އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ
ކުރިބޯށި ރ. މީދޫ

ސަޚިއްޔާ ޢަބްދުލްޣަނީ، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށް ޝައުޤުވެރިވަޑައިގެން، އެ މަސައްކަތް ފެށްޓެވީ، އުމުރުން އެންމެ 5 އަހަރުގައެވެ. ސަޚިއްޔާ ޤުރްއާން ހިތުދަސްކުރެއްވުމަކީ، މަންމަގެ ވަރަށްބޮޑު އުންމީދަކަށް ވުމާއެކު، މަންމަގެ އެހީތެރިކަމާއެކުގައި، އޭރުއްސުރެ ފެށިގެން ޤުރްއާން މުބާރާތްތަކަށް ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ކީރިތި ޤުރްއާން އެކީގައި ހިތުދަސްކުރައްވަން ފެށްޓެވީ، އޭ ލެވެލް އިމްތިޙާނު ނިންމެވުމަށްފަހު، 2018ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން، އެއް އަހަރު ދުވަހުގެ ތެރޭގައި، ޤުރްއާން ހިތުދަސްކުރައްވައި، ގޭގައި މަންމައަށް ކިޔުއްވައި ދެއްވުމަށްފަހު، އުމުރުން 19 އަހަރުގައި، މީދޫ ޖަމުޢިއްޔަތުއްޞަލާޙުގެ ކޮމިޓީއަކަށްވެސް ޤުރްއާން އެއްކޮށް ހިތުން ކިޔުއްވައި ދެއްވިއެވެ. އޭގެފަހުން، 2020ވަނަ އަހަރު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ކިޔުއްވައި ދެއްވަމުން ގެންދެވިއެވެ.

ކޯވިޑުގެ ޢާލަމީ ވަބާއާ ގުޅިގެން، މުރާޖަޢާ ކުލާހަށް ބަދަލުވެވަޑައިގަތުމަށްޓަކައި ދުވަސްތަކެއް ފާއިތުވެގެން ދިޔުމަށްފަހު، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވެވަޑައިގެންނެވުނީ، 2023ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ޤުރްއާން އެއްކޮށް ކިޔުއްވައި ދެއްވައި ނިންމެވީ، 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ސަޚިއްޔާ ޢަބްދުލްޣަނީ އެންމެ ބޮޑަށް ފާހަގަކުރައްވަނީ، ޤުރްއާން ހިތުދަސްކުރެއްވުމަށްޓަކައި މި ކުރެއްވި މަސައްކަތުގައި މަންމަގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމެވެ. އަދި ޢާއިލާގެ އެހެން ބޭފުޅުންގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ސަޚިއްޔާ ފާހަގަކުރައްވައެވެ.

ސަޚިއްޔާ ޢަބްދުލްޣަނީ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 2 ޑިސެންބަރު 2023 ގައެވެ.