ ކެޕްޓަން ކަމާއި، ކޯޗުކަމާއި، މެނޭޖަރުކަން، ގިނަ އަހަރުތަކެއް ވަންދެން ކުރެއްވިއެވެ. ބާސްކެޓުގެ ތަށި އެ ކުލަބަށް މިލްކުކޮށްދެއްވި ކެޕްޓަނެވެ. ވެލެންސިއާގެ އިތުރުން، އެހެން ބައެއް ކުލަބުތަކަށާއި، ސްކޫލް، މަދަރުސާތަކަށް ކޯޗުކޮށްދެއްވި މޮޅު ކޯޗެކެވެ. ބާސްކެޓް ބޯޅައިގެ އަންހެން ޓީމެއް ފުރަތަމަ އުފެއްދެވުމުގައިވެސް އިސްކޮށް ހުންނެވީ އަޙްމަދު މުޙައްމަދެވެ.

ބާސްކެޓްބޯޅައިގެ އިތުރުން، އަޙްމަދު މުޙައްމަދު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ފުޓުބޯޅަ، ހޮކީ އަދި އެތުލެޓިކްސް ހިމެނެއެވެ.

އަޙްމަދު މުޙައްމަދަކީ، ފުޓުބޯޅައިގެ އިތުރުން، ބާސްކެޓް ބޯޅައާއި، ވޮލީބޯޅަ ރެފްރީކަމާއި، އަމްޕަޔަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރާއްޖެއަށް ދާދިފަހުން ތަޢާރުފުވި ހޭންޑް ބޯޅައިގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރެއްވެސް މެއެވެ. އަޙްމަދު މުޙައްމަދު ވަނީ ބާސްކެޓް ބޯޅައިގެ ޑިސިޕްލިނަރީ ކޮމިޓީގައްޔާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތިކްސް ކޮމިޓީގައިވެސް މަސައްކަތް ކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، ކުޅިވަރުގެ ހިންގުމުގެ ތެރޭގައި، އަދި ކުޅިވަރަށް އަންނަ ބަދަލުތަކާ ގުޅިގެންވެސް އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވަމުން ގެންދަވާކަމެވެ. އަޙްމަދު މުޙައްމަދަކީ، ރާއްޖޭގެ ފުޓުބޯޅަ ޖަމުޢިއްޔާއިން ފުޓްސަލް ތަޢާރުފު ކުރުމާ ގުޅިގެން، ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ބާސްކެޓް ބޯޅައިގެ ތްރީ އޮން ތްރީ ތަޢާރުފުވުމާ ގުޅިގެން، ތްރީ އޮން ތްރީ މުބާރާތެއް، ބާސްކެޓް ބޯލް އެސޯސިއޭޝަނާ ގުޅިގެން ރާއްވަވައި ހިންގެވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.

އަޙްމަދު މުޙައްމަދަކީ، ކުޅިވަރަށް ލޯބިކުރައްވާ، ކުޅިވަރުގެ ހީވާގި ހިންގުންތެރިއެކެވެ. ކުޅިވަރުގެ ޢާއިލާގެ ތެރޭގައި މަޤުބޫލު، ބަސްވިކޭ، ތެދުވެރި، އިޚުލާޞްތެރި ޚިދުމަތްތެރިއެކެވެ.

ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 2004ވަނަ އަހަރު އަޙްމަދު މުޙައްމަދަށް ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.