އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު
ފެހިގެ ދ. މީދޫ

ޔުމްނާ ޢަބްދުލްޢަޒީޒު، ސްކޫލް ދައުރުގައި ގްރޭޑް 1ން ގްރޭޑް 10އާ ހަމަޔަށް ސްކޫލްގައި ބޭއްވި ޤުރްއާން ކިޔެވުމުގެ ހުރިހާ މުބާރާތެއްގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ، ކީރިތި ޤުރްއާން ހިތުން ކިޔެވުމުގެ ގޮފީގައެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާތީ ޔުމްނާ، ޢަޒުމް ކަނޑައެޅުއްވީ، ސްކޫލް ދައުރު ނިމުމުން ޤުރްއާން ހިތުދަސްކުރެއްވުމަށެވެ.

ޔުމްނާ ޢަބްދުލްޢަޒީޒު، 2017ވަނަ އަހަރު އޭ ލެވެލް އިމްތިޙާނު ނިންމަވައިލެއްވުމަށްފަހު، އެ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސް ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް މަދުވެގެން ސަފުހާއެއް ހިތުދަސްކުރެއްވުމަކީ އަމާޒެއް ކަމުގައި ހެއްދެވިއެވެ. އަދި ދަސްކުރައްވަމުން ގެންދަވާ ބައި މުރާޖަޢާ ކުރައްވަމުން ގެންދެވިއެވެ.

2019ވަނަ އަހަރު ޔުމްނާ ފުރަތަމަ ޑިގްރީއަށް ކިޔަވައި ވިދާޅުވާން ފެށްޓެވިއިރުވެސް ޙިފްޡު ކުލާހުގައި ކިޔެވުން ކުރިއަށް ގެންދެވިނަމަވެސް، ޔުނިވަރސިޓީގެ ކިޔެވުމާއި، ޙިފްޡު ކުރެއްވުމާ އެކުގައި ގެންދަވަން އުނދަގޫވުމުގެ ސަބަބުން ޙިފްޡު ކުރެއްވުން މެދުކަނޑުއްވައިލެއްވިއެވެ. އޭރު ޔުމްނާ ވަނީ ޙިފްޡު ކުލާހަށް 22 ފޮތް ކިޔުއްވައި ދެއްވައިފައެވެ. އޭގެފަހުން، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، ގޭގައެވެ.

ފުރަތަމަ ޑިގްރީ ނިންމަވައި، 2023ވަނަ އަހަރުގެ ޖޫން މަހު މާސްޓަރޒް ޑިގްރީ ފުރިހަމަކުރެއްވުމަށްފަހު، އެ އަހަރުގެ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި އަލުން ބައިވެރިވެވަޑައިގަތެވެ. މުރާޖަޢާ ކުރައްވައި ނިންމެވީ، އެ އަހަރުގެ ނޮވެންބަރު މަހުގެ 30ވަނަ ދުވަހުއެވެ.

ޔުމްނާ ޢަބްދުލްޢަޒީޒު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 1 ފެބުރުވަރީ 2024 ގައެވެ.