އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް
މަޒާ ރ. އަލިފުށި

އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދެއްވުމުގެ މަސައްކަތް ފެށްޓެވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ބެޗްލަރ އޮފް އާޓްސް އެންޑް އެޑިޔުކޭޝަން ފުރިހަމަކުރެއްވުމަށްފަހު، 2008ވަނަ އަހަރު މާލެ ވަޑައިގެންނެވުމަށްފަހުގައެވެ. އެއަށްފަހު، ވިލާ ކޮލެޖުން މާސްޓަރޒް އޮފް ޝަރީޢާ ހާސިލު ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކީރިތި ޤުރްއާނުގެ ދާއިރާއިން މާސްޓަރޒް އޮފް ޤިރާއަތު ފުރިހަމަކުރައްވައި، ކޯހުން 1ވަނަ ހޯއްދަވައި، ބެސްޓް ސްޓޫޑަންޓް އެވޯޑު، ޢަބްދުއްރަޙްމާން ޔޫނުސް ވަނީ ހާސިލު ކުރައްވައިފައެވެ.

އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރައްވައި، މުޅި ރާއްޖޭގައި ފެތުރުއްވުމަށްޓަކައި ކުރައްވައިފައި ވަނީ އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ޤާރީކޯސް ލެވެލް 1 ން 5 އަށް އުނގަންނައިދޭނެ ސިލަބަސް އެކުލަވައިލެއްވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވައިފައި ވަނީ، ޢަބްދުއްރަޙްމާން ޔޫނުސްއެވެ. އަދި، މަރުކަޒުގެ ގޮފިތައް އަތޮޅުތެރެއަށް ފުޅާކޮށް، އެ ގޮފިތަކުގައި އެކި ލެވެލްގެ ކޯސްތައް ހިންގުމުގައި، އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް އަދާކުރައްވައިފައިވާ ދައުރުވެސް ވަރަށް މުހިންމެވެ. އެ ކޯސްތަކަށް ބައިވެރިން ހޯދުމަށްޓަކައި ރަށްރަށަށް ދަތުރުކުރައްވައި، ހިލޭސާބަހަށް ކުލާސްތައް ހިންގަވައި ދެއްވުން ފަދަ ކަންކަމަކީ، މި ޢިލްމު ފެތުރުއްވުމަށްޓަކައި އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް ކުރައްވައިފައިވާ ޤައުމީ ވަރަށްބޮޑު މަސައްކަތެކެވެ. ޢަބްދުއްރަޙްމާން ޔޫނުސް ވަނީ، ކީރިތި ޤުރްއާން އުނގެނޭ ދަރިވަރުންނަށް ޚާއްޞަކޮށްގެން "ތަޖުވީދުލް މުޔައްސަރު"ގެ ނަމުގައި ފޮތެއްވެސް ލިޔުއްވައިފައެވެ.

އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގެ ގޮތުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން، މާލެ ވިލިނގިލީ އަވަށުގައްޔާއި، ގަލޮޅު މަދަރުސާގައިވެސް ޤުރްއާން ކުލާސްތައް ހިންގަވައި، މިތުރު ޤުރްއާން ކުލާހާ ގުޅިގެން ހެންވޭރު ސްކޫލްގައި ބޮޑެތި މީހުންނަށް ކީރިތި ޤުރްއާނާއި، ތަޖުވީދު ޢިލްމު އުނގަންނައިދެއްވުމަށް އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، ކުލާސްތައް ހިންގެވުން ހިމެނެއެވެ. އަދި، މި ކުލާސްތަކުގައި 100 އަށްވުރެ ގިނަ ބައިވެރިން ކިޔަވައިފައި ވެއެވެ. އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގައި، ޚާއްޞަކޮށް، ބޮޑެތި މީހުންނަށް ޤުރްއާނާއި ތަޖުވީދު އަދި ޢަރަބި ބަސް މިހާރުވެސް އުނގަންނައިދެއްވަމުން ގެންދަވައެވެ. މި ކުލާސްތަކުގައި މި ވަގުތުވެސް 150 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މި ކުލާސްތަކުން އެކި ލެވެލް ފުރިހަމަކުރި ދަރިވަރުންގެ އަދަދު 1000 އަށްވުރެ ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުން، އައްޑޫސިޓީ މަރަދޫ ތަދުރީސުލް ޤުރްއާން ކުލާސް އަދި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގައި މުދައްރިސުން ތަމްރީނު ކުރެއްވުމާއި، ސިލަބަސް އެކުލަވައިލެއްވުމާއި، ހޭންޑްއައުޓްތައް ތައްޔާރުކުރެއްވުން ފަދަ މަސައްކަތްތައްވެސް އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް ވަނީ ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން މަޚުރަޖު ޕުރޮގުރާމުގެ 49 އެޕިސޯޑު، ޢަބްދުއްރަޙްމާން ޔޫނުސް ތައްޔާރުކޮށްދެއްވިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ޢަބްދުއްރަޙްމާން ޔޫނުސް ހުންނެވި ދުވަސްވަރު، އޭރު ބޭއްވުނު ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ޒަމާނީ ބަދަލުތައް ގެންނެވުމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި މި ގެންނެވި ބަދަލުތަކަކީ، މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގައި އެތައް ފަސޭހަތަކެއް ލިބިގެންދިޔަ ބަދަލުތަކެކެވެ.

އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސްއަކީ، އަމިއްލަފުޅު ގޮތުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޤުރްއާން ކުލާސްތައް މިހާރުވެސް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް ކިޔަވައިދެއްވުމުގައި، އެ މީހެއްގެ އުމުރަށް ބައްލަވައިގެން، ފަސޭހައިން ހިތަށްގެނެވޭ ގޮތަށް ޤުރްއާން ކިޔަވައިދެއްވުމަކީ، އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސްއަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ހުނަރެކެވެ. އަދި، ކީރިތި ޤުރްއާނާއި ތަޖުވީދުގެ ޢިލްމު އުނގަންނަވައި ދެއްވަމުން ގެންދަވަނީ، ޒަމާނީ ވަސީލަތްތައް ބޭނުންކުރައްވައިގެންކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.