އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ
ޢަންބަރީގެ ރ. މީދޫ

ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވީ، އަބަދުވެސް ކީރިތި ޤުރްއާނަށް، ރަސްލާންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނާއި، ރަށުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ، ރަނގަޅު ކާމިޔާބީއެއް ހާސިލުކުރުމަށް ބޭނުންވާތީއެވެ.

ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދި، ޤުރްއާން ހިތުދަސްކުރުމަށް ރަސްލާން ފެށީ، އުމުރުން 12 އަހަރުގައެވެ. އެއީ، ރަސްލާންގެ މަންމައާއި ބައްޕަ ދެއްވި ޚިޔާލާއި ވިސްނުމުގެ މަތިން، މަންމައާއި ބައްޕަގެ އެހީތެރިކަމާ އެކުގައި ގޭގައެވެ. އެގޮތުން، ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، ވަކި ތާވަލެއް ހަދައިގެން، އެއާ އެއްގޮތަށެވެ. މިގޮތުން، ޤުރްއާން ހިތުދަސްކުރަމުން ގެންގޮސް، ޤުރްއާނުގެ ފުރަތަމަ 10 ފޮތް ހިތުދަސްކުރެވުމުން، ސްރީލަންކާގެ ޙާފިޡެއްގެ އެހީތެރިކަމާ އެކުގައި، ބާކީއޮތް 20 ފޮތް، އޮންލައިންކޮށް ކިޔަވައި، ހިތުދަސްކޮށް ނިންމާލިއެވެ.

ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމައިލީ، އުމުރުން 14 އަހަރުގައެވެ. މުރާޖަޢާ ކުރަން ފެށީ، 21 ޖަނަވަރީ 2024 ގައެވެ. މުރާޖަޢާ ކުލާސް ކާމިޔާބުކަމާއެކު ނިންމާލީ، 8 މާރިޗު 2024 ގައެވެ.

ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 1 ޖޫން 2024 ގައެވެ.