އަލްޤާރީ އަޙްމަދު އިބްރާހީމް
ޒަމާނީގެ ނ. ހޮޅުދޫ

އަލްޤާރީ އަޙްމަދު އިބްރާހީމް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމުގެ މަސައްކަތް ފެށްޓެވީ 1992ވަނަ އަހަރު، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ރަށްރަށުގައި ހިންގެވި ޤުރްއާން ކުލާސްތަކުގެ ތެރެއިން، ނ. ހޮޅުދޫ މަސްޖިދުލް އިޚްލާޞްގައި ޤުރްއާން ކުލާހެއް ހިންގަވަން ފެށްޓެވި ހިސާބުންނެވެ. ފަސް އަހަރެއްހާ ދުވަހު މި ކުލާސް ކުރިއަށް ގެންދެވީ، އަޙްމަދު އިބްރާހީމެވެ.

ކުދިންނަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމުގެ ޝައުޤުވެރިކަން، އަޙްމަދު އިބްރާހީމްގެ ހިތްޕުޅުގައި އުފެދި، 1994ވަނަ އަހަރު، އަޙްމަދު އިބްރާހީމްގެ މަސްއޫލުވެރި ކަމުގެ ދަށުގައި ޤުރްއާން ކުލާހެއް ރަޖިސްޓަރީ ކުރައްވައިގެން، "ޒަމާނީ ޤުރްއާން ކުލާސް"ގެ ނަމުގައި ކުލާހެއް ހިންގަވަން ފެށްޓެވިއެވެ. އެ ކުލާހުގައި ދެ ޖިންސުގެ ކުދިންނަށް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވައިދެއްވަމުން ގެންދެވީ، ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަށް މުޤައްރަރު އެކުލަވައިލައްވައިގެން، އަކުރު ދަސްކުރުމުން ފެށިގެން ޚަތިމުކުރުމާ ހަމައަށެވެ. މިހާރު އެ ކުލާސް ހިންގަވަނީ، "ސެންޓަރ ފޯރ ޒަމާނީ ޤުރްއާން ކްލާސް"ގެ ނަމުގައެވެ. މިހާތަނަށް އައިއިރު، 1000އާ ކައިރިކުރާ އަދަދަކަށް މި ކުލާހުން ކުދިންނަށް ޤުރްއާން ކިޔަވައި ދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އަލްޤާރީ އަޙްމަދު އިބްރާހީމް ހިންގަވާ ޤުރްއާން ކުލާހުން، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައްޔާއި، އެހެނިހެން ޤުރްއާން މުބާރާތްތަކުގައި ކުދިން ބައިވެރިކުރައްވައި، އަދި އެ ކުދިން އެކިއެކި ކާމިޔާބީތައް ހޯދަމުން ގެންދާކަން އެއީ، އަޙްމަދު އިބްރާހީމަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ. މިގޮތުން ޤުރްއާން ކިޔެވުމުގެ 20ވަނަ ޤައުމީ މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން މުއައްސަސާތަކުން އެ ކުލާސް ދެވަނަ ހޯދައިފައި ވެއެވެ. އަދި، އެންމެފަހުން ބޭއްވި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން މުއައްސަސާތަކުން، ބަލައިގެން ކިޔުމުން 15 ފޮތުގެ ބައިން 3ވަނަ ހޯދީ، މަރުކަޒު ނ. ހޮޅުދޫން ބައިވެރިވި، ސެންޓަރ ފޯރ ޒަމާނީ ޤުރްއާން ކުލާހުގެ ދަރިވަރެކެވެ. އެ މުބާރާތުގައި، އެ ޤުރްއާން ކުލާހުގެ ނަމުގައި 12 ކުދިން ބައިވެރިވިއެވެ. މިދިޔަ އަހަރު ބޭއްވި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުންވެސް، މުއައްސަސާތަކުން، 1ވަނަ ހޯދީ އެ ކުލާހުންކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، ރަންތާޖު ޤުރްއާން މުބާރާތުން 1ވަނަ ހާސިލުކުރީ، އަޙްމަދު އިބްރާހީމް ހިންގަވާ ޤުރްއާން ކުލާހުން ކިޔެވި ދަރިވަރެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އަލްޤާރީ އަޙްމަދު އިބްރާހީމްގެ އަރިހުން ދަސްވެނިވި ވަރަށްގިނަ ދަރިވަރުން ހޮޅުދޫގައި އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި، މިހާރު ހޮޅުދޫގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ޓީޗަރުންނާއި، ޤުރްއާން މުދައްރިސުންވެސް ހިމެނެއެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުންނާއި، އުތުރުގެ އަތޮޅުތަކުން ތަޢުލީމު އުނގެނުމަށް އައިސް، މޭނާ ސްކޫލުން ތަޢުލީމު ހާސިލުކުރި ވަރަށްގިނަ ދަރިވަރުންނަށްވެސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން އަޙްމަދު އިބްރާހީމް ދަސްކޮށްދެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށާއި، އެހެނިހެން މުބާރާތްތަކުގައި ބައިވެރިވުމަށް ދަރިވަރުން ހޮއްވަވައިގެން، އެ ކުދިންނަށް ވަކިވަކިން އަޙްމަދު އިބްރާހީމް، ތަމްރީނު ދެއްވަމުން ގެންދަވައެވެ. މޭނާ ސްކޫލުން މުބާރާތަށް ތައްޔާރުކުރާ ދަރިވަރުންގެ ތެރެއިން، މުބާރާތަށް ނުހޮވޭ ދަރިވަރުންނަށް، އަލުން ތަމްރީނު ދެއްވައިގެންވެސް މުބާރާތްތަކުގައި ބައިވެރިކުރައްވަމުން ގެންދަވައެވެ.

