އަލްޙާފިޡް ޢަލީ ރައީފު
ދޮންމޫނިމާ އއ. ތޮއްޑޫ

ޢަލީ ރައީފަކީ، ކުޑައިރުއްސުރެ ރީތިކޮށް ޤުރްއާން ކިޔަވާ އަޑުއެއްސެވުމަށާއި، ކިޔަވައި ވިދާޅުވުމަށް ޝައުޤުވެރިކަން ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އެކަން ފާހަގަކުރެއްވިގެން، ރައީފުގެ ދޮންބައްޕަ ކޮށްދެއްވި އަގުހުރި މަސައްކަތާއި، އެހީތެރިކަމާއި، ދެއްވި ހެޔޮ ނަސޭހަތާއެކު، ކުރު މުއްދަތެއްގެ ތެރޭގައި، ވަރަށްގިނަ ސޫރަތާއި، އާޔަތްތަކުގެ ނަންބަރު ހިތްޕުޅުން އެނގިވަޑައިގަންނަވާ ވަރަށް ދަސްކުރެއްވިއެވެ.

އޭގެފަހުން، މާލޭގައި ހިންގާ އެކިއެކި ޤުރްއާން ކުލާސްތަކުގައި އެކިފަހަރު މަތިން، ޢަލީ ރައީފު ބައިވެރިވެވަޑައިގެން ކީރިތި ޤުރްއާން ހިތުދަސްކުރައްވަން މަސައްކަތް ކުރެއްވިއެވެ. އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިޢުލާނުކުރި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު، 2015ވަނަ އަހަރު ޢަލީ ރައީފަށް ލިބިވަޑައިގަތެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވިއިރު، މުރާޖަޢާ ކުރެއްވުމުގެ މަސައްކަތްވެސް ފެށްޓެވިއެވެ. އަދި ހިތުދަސްކުރައްވަމުން ގެންދަވާ ސޫރަތްތައް މަންމައަށް ކިޔުއްވައި ދެއްވަމުން ގެންދެވިއެވެ.

ޢަލީ ރައީފަށް، ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް ޢަލީ ރައީފުގެ މަންމައާއި، ޢާއިލާގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައެވެ. އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އުސްތާޒުން ދެއްވި އަގުހުރި އިރުޝާދާއި އެހީތެރިކަމާއި، އުސްތާޒާ ޢަޒްމަތު ޝާކިރާއި، އެހެން އުސްތާޒުންނާއި، އެމް.އައި.ޓީ.ޑީ.ސީ.ގެ ވެރިން ވެދެއްވި އެހީތެރިކަންވެސް ޝުކުރުވެރިކަމާއެކުގައި ފާހަގަކުރައްވައެވެ.

9 އަހަރެއްހާ ދުވަހުގެ ކާމިޔާބު މަސައްކަތަށްފަހު، އެއްވަނަ ދަރަޖައިގައި ޢަލީ ރައީފު ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 3 މާރިޗު 2024 ގައެވެ.