އަލްޙާފިޡާ ޙަކީމަތު މުޙައްމަދު
ފުނާޑު. ހީނާގެ ޏ. ފުވައްމުލައް

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން، ޙަކީމަތު މުޙައްމަދުގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ އޮވެއެވެ. އެހެންކަމުން، ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ގަވާއިދުން ފެށްޓެވީ، ޙަކީމަތުގެ ބޭފުޅުން ކިޔަވައި ނިމުމުން، މާމަ ދަރިންގެ ޒިންމާތައްވެސް އަދާކުރެއްވުމަށްފަހުގައެވެ. އެއީ، 2015ވަނަ އަހަރު ޤުރްއާނާބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިންނެވެ. އެ ހިސާބުން ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް މެދުކަނޑުއްވައި ނުލައްވައި، ކުރިއަށް ގެންދެވުމަށް ކަނޑައެޅުއްވިއެވެ. ދިރިއުޅުމުގެ އެހެން ކަންތައްތަކަށްވުރެ ބޮޑަށް އިސްކަން ދެއްވީ، ޤުރްއާން ހިތުދަސްކުރެއްވުމަށެވެ.

ޙަކީމަތު މުޙައްމަދު، އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ މުރާޖަޢާ ކުރެއްވުމުގައެވެ. އަދި އިމްތިޙާނުގައި ބައިވެރިވެވަޑައިގަތީ، ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރަށް މުރާޖަޢާ ކުރެއްވުމުންނެވެ. އަބަދުވެސް ވިސްނުމުގައި ބެހެއްޓެވީ، މިއީ ރޭހެއް ނޫންކަމާއި، ކުރެއްވޭ ވަރަކުން ކުރެއްވުމަށާއި، އެހެން ޒިންމާތައްވެސް އަދާކުރެއްވުމަށްފަހު، ވަގުތު ހޯއްދަވައިގެން ޤުރްއާން ހިތުދަސްކުރެއްވުމަށެވެ.

ޙަކީމަތު މުޙައްމަދު، ދެވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 15 ޖޫން 2023 ގައެވެ.