އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ
އަސްވާޑު ގއ. ދެއްވަދޫ

ޝަބީނާ ޢަބްދުﷲ، ކީރިތި ޤުރްއާން ކިޔެވުމަށް ޝައުޤުވެރިކަން އުފެދުނީ، އުމުރުން 10 އަހަރުގައި އަމިއްލައަށް އިސްނެންގެވުމާ އެކުގައެވެ. އަދި، ރަށުގައިވެސް އެ ރޫޙުގައި މަސައްކަތް ކުރަމުން ގެންދާތީ، ކަންމަތީވިލާ އަލްމަރްޙޫމް މުޙައްމަދު ރަޝާދު (ރަޝާދުބެ) ކުރެއްވި މިންނެތް މަސައްކަތުންނެވެ. އޭރު 15 ފޮތް ހިތުދަސްކުރެއްވިއެވެ. އިތުރަށް ތަޢުލީމު ހާސިލުކުރެއްވުމަށް ޝަބީނާ އެހެން ރަށަކަށް ބަދަލުވެވަޑައިގަތުމުން، ޙިފްޡު ކުރެއްވުން މެދުކެނޑުނެވެ.

އޭގެފަހުން، 2019ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ޝަބީނާ ބައިވެރިވެވަޑައިގެން، ޙިފްޡު ކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވިއެވެ. މިކަމުގައި މެދުވެރިވި ދަތި އުނދަގޫތަކާ އެކުގައިވެސް، އުސްތާޛާ ޙަފީޡާ ޢަބްދުﷲ ދެއްވި ހިތްވަރާ އެކުގައި ހުއްޓައިނުލައި ކުރިއަށް ގެންދެވިއެވެ. އެގޮތުން، ކޯވިޑް19-ގެ ޢާލަމީ ވަބާ ކުރިމަތިވުމާއެކު، ކިޔެވުން މެދުކެނޑުމަށްފަހު، އޮންލައިންކޮށް އަލުން ކިޔަވަން ފެށްޓެވިއެވެ. އޮންލައިންކޮށް ކިޔެވުން އުނދަގޫ ކަމަކަށްވިޔަސް، ކީރިތި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ނިންމެވީ، 2023ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، އުމުރުން 39 އަހަރުގައެވެ. އަދި ހަމަ އެ އަހަރުގެ މޭ މަހުގެ ތެރޭގައި، މުރާޖަޢާ ކުލާހަށް ބަދަލުވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މުރާޖަޢާ ކުލާހުގައި 11 މަސްދުވަސް ހޭދަކުރެއްވިއެވެ.

ޤުރްއާން ހިތުދަސްކޮށްދެއްވުމުގެ މޭސްތިރިން ކަމަށްވާ، ޝަބީނާގެ ލޯބިވާ މަންމައާއި ބައްޕަ ނުހަނު އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވި މަސައްކަތް، ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ. އަދި، ހަމައެހެންމެ، ފިރިކަލުންނާއި، ލޯބިވާ ދެ ދަރިންނާއި، ޢާއިލާގެ އެހެން މެންބަރުން ކޮށްދެއްވި އަގުހުރި މަސައްކަތްވެސް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައެވެ.

ޝަބީނާ ޢަބްދުﷲ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 5 ޖޫން 2024 ގައެވެ.