އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު
ޖަވާހިރުމާގެ ރ. ފައިނު

މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރަކީ، އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީ. ގައި އުޅުނު ދުވަސްވަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އުފެދުނީ، އުމުރުން 10 އަހަރުގައެވެ. ޤުރްއާން ހިތުދަސް ކުރަން ފެށީ، މަންމައާއި ބައްޕަގެ އެހީތެރިކަމާއެކުގައި، ގޭގައި ކިޔަވަން ދަސްކޮށްގެންނެވެ.

ބައްޕަގެ އިރުޝާދުގެ ދަށުން މަންމައާއި ބައްޕަގެ އެހީތެރިކަމާއެކުގައި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މުޙައްމަދު ޔޫނުސް ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމައި، 2023ވަނަ އަހަރުގެ އޮގަސްޓު މަހު ޚަތިމު އެކީގައި ބައްޕައަށް ކިޔައިދީ ނިންމައިލިއެވެ. މުރާޖަޢާކޮށް ބައްޕައަށް ކިޔައިދިނުމަށް މުޙައްމަދު ޔޫނުސްއަށް ލިބުނީ އެންމެ ތިންމަސް ދުވަހެވެ. ފަރިތަވެއްޖެ ކަމަށް ބަލައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދާއިމީ ޙާފިޡާއަކަށް އޮންލައިންކޮށް މުޅި ޤުރްއާން އެއްކޮށް ހިތުން ކިޔައިދިނުމަށްފަހު، އެ މަރުކަޒުގެ މުރާޖަޢާ ކުލާހަށް ދުވާލަކު ދެ ފޮތް ކިޔައިދީ، 15 ދުވަހުން ޚަތިމުކުރިއެވެ. ޙާފިޡް ކަމުގެ އިމްތިޙާނު ނިންމާލީ، 16 ޖަނަވަރީ 2024 ގައެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި މަންމައާއި ބައްޕައާއި، ޢާއިލާގެ މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މުޙައްމަދު ޔޫނުސް ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 1 ފެބުރުވަރީ 2024 ގައެވެ.