އަލްޙާފިޡާ ފާޠިމަތުދީދީ
ޝެވިލް ސ. ހިތަދޫ

ފާޠިމަތުދީދީގެ ހިތްޕުޅުގައި ކީރިތި ޤުރްއާނަށް ޝައުޤުވެރިކަން އުފެދުނީ ތަފާތު ދަރުސްތައް އަޑުއެއްސެވުމުގެ ތެރެއިންނެވެ. ޤުރްއާން ހިތުދަސްކުރުމަކީ، ވަރަށް މަތިވެރި ކަމެއް ކަމުގައިވާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަތިވެރި މާތް މަގުސަދުގައި، އުމުރުން 46 އަހަރުގައި މަސައްކަތް ފެށްޓެވިއެވެ. ޤުރްއާން ދަސްކުރައްވަން އެންމެ ފުރަތަމަ ފެށްޓެވީ، 2008ވަނަ އަހަރު އަމިއްލަ ގޭގައި، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ. އަމިއްލައަށް ފަރިތަކުރެއްވުމުގައި، އެއް އަހަރު ވޭތުކުރެއްވުމަށްފަހު، 2009ވަނަ އަހަރު ސ. ހިތަދޫ މަސްޖިދުއްޝޫރާގައި، ސ. ހިތަދޫ ފިތުރޯނުގޭ އަލްޙާފިޡް އަލްމަރްޙޫމް މުޙައްމަދު ޙުސްނީ ހިންގެވި ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެންނެވީއެވެ. އޭގެފަހުން، މަސްޖިދުލް އިކްރާމްގައި، ސ. ހިތަދޫ މުއްތުސަންބާގޭ އަލްޙާފިޡް އަޙްމަދު މުޙައްމަދުދީދީ ހިންގެވި ޤުރްއާން ކުލާހުގައި ބައިވެރިވެވަޑައިގެން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ފާޠިމަތުދީދީއަށް ޤުރްއާން ހިތުދަސްކުރައްވައި ނިންމަވައިލެއްވުނީ، 2022ވަނަ އަހަރުއެވެ. އޭރު އުމުރަކީ 58 އަހަރެވެ. އެންމެ ފުރަތަމަ މުރާޖަޢާ ކުރެއްވީ، ޢާއިލާގެ މެންބަރުންގެ އެހީތެރިކަމާ އެކުގައެވެ. ދުވާލަކު 4 ގަޑިއިރު ހޭދަކުރެއްވިއެވެ. އެއަށްފަހު، 2022ވަނަ އަހަރުގެ ޖަނަވަރީ މަހު މުރާޖަޢާ ކުރައްވަން ފަށްޓަވައި، މުރާޖަޢާ ކުރައްވައި ނިންމެވީ، 1 އަހަރާއި 1 މަހާއި 20 ދުވަހުންނެވެ. އެ މުއްދަތުގެ ތެރޭގައި ފޫހިފުޅުވުމެއްނެތި، އެހީތެރިކަން ދެއްވީ، ސ. ހިތަދޫ ހިތްފަހި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދެވެ.

ފާޠިމަތުދީދީ، ދެވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 1 މާރިޗު 2023 ގައެވެ.