އައްޝައިޚް ޢިއްޒައްދީން ޢަދުނާން
ދަފްތަރު. ނަންބަރު ރސ 12132، މާލެ

އައްޝައިޚް ޢިއްޒައްދީން ޢަދުނާނަކީ، ރޭޑިޔޯ އަޑުއައްސަވައި އަދި ޓީ.ވީ. ބައްލަވާ ބޭފުޅުންނަށް، އާ އަޑަކަށް ނުވަތަ އާ މޫނަކަށްވާނެ ބޭފުޅެއް ނޫނެވެ. ދީނީ، އިޖުތިމާޢީ އަދި އެކި މައުޟޫޢުތަކަށް ވާހަކަފުޅު ދައްކަވައި، ދީނީ އެކި ރޮނގުރޮނގުން ނަސޭހަތާއި އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، އެކިއެކި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން، މައުލޫމާތު ދެއްވައި، ސްކޫލްތަކަށް ވަޑައިގެން، މާސް ހިސްޓީރިއާއާ ބެހޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، ޕޮޒިޓިވް ޕޭރެންޓިންގއާ ބެހޭގޮތުން ސްކޫލްތަކަށް ވަޑައިގެން މައުލޫމާތު ދެއްވައި، އެކިއެކި ސްޓަޑީ ވަރކްޝޮޕްތައްވެސް ހިންގަވައި ދެއްވައެވެ.

އައްޝައިޚް ޢިއްޒައްދީން ޢަދުނާނަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި ލާބައަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އެކިއެކި ވަރކްޝޮޕްތައް ހިންގަވާއިރު، ދީނުގައި ކަނޑައަޅުއްވައިފައިވާ މެދުމިނުގެ ސިޔާސަތުތައް، ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވައެވެ. އަދި، މިފަދަ ވަރކްޝޮޕްތައް، އެކި ރަށްރަށުގައިވެސް ވަނީ ހިންގަވައިފައެވެ.

އާންމުން ހުށަހަޅާ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމުގެ އެކި ޕުރޮގުރާމުތަކުގައި އައްޝައިޚް ޢިއްޒައްދީން ޢަދުނާން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އަދި، ކުދިންނަށް ކިޔުމަށްޓަކައި މާނަ ރަނގަޅު ނަން ހޯއްދަވައި ދެއްވުމުގެ މަސައްކަތް، މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.

އައްޝައިޚް ޢިއްޒައްދީން ޢަދުނާނަކީ، ދީނީ ތަފާތު މައުޟޫޢުތަކަށާއި އަދި އިޖުތިމާޢީ އެކި މައުޟޫޢުތަކުގެ މައްޗަށް ތަފާތު މަޒުމޫނުވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، ޝަރުޢީ ދާއިރާއިން މީހުން ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާ ލެކްޗަރަރއެއްވެސް މެއެވެ.

އައްޝައިޚް ޢިއްޒައްދީން ޢަދުނާނަކީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެމަތީ މަޖިލީހުގެ މިސްކިތު އިމާމު ކަމާއި، މުޝްރިފް މުސާޢިދު ކަމާއި، އިސްލާމިކް ވާޢިޡް މުޝްރިފް ކަމާއި، އަދި މުސާޢިދު ވާޢިޡުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، ވިލާ ކޮލެޖާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕާޓްޓައިމް ލެކްޗަރަރ ކަމާއި، ނޭޝަނަލް ހެލްތް ރިސަރޗް ކޮމިޓީގެ މެންބަރު ކަމާއި، ނޭޝަނަލް އެއިޑްސް ކައުންސިލްގެ މެންބަރު ކަމާއި، ނޭޝަނަލް ރިޕްރޮޑަކްޓިވް ސްޓިއަރިންގ ކޮމިޓީގެ މެންބަރު ކަމާއި، އަދި ނޭޝަނަލް ޕެރޯލް ބޯޑުގެ މެންބަރު ކަމާއި، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ. އައްޝައިޚް ޢިއްޒައްދީން ޢަދުނާން މިހާރު ހުންނެވީ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ބެޗްލަރސް ޑިގްރީ ވިތް އޮނަރސް ހާސިލުކުރެއްވީ، ޕާކިސްތާނުގެ އިސްލާމާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޝަރީޢާގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ، ވިލާ ކޮލެޖުންނެވެ. އައްޝައިޚް ޢިއްޒައްދީން ޢަދުނާން މިހާރު ގެންދަވަނީ، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޕީ.އެޗް.ޑީ. ޕުރޮގުރާމު ފުރިހަމަކުރެއްވުމަށްޓަކައި ތީސީސް ލިޔުއްވަމުންނެވެ.