މީގެއިތުރުން، ސެންޓަރ ފޯރ ޒަމާނީ ޤުރްއާން ކުލާހުން ދަރިވަރުވެގެން، އެހެން ކުލާސްތަކުގެ ނަމުގައި، ޤުރްއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައްޔާއި، އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައިވެސް ކުދިން ބައިވެރިވަމުން ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

އަލްޤާރީ އަޙްމަދު އިބްރާހީމަކީ، ކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގެ ތެރެއިން، މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރާނެ ގޮތާއި، އިމާމުވެ ނަމާދު ކުރާނެ ގޮތާއި، ޚުޠުބާ ކިޔަންވެސް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ކިޔަވާ ދަރިވަރުން ޝައުޤުވެރިވާނެ ގޮތްތަކަށް ބައްލަވައިގެން، އެއިރަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނަވައިގެން، ޓީޗިންގ އެއިޑްސް ތައްޔާރުކުރައްވަމުން ގެންދަވައެވެ. ކިޔަވައިދެއްވުމަށްޓަކައި އަތްމަތީ ފޮތްވެސް ތައްޔާރުކުރައްވައި، ކުދިންނަށް ދެއްވަމުން ގެންދަވައެވެ. އަދި މިއީ، އަޙްމަދު އިބްރާހީމް އަމިއްލަފުޅަށް ތައްޔާރުކުރައްވައިފައިވާ ފޮތްތައްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އަލްޤާރީ އަޙްމަދު އިބްރާހީމަކީ، ރަށުގެ އިމާމެއްވެސް މެއެވެ. އިމާމުވެ ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ތަރާވީޙު ނަމާދު ކުރައްވާ ބޭފުޅެކެވެ.

އަލްޤާރީ އަޙްމަދު އިބްރާހީމްގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން، ނ. ހޮޅުދުއަށް ކުރެއްވި ޒިޔާރަތުގައި، އަޙްމަދު އިބްރާހީމާ ބައްދަލުކުރައްވައި، ކުލާސް ހިންގަވަމުން ގެންދަވާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ހޮޅުދޫ ކައުންސިލްގެ މެންބަރުންނާއި، ހޮޅުދޫ މޭނާ ސްކޫލްގެ ވެރިންނާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުން ލިބިވަޑައިގެންނެވި މައުލޫމާތުތަކަށް ރިޢާޔަތް ކުރައްވާއިރު، އަޙްމަދު އިބްރާހީމަކީ، މި ރޮނގުން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކުދިންނަށް ޤުރްއާން ކިޔަވައި ދެއްވުމަށް މި ހިންގަވާ ކުލާސް ހިންގެވުމުގައި، އަޙްމަދު އިބްރާހީމްގެ އަނބިކަނބަލުންވެސް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާކަން އެއީ، މި މަސައްކަތުގައި އަޙްމަދު އިބްރާހީމަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްވަރެއްވެސް މެއެވެ.