އަލްޙާފިޡާ ފާޠިމަތު ޢިޝާ
ނިޒާމް ށ. މިލަންދޫ

ފާޠިމަތު ޢިޝާގެ ހިތްޕުޅުގައި އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް ވަނީ، ކީރިތި ޤުރްއާނަށް ލޯބި ޖެހިފައެވެ. ސްކޫލުގައި ބާއްވަމުންގެންދިޔަ ޤުރްއާން މުބާރާތްތަކުގައި، އުމުރުން 10 އަހަރުން ފެށިގެން ޢިޝާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެ ދުވަސްވަރު ކީރިތި ޤުރްއާން ހިތުދަސްކުރުމާއި، އެކަމުގެ މަތިވެރިކަން އެނގިވަޑައިގެން، ސްކޫލް ނިންމަވާފައި، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ.

ސްކޫލް ނިންމެވުމަށްފަހު، މިލަންދޫ ޢަފާފް ޤުރްއާން ކުލާހުގައި އޮންނަ، ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ބައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ކުލާސް އޮންނަނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށް، އެވްރެޖްކޮށް ދުވާލަކު 5 ގަޑިއެއްހާއިރު ހޭދަކުރެއްވިއެވެ.

މާތްﷲގެ ވާގިފުޅާއެކު ފާޠިމަތު ޢިޝާ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، އުމުރުން 21 އަހަރުގައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުން ޖާގަ ލިބިވަޑައިގަންނަވަންދެން، ފާޠިމަތު ޢިޝާ ރަށުގައި ހުންނަވައިގެންވެސް ކީރިތި ޤުރްއާން މުރާޖަޢާ ކުރައްވަމުން ގެންދެވިއެވެ. އަދި 2022ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޖާގަ ލިބުމާ ގުޅިގެން، މާލެއަށް ވަޑައިގެން، މުރާޖަޢާ ކުލާހުގައި ބައިވެރިވެވަޑައިގެން، ޙިފްޡު އިމްތިޙާނު ނިންމެވުމާ ހަމަޔަށް، އެވްރެޖްކޮށް ދުވާލަކު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދު މުރާޖަޢާ ކުރެއްވުމަށް ވަގުތު ހޭދަކުރެއްވިއެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށްޓަކައި ފާޠިމަތު ޢިޝާ ކުރެއްވި ދިގު ދަތުރުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް، ޢިޝާގެ ލޮބުވެތި މައިންބަފައިންނަށާއި، ބޭބެއަށާއި، ޢާއިލާގެ އެހެން މެންބަރުންނަށާއި އަދި މުދައްރިސް އަލްޤާރީ އަޙްމަދު ފިރާޤަށް ޝުކުރު އަދާކުރައްވައެވެ.

ފާޠިމަތު ޢިޝާ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 5 ޖޫން 2023 ގައެވެ.