އަލްޙާފިޡް އަޛީން މުޙައްމަދު
ދަޑިމަގު. ބެންހާގެ ޏ. ފުވައްމުލައް

އަޛީން މުޙައްމަދު، ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، އުފަން ރަށް، ފުވައްމުލަކުގައި ހިންގަވަން ފެށްޓެވި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގައި ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ. އެއީ، އަޛީންގެ އުމުރުން 9 އަހަރުގައެވެ. އޭރު އެ ކުލާސް ހިންގެވީ، ފުވައްމުލަކު ކައުންސިލުން، ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެ ކުލާހުގައި ހޭދަކުރެއްވި ފުރަތަމަ އަހަރުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އެއް ފޮތް ދަސްކުރެއްވިއެވެ. އޭގެފަހުން، އިސްލާމިކް މިނިސްޓްރީން ރަށުގައި ހިންގެވި ޤުރްއާން ކުލާހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ކުލާހުގައި ބައިވެރިވެވަޑައިގެން، 6 ފޮތް ދަސްކުރެއްވިއެވެ. އެއަށްފަހު، ފުވައްމުލަކު "ރެދަން" އަލްޙާފިޡާ އާމިނަތު ސަޢީދުގެ ބެއްލެވުމުގެ ދަށުން ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވިއެވެ.

އަޛީން މުޙައްމަދު، ކީރިތި ޤުރްއާން އެކީގައި ހިތުދަސްކުރައްވައި ނިންމެވީ، 2022ވަނަ އަހަރުއެވެ. ސާނަވީ އިމްތިޙާނު ނިމުމުން، އަހަރެއްހައި ދުވަހު މުރާޖަޢާ ކުރެއްވިއެވެ.

އަޛީން މުޙައްމަދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 25 މާރިޗު 2024 ގައެވެ.