އައްޝައިޚް އަޙްމަދު މައުމޫން
މާބަގީޗާގެ ސ. މަރަދޫ

އައްޝައިޚް އަޙްމަދު މައުމޫން، މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ބެޗްލަރ އޮފް އާޓްސް އިން ސޯޝަލް ވަރކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން މި ދާއިރާއިން ޚިދުމަތް ކުރައްވަން ފެށްޓެވީ، 2005ވަނަ އަހަރުއެވެ. އަޙްމަދު މައުމޫން ޚާއްޞަވެވަޑައިގެންފައި ވަނީ، ދީނީ ދަރުސް ދެއްވުމަށާއި، ކީރިތި ޤުރްއާނުގެ ދާއިރާއަށެވެ.

ޚިދުމަތަށް ނުކުމެވަޑައިގެން ފުރަތަމަ ކުރެއްވީ، ކީރިތި ޤުރްއާން އުނގަންނައި ދެއްވުމުގެ މަސައްކަތެވެ. މާލެއާއި، އައްޑުއަތޮޅުގެ ޤުރްއާން ކުލާސްތަކުގައާއި، ސްކޫލްތަކުގައެވެ. ޤުރްއާން އުނގަންނައި ދެއްވުމުގެ އިތުރުން، އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ވަނީ ކުރައްވައިފައެވެ.

އަޙްމަދު މައުމޫން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި ޚިދުމަތް ކުރެއްވިއިރު، ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭގެ ފަހުން، މަދްރަސަތުލް އަޙްމަދިއްޔާގައި، ސާނަވީ ކުލާސްތަކަށާއި، މަތީ ސާނަވީ ކުލާސްތަކުގެ ދަރިވަރުންނަށް "އިސްލާމް" މާއްދާ ކިޔަވައިދެއްވިއެވެ. އަދި ސާނަވީގެ އިސްލާމް ޑިޕާޓްމަންޓުގެ އިސް ވެރިޔާގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. ހަތަރު އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އައްޑޫ ހައިސްކޫލަށް ބަދަލުވެވަޑައިގަތެވެ. އެ ސްކޫލްގައި އިސްލާމް ޑިޕާޓްމަންޓުގެ އިސް ބޭފުޅަކަށް ހުންނަވައިގެން އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. ސްކޫލްތަކުގައި އިސްލާމް ކިޔަވައިދެއްވިއިރު ދަރިވަރުންނަށް ބާރުއެޅުއްވީ، އިސްލާމީ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދެވުމަށެވެ. އަދި، ހުރިހާ ޓީޗަރުންނަށްވެސް އެކަންކަން އުނގަންނައި ދެއްވިއެވެ. އެއީ، ކާމިޔާބުކަމާ އެކުގައި، އަޙްމަދު މައުމޫން ކުރެއްވި މަސައްކަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އައްޝައިޚް އަޙްމަދު މައުމޫން، އައްޑުއަތޮޅުގައި "ރަބީޢުލްޤުލޫބު ފައުންޑޭޝަން" ގައި ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން، ޓީޗިންގ ސެޓުފިކެޓު ނެތް މީހުންގެ، ފެންވަރު މަތިކުރެއްވުމަށް ކޯސްތައް ހިންގަވައި، 43 ޓީޗަރުން، އެޑްވާންސް ޑިޕްލޮމާގެ ފެންވަރަށް ތަމްރީނު ދެއްވުން ހިމެނެއެވެ.

އަޙްމަދު މައުމޫން، 2016ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މާލެއަށް ދިރިއުޅުން ބަދަލުކުރައްވައި، ވަޒީފާ އަދާކުރައްވަން ފަށްޓަވައި ރަސްމީ ވަޒީފާގެ ގޮތުގައި ހުންނެވިއިރު، ދީނީ މާއްދާތައް ކިޔަވައިދެއްވިއެވެ. އަދި، ދީނީ އެކިއެކި ދަރުސްތަކާއި، ދީނީ ނަސޭހަތް ދެއްވަމުން ގެންދެވިއެވެ. އަޙްމަދު މައުމޫނަކީ، މިހާރުވެސް ރޭޑިއޯއާއި ޓީ.ވީ. ޕުރޮގުރާމުތައް މެދުވެރިކޮށްގެންނާއި، އާންމު ފޯރަމްތަކުގައްޔާއި، މިސްކިތްތަކުގައި ދިނީ ރޮނގުން މީސްތަކުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އައްޝައިޚް އަޙްމަދު މައުމޫނަކީ، އިޖުތިމާޢީ ދާއިރާގައި، ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން، ކައުންސެލިންގ ދެއްވުމާއި، ތަފާތު އެކި ފޯރަމްތަކުގައި މައުލޫމާތު ދެއްވުމާއި، މާސް ހިސްޓީރިއާގެ އުނދަގޫ ކުރިމަތިވާ ދަރިވަރުންނަށް އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، މި ކަންކަމާ ގުޅޭގޮތުން މަދުރަސާތަކުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އިރުޝާދު ދެއްވައި، ސެޝަންތައް ނަންގަވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކުރުމަށް ބާރުއަޅުއްވައިފައިވާ މިންވަރާއި، އެ ކުދީން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިޔަތު ކުރުމަށް ސަމާލުކަން ދެއްވަންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވަމުންވެސް ގެންދަވާ ބޭފުޅެކެވެ. މީގެއިތުރުން، ސްޓަޑީ ވަރކްޝޮޕްތައް ހިންގަވައި ދެއްވައި، އާންމުން ހުށަހަޅާ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވައެވެ.

މީގެއިތުރުން، އައްޝައިޚް އަޙްމަދު މައުމޫނަކީ، ކަންކަމުގައި ޒުވާނުން ޒިންމާދާރު ކުރުވުމަށްޓަކައި ޒުވާނުންނަށް އެކިއެކި ސެޝަންތައް ނަންގަވައި ދެއްވައި، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލުމާއި، މުޖުތަމަޢުގައި މެދުމިނުގެ އުސޫލުން ކަންކަން ކުރުމަށް ބާރުއަޅުއްވައި، އެ އުސޫލު ދެމެހެއްޓުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މެދުމިނުގެ އުސޫލުން ކަންކަން ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ރާއްޖޭގެ 70 ރަށެއްގައި ހިންގުނު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތުގައި ސެޝަންތައް ނަންގަވައި ދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އައްޝައިޚް އަޙްމަދު މައުމޫނަކީ، ރާއްޖެއިން ޙައްޖަށް އަދި ޢުމްރާއަށް ދާ މީހުންނަށް އެހީތެރިވެދެއްވައި، ދީނީ އިރުޝާދު ދެއްވުމުގައި، 2010ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަޙްމަދު މައުމޫން ވަނީ، އެވިޑް ކޮލެޖުން އިސްލާމް ޓީޗިންގގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައެވެ.