އަލްފާޟިލާ ފާޠިމަތު ޢުމަރު
ދޯދި ހއ. ފިއްލަދޫ

ފާޠިމަތު ޢުމަރު، އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސަސް (ހޮޓެލް ސްކޫލް) އިން ކިޔަވައި ވިދާޅުވީ، އެކި ޤައުމުތަކުގެ ކެއުންތަކަށް ޝައުޤުވެރިކަން އުފެދިގެންނެވެ. ހޮޓެލް ސްކޫލުން ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު، ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ބަނޑޮސް އައިލެންޑް ރިޒޯޓުގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައެވެ. ކަލިނަރީ ދާއިރާގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގަތީ، 2001ވަނަ އަހަރު، ކުޑަކުދިންގެ ޕާޓީތަކަށް އަމާޒުކޮށްގެން ކުރައްވަން ފެށްޓެވި، ކޭޓަރިންގ މަސައްކަތުގެ ތެރެއިންނެވެ.

ކަލިނަރީ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި، ކޭކު ޑެކަރޭޓިންގ ކޯސް ލެވެލް 1 އާއި، ލެވެލް 2 ފާޠިމަތު ޢުމަރު ފުރިހަމަކުރެއްވިއެވެ. އޭގެފަހުން، ޕޭސްޓްރީ ދާއިރާއިން ތަމްރީނުވެ ވަޑައިގަތުމަށްފަހު، ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކުގައި، އެކިއެކި މަގާމުތައް އަދާކުރެއްވިއެވެ. އޭގެތެރޭގައި، ކޮމީ ޝެފެއްގެ މަގާމާއި، ޝެފް ޑި ޕާޓީގެ މަގާމާއި، ޝޫޝެފްގެ މަގާމާއި، ސީނިއަރ އެފް.އެން.ބީ. މެނޭޖަރުގެ މަގާމާއި، ޑައިރެކްޓަރުގެ މަގާމު ހިމެނެއެވެ. އަދި އެގްޒެކެޓިވް ޝެފެއްގެ މަގާމުވެސް އަދާކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެގްޒެކެޓިވް ޝެފްގެ ފަޚުރުވެރި މަގާމު އަދާކުރެއްވި ފުރަތަމަ ދިވެހި އަންހެން ކަނބަލަކަށް ފާޠިމަތު ޢުމަރު ވެވަޑައިގަތުމަކީ، ފާޠިމަތު ޢުމަރަށާއި، މި ދާއިރާގައި ޚިދުމަތް ކުރައްވާ ދިވެހި ކަނބަލުންނަށް ލިބުނު ވަރަށްބޮޑު ހިތްވަރަކާއި ޝަރަފެކެވެ. މީގެ އިތުރުން، ފާޠިމަތު ޢުމަރު ވަނީ، ސްވިޓްޒަރލޭންޑުގެ ޖެނީވާގައްޔާއި، އިނގިރޭސިވިލާތުގެ އޮކްސްފޯޑްގެ، ފައިން ޑައިނިންގ ރެސްޓޯރަންޓް ތަކުގައިވެސް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

ފާޠިމަތު ޢުމަރު، މި ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވައި، ކުރިމަތިވެވަޑައިގެންނެވި ތަފާތު ގޮންޖެހުންތަކާ އެކުގައިވެސް، ޔޫރަޕިއަން ކަލިނަރީ އާޓްސްގެ ދާއިރާއިން ސްވިޓްޒަރލޭންޑުން 2007ވަނަ އަހަރު ޑިޕްލޮމާ ހާސިލު ކުރެއްވިއެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ މެންޗެސްޓަރ މެޓްރޮޕޮލިޓަން ޔުނިވަރސިޓީން ހޮސްޕިޓޭލިޓީ އެންޑް ކަލިނަރީ އާޓްސްގެ ދާއިރާއިން، ބެޗްލަރސް ޑިގްރީއާއި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އިންޓަރނޭޝަނަލް ހޮޓެލް އެންޑް ޓޫރިޒަމް މެނެޖްމަންޓުން މާސްޓަރ އޮފް ސައިންސް ހާސިލުކުރައްވައިފައި ވެއެވެ.

ފާޠިމަތު ޢުމަރަކީ، ކަލިނަރީ ދާއިރާއިން ދިވެހީން ބިނާކުރެއްވުމަށްޓަކައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި 2005ން ފެށިގެން 10 އަހަރެއްހާ ދުވަހު، ކަލިނަރީ ދާއިރާގެ ލެކްޗަރަރއެއްގެ މަގާމު އަދާކުރެއްވިއެވެ. މީހުން ބިނާކުރެއްވުމުގެ އިތުރުން، ކަލިނަރީ ދާއިރާގެ ކޯސްތައް ފަރުމާކުރައްވައި، ކޯސްތަކުގެ ގިނަ މާއްދާތައް، ފާޠިމަތު ޢުމަރު ކިޔަވައިދެއްވިއެވެ. އަދި، ދިވެހި ކެއްކުން ދަސްކޮށްދެއްވުމުގެ ގޮތުން، މޯލްޑިވިއަން ކުޒީން ކޯހެއް އަލަށް ފަރުމާކުރައްވައި، ކަރިކިއުލަމްގެ ތެރޭގައި ހިމެނުއްވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކަލިނަރީ/ޕޭސްޓްރީ ކޯސްތަކުގެ އެސެސަރއެއްގެ ގޮތުގައިވެސް ފާޠިމަތު ޢުމަރު، ޚިދުމަތް ދެއްވަމުން ގެންދަވައެވެ. އަދި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކަލިނަރީ، ޕޭސްޓްރީ، ހޮސްޕިޓޭލިޓީ ދާއިރާގެ ކޯސްތަކުގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ޓެކްނިކަލް ޕެނަލް" ގައިވެސް ޚިދުމަތް ކުރައްވަމުން ގެންދަވައެވެ. އަދި، ތަފާތު އެކި ވައްތަރުގެ ކެއްކުމުގެ ކުރު މުއްދަތުގެ ގިނަ ކޯސްތަކެއްވެސް ފާޠިމަތު ޢުމަރު ހިންގަވައި ދެއްވައިފައި ވެއެވެ. ފާޠިމަތު ޢުމަރު ވަނީ، "ރަސްރަހަ"ގެ ނަމުގައި، ތަފާތު ކާނާ ތައްޔާރުކުރާނެ ގޮތުގެ ފޮތެއްވެސް ލިޔުއްވައި ނެރުއްވައިފައެވެ.

މި ދާއިރާއަށް މީހުން ޝައުޤުވެރި ކުރުވުމަށްޓަކައި، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ފާޠިމަތު ޢުމަރު ވަނީ ކޮށްދެއްވައިފައެވެ. މިގޮތުން، ޓީ.ވީ.އެމް. އިން ކޮންމެ ރޯދަމަހަކު ގެނެސްދޭ ރަހަތަފާތު ޕުރޮގުރާމުގެ 153 ޕުރޮގުރާމާއި، ވީ.ޓީ.ވީ. އިން ގެނެސްދިން ކުކިންގ ޝޯގެ 60 އެޕިސޯޑާއި، ދި ޓީ.ވީ. އިން ގެނެސްދިން ކުކިންގ ޝޯގެ 45 އެޕިސޯޑާއި، ކެއްކުމާބެހޭ ގިނަ ޕުރޮގުރާމުތަކެއް، ދިވެހިރާޖޭގެ އަޑުންވެސް ގެނެސްދެއްވައިފައި ވެއެވެ. މީގެ އިތުރުން، ޞިއްޙަތަށް ފައިދާހުރި ކާނާ ތައްޔާރުކުރުމުގެ މައުލޫމާތު، ސްކޫލްތަކުގެ ދަރިވަރުންނަށާއި، ކުޑަކުދީންގެ ހިޔާގައި ތިބޭ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދެއްވަމުން ގެންދަވައެވެ. ފާޠިމަތު ޢުމަރު ވަނީ ސަރުކާރުންނާއި، ސްކޫލްތަކުން ބާއްވާ ކެއްކުމުގެ މުބާރާތްތަކާއި، ކާބޯތަކެތީގެ މައުރަޒުތަކުގައި ފަނޑިޔާރުކަންވެސް ކުރައްވައިފައެވެ.

ފާޠިމަތު ޢުމަރު ވަނީ، 2022 ގައި، ވަރލްޑް ޝެފް ސަރޓިފައިޑް ކޮންޓިނެންޓަލް ޖަޖުކަން، ޕޭސްޓްރީ އާޓްސްއިންނާއި، ކަލިނަރީ އާޓްސްއިން ހާސިލު ކުރައްވައިފައެވެ. މި ދާއިރާއިން ރާއްޖޭގައި ތިއްބެވި ޖަޖުންގެ ތެރޭގައި، ފާޠިމަތު ޢުމަރު ހިމެނިގެން ދިޔައީ، ފުރަތަމަ ސެޓިފައިޑްވި ޕޭސްޓްރީ ޖަޖުގެ ގޮތުގައެވެ. ފާޠިމަތު ޢުމަރަކީ 2008ވަނަ އަހަރުން ފެށިގެން ކަލިނަރީ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގަޔާއި، ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ ކަލިނަރީ ކޮމްޕެޓިޝަން ތަކެއްގައި ވަނީ ޖަޖުކަން ކުރައްވައިފައެވެ.

ފާޠިމަތު ޢުމަރު ވަނީ ރާއްޖޭގައި ބޭއްވުނު ކަލިނަރީ މުބާރާތަކުންވެސް ސިލްވަރ މެޑެލް ހޯއްދަވައިފައެވެ. އަދި، ގިނަ އަދަދެއްގެ ކުދިން މި ދާއިރާއަށް ނެރުއްވައިދެއްވައި، އެކި މައުރަޒުތަކުގައި އެ ކުދިން ގެންދަވަނީ ބައިވެރިކުރައްވަމުންނެވެ. މިގޮތުން ބައިވެރިކުރައްވާ ކުދިން، އެ މައުރަޒުތަކުން ގޯލްޑް މެޑެލާއި ސިލްވަރ މެޑެލް ހޯދަމުން ގެންދާކަން އެއީ، މި ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފޮނި ނަތީޖާކަން ފާހަގަކޮށްލަން ޖެހެއެވެ.

ފާޠިމަތު ޢުމަރަކީ، މި ދާއިރާގައި 24 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ، ކަލިނަރީ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން މިހާރުވެސް މީހުން ބިނާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު ހުންނެވީ، ވިލާ ކޮލެޖުގެ ސީނިއަރ ލެކްޗަރަރއެއްގެ މަގާމުގައެވެ.