އަލްފާޟިލް ޢަބްދުއްރަޙްމާން ޔޫސުފް
ރީފް ރ. އަލިފުށި

ޢަބްދުއްރަޙްމާން ޔޫސުފް، ކިއްސަރު ވަޑާމުގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެން، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ފެށްޓެވީ، 2000ވަނަ އަހަރުއެވެ. ކިއްސަރު ވަޑާމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އަލިފުށްޓަކީ، އޮޑިދޯނިފަހަރު ބަނުމަށް މަޝްހޫރު ރަށަކަށް ވުމުން، އެކަމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދިގެންނެވެ. ޢަބްދުއްރަޙްމާން ޔޫސުފް، ފުރަތަމަ ކުރެއްވީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ޕުރޮޖެކްޓެއްގެ މަސައްކަތެވެ. އެ ޕުރޮޖެކްޓުގެ ދަށުން އެ ކުންފުނީގެ 10 ބައްތެލި (ސަފާރީ) ބަނުމުގައި މާވަޑިއެއްގެ ގޮތުގައި ހުންނެވީ، ޢަބްދުއްރަޙްމާން ޔޫސުފެވެ. އެ ޕުރޮޖެކްޓުގެ މަސައްކަތް ނިންމަވައި، އޭގެފަހުން، މުދާ އުފުލާ ދޯނިފަހަރާއި، ބައްތެލި (ސަފާރީ) އާއި، ސަފާރީ އުޅަނދުފަހަރު ބަނުމުގެ މަސައްކަތް މެދުނުކެނޑި ކުރައްވަމުން ގެންދެވިއެވެ.

މި ވޭތުވެދިޔަ ތޭވީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ޢަބްދުއްރަޙްމާން ޔޫސުފް ވަނީ، އެކި ސައިޒުގެ އެކި ވައްތަރުގެ 28 އުޅަނދު ބަންނަވައި މަރާމާތު ކުރައްވައިފައެވެ. މީގެތެރޭގައި، މުދާ އުފުލާ ދޯނި ފަހަރާއި، މަސްދޯނި ފަހަރާއި، ސަފާރީ އުޅަނދު ހިމެނެއެވެ. އަދި ތިން ސަފާރީއެއް ބަނދެ ނިންމަވައިފައި ވެއެވެ. މިހާރުވެސް ދެ ސަފާރީއެއްގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. މި މަސައްކަތް ކުރިއަށް ގެންދަވަނީ، ރ. އަލިފުށްޓާއި، ވ. ރަކީދޫގައެވެ. މީގެއިތުރުން، މާލެއަތޮޅު ކާށިދޫގައި ބަންނަމުންދިޔަ ސަފާރީގެ މަސައްކަތް ނިންމަވައި، މިހާރު ވަނީ އެ ސަފާރީ ދުއްވަން ފަށައިފައެވެ.

މި މަސައްކަތުގައި ޢަބްދުއްރަޙްމާން ޔޫސުފަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ، އަދި މަސައްކަތުގައި ދެމިހުންނެވުމަށް ލިބިވަޑައިގެންނަވާ އެންމެބޮޑު ހިތްވަރަކީ، އަދި ކާމިޔާބަކީ، ވަޑާމުގެ މަސައްކަތުގައި ސައްތައިންސައްތަ ދިވެހި މުވައްޒަފުން ގެންގުޅުއްވުމެވެ. އަދި ޒުވާނުން ގެންނަވައިގެން މަސައްކަތް ދަސްކޮށްދެއްވައި، މާވަޑިންނަށް ބަދަލުވެގެންދިޔުމަކީވެސް ޢަބްދުއްރަޙްމާން ޔޫސުފަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހުމެކެވެ.

އުޅަނދު ފަހަރު ބަނުމުގެ މަސައްކަތް ފަށްޓަވައިގެން މިވީ މުއްދަތުގެ ތެރޭގައި، ބާރަސަތޭކައެއްހާ ދިވެހި މުވައްޒަފުން އެކިއެކި މަރުޙަލާތަކުގައި ޢަބްދުއްރަޙްމާން ގެންގުޅުއްވައިފައި ވެއެވެ. މިހާރުވެސް 28 ދިވެހިން، ޢަބްދުއްރަޙްމާނުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. މުވައްޒަފުންނަށް ގަވާއިދުން މުސާރަ ދެއްވައިގެން، އަދި ދޯނިފަހަރު ބަންނަ ފަރާތްތަކާ ވެވޭ އެއްބަސްވުމުގައި ކަނޑައެޅިފައި އޮންނަ ތާރީޚަށް އޮޑިދޯނިފަހަރުގެ މަސައްކަތް ނިންމަވައި ހަވާލުކުރެވޭކަން އެއީވެސް ޢަބްދުއްރަޙްމާނަށް ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް ލިބިވަޑައިގަންނަވާ ކަމެކެވެ.

ޢަބްދުއްރަޙްމާން ޔޫސުފްގެ މަސައްކަތް ބައްލަވައިލެއްވުމަށްޓަކައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ބޭފުޅުން، ރ. އަލިފުށްޓަށް ކުރެއްވި ޒިޔާރަތުގައި، މަސައްކަތް ކުރައްވާ ތަންތަނަށް ޒިޔާރަތް ކުރައްވައި، ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައްލަވައިލެއްވިއެވެ. މީގެއިތުރުން، އަލިފުށީ ކައުންސިލާވެސް ބައްދަލުކުރައްވައި، ޢަބްދުއްރަޙްމާން ޔޫސުފް ކުރައްވަމުން ގެންދަވާ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތާ ބެހޭގޮތުން ކޮމިޓީގެ ބޭފުޅުން މައުލޫމާތު ހޯއްދެވިއެވެ. ޢަބްދުއްރަޙްމާން ޔޫސުފަކީ، ކިއްސަރު ވަޑާމުގެ ރޮނގުން ގިނަގުނަ ކުރިއެރުންތަކެއް ހާސިލު ކުރައްވައިފައިވާ، މޮޅު މާވަޑިއެއްކަން ފާހަގަކޮށްލަންޖެހެއެވެ.