އަލްޙާފިޡާ ޖަމީލާ ޢަލީދީދީ
ދޫޑިގަން. މައްސާގުގެ ޏ. ފުވައްމުލައް

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަކީ، ވަރަށް ކުރިއްސުރެ ފެށިގެން ޖަމީލާ ޢަލީދީދީ، ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވައިގެން ކުރެއްވި ކަމެކެވެ. އެ ޢަޒުމުގައި ޤުރްއާން ކިޔަވައި ވިދާޅުވަމުން ގެންދެވިއިރު، އެކަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިވަޑައިގަތީ، 2001ވަނަ އަހަރުގެ ޖުލައި މަހު، ފުވައްމުލަކު މަސްޖިދުއްސަލާމުގައި (ރާވޭރުން މިސްކިތުގައި) ފުވައްމުލަކު ޕިޔާނާގޭ ޙަސަންބޭބެއާއި، ލައިޓް ޙަމީދުބޭބެ (ދޮންބޭބެ)އާ ދެ ބޭފުޅުން ހިންގެވި ޤުރްއާން ކުލާހެއްގައި ބައިވެރިވެވަޑައިގެންނެވެ. އޭރުވެސް، މުޞްޙަފުގެ ފެށޭ ހިސާބުން ފޮތަކާއި، ނިމޭ ހިސާބުން ދެ ފޮތާއި، އަދި މެދުތެރެއިންވެސް ބައެއް ސޫރަތްތައް ވަނީ ހިތުދަސްކުރައްވައިފައެވެ. އެ ކުލާހުގައި ކިޔެވުން ކުރިއަށް ގެންދަވައި، ތިން އަހަރުވީއިރު، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވިއެވެ. އެހެންނަމަވެސް، އޭރު ހާލަތު ނިޔާކުރި ގޮތުން، ކުލާހަށް ވަޑައިގެން ކިޔެވުން މެދުކަނޑާލަން ޖެހުމާ ގުޅިގެން، މުރާޖަޢާ ނުކުރެއްވުނު ނަމަވެސް، ގޭގައި ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔެވުން ކުރިއަށް ގެންދެވިއެވެ.

އޭގެފަހުން، ފުވައްމުލަކުގައި ހިންގާ ޤުރްއާނާބެހޭ މަރުކަޒުގައި، 2023ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކީރިތި ޤުރްއާން މުރާޖަޢާ ކުރައްވަން ފެށްޓެވިއެވެ. މުރާޖަޢާ ކުރައްވަން ފެށްޓެވި ފަހުން ރޭގަނޑާއި ދުވާލުގެ 4 ގަޑިއެއްހާއިރު ކިޔަވައި ވިދާޅުވުމުގައި ހޭދަކުރެއްވިއެވެ. ޙިފްޡު އިމްތިޙާނު ފެށްޓެވީ، 1 މޭ 2023 ގައެވެ.

ޖަމީލާ ޢަލީދީދީ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 29 މޭ 2023 ގައެވެ.