އަލްޙާފިޡް ރާހިން ބިން މުޙައްމަދު
މާތޮޑާއަވަށް. ޖަގަހަ ގދ. ފަރެސްމާތޮޑާ

ރާހިން ބިން މުޙައްމަދަކީ، އޯޓިޒަމް، އޭ.ޑީ.އެޗް.ޑީ. އަދި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ކުއްޖެކެވެ. އެހެންކަމުން، މިއަދާ ހަމަޔަށްވެސް މިކަމަށް ފަރުވާކުރަމުން ގެންދެއެވެ. މިއަދާ ހަމަޔަށްވެސް ރާހިންއަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ރާހިންގެ ޢާއިލާއަކީ، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގައި ޝާމިލުވެގެން އުޅޭ ޢާއިލާއެއްކަމުން، ރާހިންގެ ކިބައިގައި، ކުޑައިރުއްސުރެ ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން ހުންނަ ކަމަށް ފާހަގަ ކުރެވެއެވެ. އެހެންކަމުން، ރާހިންއަށް އިވޭނެހެން ގޭތެރޭގައި އަބަދުވެސް ޤުރްއާން ޖަހާފައި ހުރެއެވެ.

ރާހިންއަކީ، ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުންނަ ކުއްޖެއް ކަމުގައިވިޔަސް، އުމުރުން 5 އަހަރުގައި އެކަނި ޤުރްއާން ކިޔަވަން ދަސްކުރިއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ރާހިން ފެށީ، 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެއީ، ގޭގައި މަންމަގެ އެހީތެރިކަމާ އެކުގައެވެ. ފުރަތަމަ ދަސްކުރަން ފެށީ، ތިރީސްވަނަ ފޮތުންނެވެ. މިގޮތުން، ކޮންމެ ދުވަހަކުވެސް މުރާޖަޢާ ކުރުމާއި، ޙިފްޡު ކުރުން ކުރިއަށް ގެންދިޔައެވެ. އަދި 2022ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023ވަނަ އަހަރުގެ މޭ މަހާ ހަމަޔަށް، ކޮންމެ ދެ މަހަކުން ޚަތިމެއް މުރާޖަޢާ ކުރިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކޮމިޓީއަށް ރާހިން، ކީރިތި ޤުރްއާން ކިޔައިދޭން ފެށީ، 4 ޖަނަވަރީ 2024 ގައެވެ. މަރުކަޒުގެ ކޮމިޓީއަށް ރާހިން ކިޔައިދީފައި ވަނީ، ދުވާލަކު ދެ ފޮތެވެ. އެގޮތުން، 15 ދުވަހުން މުޅި ޤުރްއާން އެއްކޮށް ކިޔައިދީ، ކޮމިޓީ މަރުޙަލާ އެއްކޮށް ނިމުނީ، 30 ޖަނަވަރީ 2024 ގައެވެ.

ރާހިން ބިން މުޙައްމަދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 18 ފެބުރުވަރީ 2024 ގައެވެ.