އަލްފާޟިލް އިބްރާހީމް ތައްޚާނު
ވާކަރުގެ ގއ. ވިލިނގިލި

އިބްރާހީމް ތައްޚާނު، މަސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ، އުމުރުން އެންމެ 14 އަހަރުގައެވެ. މިގޮތުން، ދޮށީގެ މަސްވެރިކަމުގައި މިއަދާ ހަމަޔަށްވެސް ދެމިހުންނެވީ، އެކަމަށް ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. މަސްވެރިކަން ކުރައްވަމުން ގެންދަވާތާ އަހަރެއްހާ ދުވަސްވީއިރު، ދޮށީގެ މަސްވެރިކަމުގެ "ކެޔޮޅު"އާ ހަމަޔަށް، އިބްރާހީމް ތައްޚާނަށް ވާސިލުވެވި، ދޯނީގެ ވެރިންގެ އިތުބާރު ހޯއްދެވިކަން އެއީ، އިބްރާހީމް ތައްޚާނަށް ލިބިވަޑައިގެންނެވި ފުރަތަމަ ކާމިޔާބީއެވެ. އޭގެފަހުން، މިއަދާ ހަމަޔަށްވެސް މަސްވެރިކަން ކުރައްވަމުން ގެންދަވަނީ ކެޔޮޅެއްގެ ގޮތުގައެވެ. 1978ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނިޔަލަށް ދޮށީގެ މަސްވެރިކަމުގެ ކެޔޮޅެއްގެ ގޮތުގައި، އެކިއެކި މީސްމީހުންގެ ވަރަށް ގިނަ ދޯނިފަހަރު، އިބްރާހީމް ތައްޚާން ދުއްވައިފައި ވެއެވެ.

އިބްރާހީމް ތައްޚާނު، މަސްވެރިކަމުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއްވެސް ވަނީ ހާސިލު ކުރައްވައިފައެވެ. އެގޮތުން، 1990ވަނަ އަހަރު، ގއ. އަތޮޅުން އެންމެ ގިނައިން މިފްކޯއަށް މަސްކިރުވި ދޯނިފަހަރަށް އިނާމުގެ ގޮތުގައި ދެއްވި ޑީސަލް ފީފާ، އިބްރާހީމް ތައްޚާން، "ކެޔޮޅު" ކަމުގައި ދުއްވި ދޯންޏަށް ވަނީ ލިބިފައެވެ. އަދި 2000ގެ އަހަރުތަކުގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި ދޯނިފަހަރުގެ ގޮތުގައި، އިބްރާހީމް ތައްޚާނުގެ "ކެޔޮޅު" ކަމުގައި ދުއްވި ދޯނިފަހަރުވެސް ހޮވިފައި ވެއެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި، އެއް ދުވަހެއްގައި އެއްފަހަރާ ކޫއްޑުއަށް އެންމެ ގިނައިން މަސްކިރުވީ، ވިލިނގިލީގައި އިބްރާހީމް ތައްޚާނު ދުއްވި މަސްދޯނިންނެވެ. މީގެއިތުރުން، 2016ވަނަ އަހަރު މުޅި ރާއްޖެއިން އެންމެ ގިނައިން ކޫއްޑުއަށް މަސްކިރުވި ހަތަރު ދޯނީގެ ތެރޭގައި، އިބްރާހީމް ތައްޚާނުގެ "ކެޔޮޅު" ކަމުގައި ދުއްވަމުން ގެންދާ "ދެރިޔާ" ދޯނި ހިމެނި، އިނާމުގެ ގޮތުގައި "އެކުވެރި މަސްވެރިޔާގެ ކާޑު" ލިބިފައި ވެއެވެ.

އިބްރާހީމް ތައްޚާނުގެ މަސްވެރިކަމުގެ ޚިދުމަތުގެ ތެރެއިން، ކޯވިޑުގެ ޢާލަމީ ވަބާގެ ދުވަސްވަރު ދޯނި މަހަށް ފުރުވައި، "ދެރިޔާ" ދޯނި ރަށުގެ ފަޅުތެރޭގައި ބާއްވަވައިގެން، ކައުންސިލްގެ ހުއްދައާ އެކުގައި، ރަށުގެ ގޭގެއަށް މަސް ފޯރުކޮށްދެއްވައިފައިވާކަން، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

އިބްރާހީމް ތައްޚާނަށް މަސްވެރިކަމުގެ ދާއިރާގައި މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކުރައްވަނީ، 2007ވަނަ އަހަރުގެ ތެރޭގައި، އިބްރާހީމް ތައްޚާނުގެ "ކެޔޮޅު" ކަމުގައި ދުއްވި ޓޫނާ ދޯނި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ބޯޓެއްގެ މައުލޫމާތު، ކޯސްޓްގާޑަށް ވަގުތުން ދެއްވައި، ސިފައިންގެ ލަފާގެ މަތިން، ސިފައިންނަށް އެ ހިސާބަށް އާދެވެންދެން އެ ބޯޓަށް ހުރަސްއަޅައި، ފިލައިގެންދިޔަނުދީ ހިފެހެއްޓުމަށް ކުރެއްވުނު މަސައްކަތެވެ. ބޯޓު ހިފަހައްޓަން އުޅުމުގެ ތެރޭގައި، އެ ބޯޓުން ޓޫނާ ދޯންޏަށް ދެފަހަރެއްގެ މަތިން ބަޑިޖެހިއެވެ. އަދި ދެ ވަޒަން، ދޯނީގެ ބަނޑުފިލަޔަށް އެރިއެވެ. އެހެންނަމަވެސް، އެ ނުރައްކާތެރި ނާޒުކު ވަގުތުގައި، ކޯސްޓްގާޑުގެ "ހުރަވީ" ލޯންޗު، ބޯޓާ އަރައި ހަމަވަންދެން، ޙިކުމަތްތެރިކަމާ އެކުގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. އޭރު ޓޫނާ މަސްދޯނީގެ ކެޕްޓަނުންގެ ގޮތުގައި، އިބްރާހީމް ތައްޚާނުގެ އިތުރުން ހުންނެވީ، ވިލިނގިލީ ކަނޑުވައިގޭ މުޙައްމަދު އަނީސެވެ.

މި ދެންނެވި މަސްބޯޓު އަތުލުމުގައި، އިބްރާހީމް ތައްޚާނާއި، މުޙައްމަދު އަނީސާއި، ދޯނީގެ ފަޅުވެރިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި، އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، 17 ޖޫން 2007 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ދެ ބޭފުޅުންނާއި ދޯނީގެ ފަޅުވެރިން ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން، ވިލިނގިއްޔަށް ކުރެއްވި ޒިޔާރަތުގައި، އިބްރާހީމް ތައްޚާނުގެ މަސްވެރިކަމުގެ ޚިދުމަތާ ބެހޭ މައުލޫމާތު އިތުރަށް އޮޅުންފިލުއްވިއެވެ. އަދި، ވިލިނގިލީ ކައުންސިލްގެ މެންބަރުންނާވެސް ބައްދަލުކުރެއްވިއެވެ. އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައިވެސް، އިބްރާހީމް ތައްޚާނަކީ، މަސްވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ހީވާގި ކެޔޮޅެއް ކަމާއި، ގިނަ އަދަދެއްގެ ކެޔޮޅުން މި ދާއިރާއަށް ނެރުއްވައިފައިވާ ބޭފުޅެއްކަންވެސް ފާހަގަކުރެއްވިއެވެ.