އަލްފާޟިލް އިސްމާޢީލް ސާޖިދު
މއ. ވިލާރޮދި

ތަޢުލީމީ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، މި އަހަރު ލިބިވަޑައިގަންނަވާ އިސްމާޢީލް ސާޖިދަކީ، ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި، ދިވެހި ޤައުމުގެ ލާބައާއި، މަންފާއަށްޓަކައި މީހުން ބިނާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށް، ޕަބްލިކް ފައިނޭންސްގެ ދާއިރާއިން މައުލޫމާތު ދެއްވައި، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފައިސާއާބެހޭ އެންމެހައި ކަންކަން ގެންދިޔުމަށް ބާރުއަޅުއްވައި، އެކިއެކި ތަމްރީނު ޕުރޮގުރާމުތައް، އިސްމާޢީލް ސާޖިދު ގެންދަވަނީ ހިންގަވަމުންނެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ އެދިވަޑައިގަތުމުގެ މަތީން، 2014ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ޕަބްލިކް ފައިނޭންސް ފެސިލިޓޭޓަރެއްގެ ގޮތުގައި އެ ދާއިރާއިން ސަރުކާރުގެ މުވައްޒަފުންނަށް ތަމްރީނު ދެއްވަން ފެށްޓެވި އިސްމާޢީލް ސާޖިދު، މިއަދާ ހަމައަށްވެސް ހުންނެވީ، އެ އިންސްޓިޓިއުޓުގެ އެކްސްޓަރނަލް ޓްރެއިނަރެއްގެ ގޮތުގައެވެ. އަދާކުރައްވާ ވަޒީފާގެ ރަސްމީ މަސައްކަތްތަކަށް ފުށުނާރާނޭ ގޮތުގެ މަތީން، ޓްރޭނިންގ ދެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ، ސާޖިދުގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަމާ އެކުގައެވެ.

އިސްމާޢީލް ސާޖިދުގެ މަސައްކަތްޕުޅު ހުންނަ ގޮތުން، ޓްރޭނިންގތަކަށް ވަގުތު ނުދެއްވޭ ފަދަ ހާލަތްތަކުގައި، އެފަދަ ޓްރޭނިންގތައް ހިންގުމަށް އެކަށީގެންވާ މީހުން ހޮއްވަވައި، އެ ޓްރޭނިންގތައް ހިންގާ މީހުން ބޭނުންކުރުމަށް ބޭނުންވާ ލިޔުންތަކާއި މެޓީރިއަލްތައް ފޯރުކޮށްދެއްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ކުރެއްވި މައިގަނޑު އެއް މަސައްކަތަކީ، ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޮރ އިސްލާމިކް ފައިނޭންސްގެ ފަރާތުން ދިވެހިރާއްޖެއަށް ތަޢާރުފުކުރި "އެޑްވާންސްޑް ޑިޕްލޮމާ އިން ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް" ކޯސް ފަރުމާކުރެއްވުމެވެ. މި ފަދަ ޕުރޮގުރާމެއް ފަރުމާކުރެއްވުމުގެ މައިގަނޑު ވިސްނުންފުޅަކީ، ޕަބްލިކް ފައިނޭންސްގެ ދާއިރާއިން ހިންގޭ ޕުރޮގުރާމުތަކުގެ ގޮތުގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިން ހިންގެވި "ސެޓްފިކެޓް 3 އިން ފައިނޭންޝަލް އެޑްމިނިސްޓްރޭޓަރސް" ޕުރޮގުރާމް ފުރިހަމަކުރުމަށްފަހު، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރެއިން އިތުރަށް ކުރިއަށް ގެންދެވޭނެ ފުރުޞަތު ހޯއްދަވައި ދެއްވުމެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި، ނޫސްވެރިން ތަމްރީނު ކުރެއްވުމަށްޓަކައި "އެޑްވާންސްޑް ޑިޕްލޯމާ އިން ފައިނޭންޝަލް ޖަރނަލިޒަމް" ޕުރޮގުރާމަކާއި، ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށްޓަކައި "ޕްރޮފެޝަނަލް ސެޓްފިކެޓް އިން ޕަބްލިކް ޕްރޮކިއުމަންޓް" ޕުރޮގުރާމެއް ފަރުމާ ކުރައްވައި ތަޢާރުފު ކުރެއްވުމުގެ މަސައްކަތް، އިސްމާޢީލް ސާޖިދު މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.

ދައުލަތުގެ މާލިއްޔަތަށް އަހުލުވެރިކުރުވުމަށްޓަކައި ހަމައެކަނި މާލިއްޔަތުގެ ގަވާއިދު ކިޔަވައިދިނުމުން، ޕުރޮގުރާމުތަކުގެ ބައިވެރިންނަށް ކަންކަން އޮޅުންފިލައި، މަސައްކަތުގެ މާޙައުލުގައި ދިމާވާ ކަންތައްތައް ހައްލުކުރުމަށް ހުރަސްއެޅެމުންދާތީ، އެކަންކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޙަޤީޤީ ހާދިސާތަކަށް ރިޢާޔަތްކޮށްގެން އުފައްދައިފައިވާ ޖުމުލަ 11 ކޭސް ސްޓަޑީއާއެކު، ޕަބްލިކް ފައިނޭންސް ކޭސް ސްޓަޑީޒް ފޮތެއް، އަމިއްލަފުޅަށް ތައްޔާރުކުރައްވައި، އިސްމާޢީލް ސާޖިދު ހިންގަވާ ޓްރޭނިންގތަކުގައި ބޭނުންކުރައްވަން ފެށްޓެވިއެވެ.

ކުރީގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓުގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން، މަދަނީ ޖަމުޢިއްޔާތަކަށް އަމާޒުކޮށްގެން، 2023ވަނަ އަހަރު ހިންގި ކެޕޭސިޓީ ބިލްޑިންގ ޕުރޮގުރާމުގެ ފައިނޭންޝަލް މެނޭޖްމަންޓުގެ މޮޑިއުލް ފަރުމާކޮށްދެއްވައި، އެ މޮޑިއުލްގެ ބައެއް ބައިތައް އިސްމާޢީލް ސާޖިދު ނަންގަވައި ދެއްވައިފައި ވަނީ، ހިލޭ ސާބަހަށް ކުރެއްވި މަސައްކަތެއްގެ ގޮތުގައެވެ. މީގެ އިތުރުން، ދައުލަތުގެ ބައެއް އިދާރާތަކުގެ އެދިވަޑައިގަތުމުގެ މަތީން، އެ އޮފީސްތަކުގައި ފައިސާއާބެހޭ މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒު ކުރައްވައިގެން، ބައެއް ޕުރޮގުރާމުތައްވެސް އިސްމާޢީލް ސާޖިދު ހިންގަވައި ދެއްވައިފައި ވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އިސްމާޢީލް ސާޖިދަކީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރ ޕޫލްގައި ހިމެނިވަޑައިގަންނަވާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްގެ ވިޒިޓިންގ ލެކްޗަރަރއެއްގެ ގޮތުގައި މި ދާއިރާއިން މީހުންނަށް ތަމްރީނު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.