އަލްފާޟިލް ޢާމިރު މަންޞޫރު
މއ. މަނަސް

ޢާމިރު މަންޞޫރަކީ، ރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގައި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަދި މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޢާމިރު މަންޞޫރަކީ، ކުޑައިރުއްސުރެ މަސްވެރިކަމަށާއި ވިޔަފާރިއަށް ޝައުޤުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ. ޖީ.ސީ.އީ. އޯ ލެވެލް ނިންމެވުމަށްފަހު، އޯޑިޓް އޮފީހުގެ ޖޫނިއަރ އޮޑިޓަރެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި، އެހެނިހެން ކުންފުނިތަކުގައި ޕާޓްޓައިމް ވަޒީފާތައް އަދާކުރެއްވުމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއަށް ޢާމިރު މަންޞޫރު ވެދެވަޑައިގެންނެވިއެވެ.

އޭރު، ރާއްޖޭގައި ޓޫރިސްޓް ރިޒޯޓުތައް ހިންގަމުން ގެންދިޔަ، ސަފާރީ ޓުއަރޒްގެ އެކައުންޓެންޓެއްގެ މަގާމުން ފެށިގެން، އެ ކުންފުނީގެ އެކައުންޓްސް ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމާ ހަމަޔަށް ޢާމިރު މަންޞޫރު ވަޑައިގެންނެވިއެވެ. މީގެއިތުރުން، ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި، އިތުރު ވަޒީފާތައް އަދާކުރައްވައި، އާމްދަނީ އިތުރުކުރައްވައިގެން، މަސްވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. މަސްދޯންޏެއް އުފައްދަވައިގެން ކުރެއްވި މަސައްކަތުން ހަތަރު ދޯނި އުފައްދަވައި، މަސްވެރިކަން ފުޅާކުރެއްވިއެވެ.

ޢާމިރު މަންޞޫރަށް މަސްވެރިކަމުން ލިބިވަޑައިގެންނެވި އާމްދަނީއާއެކު، އާ ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގަތުމުގެ ގޮތުން، ލިލީ ގުރޫޕާ ގުޅިވަޑައިގެން، ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އުފައްދަވައި، ވިޔަފާރި ފެށްޓެވީ، ވަރަށް ކުޑަ ކެޕިޓަލަކާއި، އިންވެންޓްރީއަކާއި، މަދު މުވައްޒަފުންނާއެކު، ބޭންކް ފެސިލިޓީއެއް ނެތް ކުޑަ ފިހާރައަކުންނެވެ. އެހެންނަމަވެސް، ޢާމިރު މަންޞޫރުގެ ހިއްސާއާ އެކުގައި ހިންގަވާ ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި ނަން މަޝްހޫރު، ފުޅާ ދާއިރާއެއްގައި ރިޒޯޓް ސަޕްލައި ކުރާ ކުންފުންޏަކަށް ވަނީ ވެފައެވެ.

ޢާމިރު މަންޞޫރު ހިންގަވާ، ގްރޭޕް އެކްސްޕެކްޓޭޝަންސް ޕްރައިވެޓް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި މިހާރު ހުރި އެންމެބޮޑު ބޮންޑެޑް ވެއަރހައުސް ހިންގާ ކުންފުންޏެވެ. ޓޫރިޒަމް އިންޑަސްޓްރީގައި ރިޒޯޓް ސަޕްލައިގެ އެންމެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރަނީ އެ ގުރޫޕުންނެވެ.

