ރިޔަން ޕްރައިވެޓް ލިމިޓެޑް

ރިޔަން ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން ގެންދާ މަލްޓިޑިސިޕްލިނަރީ ކޮންސަލްޓަންސީ ކުންފުންޏެކެވެ. އިމާރާތް ކުރުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުރި ތަޢުލީމީ ޒުވާނުންތަކެއް، މި ދާއިރާގެ ކުރިއެރުމަށްޓަކައި 24 ޖުލައި 1997ގައި މި ކުންފުނި އުފެއްދީ "ރިޔަން ޑިޒައިން އެންޑް މެނޭޖްމަންޓް ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައެވެ. އަދި ކުންފުނިން ކުރަމުން ގެންދިޔަ މަސައްކަތްތައް، 26 މާރިޗު 2006 ގައި ވަނީ، ރިޔަން ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ކުންފުނި އުފެދިގެން މިވީ މުއްދަތުގެ ތެރޭގައި، ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން، އެންމެ ޚާއްޞަ ކަމެއް ދީގެން ކުރި އެއްކަމަކީ، ކުންފުނީގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ކުންފުނީގެ މުވައްޒަފުންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާ ދެމެދު އޮންނަ ގާތް ގުޅުމާއެކު، ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އިތުބާރާއެކު ދެވޭ ޚިދުމަތުގެ ސަބަބުން ކުންފުންޏަށް އިތުރު ކުރިއެރުން ލިބި، މިއަދު ކުންފުނި ވެފައި ވަނީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ރޮނގުން ޚިދުމަތްދޭ އެއް ކުންފުންޏަށެވެ.

މި ކުންފުނިން ވަނީ، ބައިނަލްއަގުވާމީ އެކި ކުންފުނިތަކާއި، ބޭރުގެ ކޮންސަލްޓަންޓުންނާ ބައިވެރިވެގެން ބޮޑެތި މަޝްރޫޢުތައް ހިންގައި، އެފަދަ ފަރާތްތަކުގެ އިތާބާރާއި ޔަގީންކަން ހޯދައިފައެވެ. މީގެއިތުރުން، ކުންފުނިން ވަނީ މަޝްރޫޢުތަކަށް ފައިސާ ދޭ ބައިނަލްއަގުވާމީ ފަރާތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ވާރލްޑް ބޭންކާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި، ޔުނައިޓެޑް ނޭޝަންސްއާއި، އަދި ބައިނަލްއަގުވާމީ އެހެނިހެން އޭޖެންސީތަކާ އެކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައެވެ.

މިހާރު، ރިޔަން ޕްރައިވެޓް ލިމިޓެޑަކީ، އައި.އެސް.އޯ.ގެ ސެޓުފިކެޓު ހާސިލުކޮށްފައިވާ ކުންފުންޏެކެވެ. އަދި މިއީ ރާއްޖޭގައި އައި.އެސް.އޯ.ގެ ސްޓޭންޑަޑް ހާސިލުކުރި، މި ބާވަތުގެ މަސައްކަތް ކުރާ ފުރަތަމަ ކުންފުންޏެވެ. ކުންފުނިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިލްމީ ތަޖުރިބާހުރި ޤާބިލު ބޭފުޅުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، އެއިން ކޮންމެ ބޭފުޅަކީވެސް، ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަކީ، އަލްފާޟިލް އިބްރާހީމް ހަމީޒެވެ.