އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން
މޫންލައިޓްހިޔާ ސ. މަރަދޫ

ކީރިތި ޤުރްއާން ކިޔަވާ އަޑު ގޭތެރެއިން އަބަދު އިވޭތީ، ޢަބްދުﷲއަކީ، ތުއްތުއިރުއްސުރެވެސް ޤުރްއާން ކިޔަވައި އުޅޭ ކުއްޖެކެވެ. ދުޢާތަކުގެ ގޮތުގައި، އެކިއެކި އާޔަތްތަކާއި، ކުރު ސޫރަތްތައް ވަނީ ދަސްވެފައެވެ. ޢަބްދުﷲ އެންމެ ތުއްތުއިރުއްސުރެވެސް ނިދަނީ، ޤުރްއާން އަޑުއަހައިގެންނެވެ.

ޢަބްދުﷲގެ އުމުރުން 5 އަހަރުގައި، ފިލި ކިޔަވަންދިޔަ ގެއިން ޢައްމާފޮތުން ދަސްކުރުވަން ފެށިއެވެ. މިކަން ވެގެންދިޔައީ، ޢަބްދުﷲގެ ޙިފްޡު ދަތުރުގެ ފެށުމަށެވެ. އޭރު ދިރިއުޅެމުން ގެންދިޔައީ، މަދީނަތުލް މުނައްވަރާގައެވެ. އުމުރުން 8 އަހަރުގައި، އެނބުރި ރަށަށް އައިއިރު ވަނީ 6 ފޮތް ދަސްކުރެވިފައެވެ. ރަށަށް އައުމަށްފަހު، ތަޙްފީޡް ސެންޓަރާ ގުޅިގެން، ޤުރްއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ހުކުރު ދުވަސް ފިޔަވައި، ހަފުތާގެ އެހެން ހުރިހާ ދުވަހަކުވެސް މެންދުރުފަހުން ފެށިގެން ކިޔެވުން ކުރިއަށް ގެންދިޔައެވެ. މުޅި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ނިމުނީ، ޢަބްދުﷲގެ އުމުރުން 12 އަހަރުގައެވެ.

މުރާޖަޢާ ކުރަން ފެށިފަހުން ކިޔަވަމުން ގެންދިޔައީ ގޭގައިކަމުން، މުރާޖަޢާ ކުރަން ވަކި ވަގުތެއް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް، ވަރަށް މުހިންމު ކަމެއް މެދުވެރިވެގެން މެނުވީ، އަބަދުވެސް އެންމެ އިސްކަންދެނީ، މުރާޖަޢާ ކޮށްފައި، މަންމަ ނުވަތަ ބައްޕައަށް ކިޔައިދިނުމަށެވެ. ކޮންމެ ދުވަހަކަށްވެސް ކަނޑައެޅިފައި އޮންނަ ބައި، އެ ދުވަހަކު ނިންމާގޮތަށެވެ.

ޤުރްއާން ހިތުދަސްކުރުމުގައި ޢަބްދުﷲ އަށް އެހީތެރިކަން ލިބުނު ފަރާތްތަކުގެ ތެރޭގައި، ތަޙްފީޡް ސެންޓަރުގެ މުއައްސިސް އަދި މުދީރު، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަމްޢޫނާއި، އެ ސެންޓަރުގެ މުދައްރިސުން ހިމެނިވަޑައިގަންނަވައެވެ.

ޢަބްދުﷲ ބިން ޔާމީން، ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 27 ސެޕްޓެންބަރު 2023 ގައެވެ.