2006ވަނަ އަހަރު، ޢާމިރު މަންޞޫރު، ތަފާތު ދާއިރާއަކުން ވިޔަފާރީގެ ތެރެއަށް ނުކުމެވަޑައިގެން، އަމިއްލަ ޝިޕްޔާޑުގައި ފަރުމާކުރައްވައި، އުޅަނދުތައް ބަނުމުގެ މަސައްކަތް ފެށްޓެވިއެވެ. މިގޮތުން، “ކާޕެ ޑިއެމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން، ލަގްޒަރީ ތިން ސަފާރީ ބޯޓުގެ މިލްކުވެރި ކަމުގައި ޢާމިރު މަންޞޫރު ވަނީ، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ކްރޫޒް އޮޕަރޭޓަރަކަށް ވެވަޑައިގެންފައެވެ. ޢާމިރު މަންޞޫރުގެ ސަފާރީ ވިޔަފާރިއަށް، އެކިއެކި އެވޯޑާއި ކާމިޔާބީތައް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މަސައްކަތްތަކުގެ އިތުރުން، ޢާމިރު މަންޞޫރު ދެން ފެށްޓެވީ، ދުނިޔޭގެ ނަން މަޝްހޫރު ފްރެންޗައިޒް ބްރޭންޑްތައް ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓްތަކުގެ ތެރެއިން “މެރީ ބްރައުން” ދިވެހިރާއްޖެއަށް ތަޢާރުފު ކޮށްދެއްވީ، ޢާމިރު މަންޞޫރެވެ. އެއީ، 2011ވަނަ އަހަރުއެވެ. ފްރެންޗައިޒް ވިޔަފާރި އިތުރަށް ފުޅާކުރައްވައި، މެރީ ބްރައުންގެ ދެ އައުޓްލެޓް، ހުޅުމާލެއާއި، އައްޑޫސިޓީ ހިތަދޫގައި ހިންގަވަމުން އެބަ ގެންދަވައެވެ. ހަމަ އެއާއެކު، ދުނިޔޭގައި ނަން މަޝްހޫރު “ސީކްރެޓް ރެސިޕީ” ދިވެހިރާއްޖެއަށް ތަޢާރުފު ކޮށްދެއްވީވެސް ޢާމިރު މަންޞޫރެވެ. ސީކްރެޓް ރެސިޕީގެ ދެ އައުޓްލެޓް، ރާއްޖޭގައި ކާމިޔާބުކަމާ އެކުގައި ހިންގަވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، “ކޮފީ ރިޕަބްލިކް” އާއި، “އެޗް.އެލް.އޭ.” ވެސް ދިވެހިރާއްޖެއަށް ތަޢާރުފު ކޮށްދެއްވައިފައި ވެއެވެ.

2011ވަނަ އަހަރުން ފެށިގެން، ފްރެންޗައިޒް ބްރޭންޑްތައް ރާއްޖެއަށް ތަޢާރުފު ކުރައްވައި، ކާމިޔާބުކަމާއެކު ހިންގެވުމުގެ އިތުރުން، ޢާމިރު މަންޞޫރު ވަނީ “ޕިއްޒާ މިއާ”ގެ ނަމުގައި އަމިއްލަ ބްރޭންޑެއްވެސް އުފައްދަވައިފައެވެ.

ޢާމިރު މަންޞޫރުގެ ކާމިޔާބު ވިޔަފާރީގެ ތެރެއަށް އިތުރުވެގެން ދިޔައީ، 2018ވަނަ އަހަރު 115 ކޮޓަރީގެ ލަގްޒަރީ ރިޒޯޓެއް ހުޅުއްވައި، ހިންގަވަމުން ގެންދެވުމެވެ. “ދަ ސްޓޭންޑަޑް ހުރުވަޅި މޯލްޑިވްސް” އަކީ “ކޮންޑޭ ނާސްޓް ޓްރެވަލަރ”އިން 2019ވަނަ އަހަރު އެންމެ މަޤުބޫލު ހޮޓެލްތަކުގެ ތެރޭގައި ލިސްޓު ކޮށްފައިވާ އެއް ރިޒޯޓެވެ.

ޢާމިރު މަންޞޫރަކީ، ކާމިޔާބު، މޮޅު ޓެނިސް ކުޅުންތެރިއެއްވެސް މެއެވެ. ޓެނިސް ކުޅުންތެރިން އުފެއްދެވުމުގައްޔާއި، ކުރިއެރުވުމަށް މިހާރުވެސް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 2015ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޢާމިރު މަންޞޫރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޢާމިރު މަންޞޫރު ވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.