އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު
މއ. ރަތްއެންދެރި

ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢަކީ، އެންމެ ތުއްތުއިރުން ފެށިގެންވެސް ކީރިތި ޤުރްއާން ހިތުދަސް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުރި ކުއްޖެކެވެ. އުމުރުން ދެ އަހަރު ނުފުރެނީސް، ޤުރްއާން ހިތުދަސްކޮށްދިނުމުގެ ނިޔަތުގައި މަންމަ ޤުރްއާން ޖަހައިދޭން ފެށުން އެއީ، އެކަމުގައި ފަސޭހައިން ކުރިއަށް ދިޔުމަށް މެދުވެރިވި ސަބަބު ކަމުގައި ވެގެންދިޔައެވެ.

އުމުރުން 6 އަހަރުގައި 5 ފޮތް ހިތުދަސްކޮށް، ޙިފްޡު ކުރުން ކުރިއަށް ގެންދިޔައީ، އިންޑިޔާގެ ސްކޫލެއް ކަމަށްވާ، ދަ ބޭ އިންޓަރނޭޝަނަލް ސްކޫލް އެންޑް ޖޫނިއަރ ކޮލެޖުގައެވެ. މެދުކެނޑުމަކަށްފަހު، އަލުން ޙިފްޡު ކުރަން ފެށީ، 2019ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އޭރު ފަށައިގެން ހިތުދަސްކުރެވުނީ 9 ފޮތެވެ. ހިތުދަސްނުވެ ބާކީއޮތް 21 ފޮތް، 2022ވަނަ އަހަރުގެ ތެރޭގައި ފަށައިގެން، 11 މަސްދުވަހުގެ ތެރޭގައި ހިތުދަސްކުރިއެވެ. ޙިފްޡު ކުލާހުގެ އުސްތާޒަށް ހިތުން ކިޔައިދީ ނިންމާލީ، 20 ޑިސެންބަރު 2022 ގައެވެ. އޭގެފަހުން، މުރާޖަޢާ ކުރުމުގެ މަސައްކަތް ފަށައިގެން، މުރާޖަޢާކޮށް ނިމުނީ، 2023ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި ހަމަ އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، އިންޑިޔާގެ ޗެންނާއީގައި ބޭއްވުނު އިންޓަރސްކޫލް ޙިފްޡު މުބާރާތުގެ ޙާފިޡުންގެ ކެޓަގަރީން، ޢަލާވީ ވަނީ 3ވަނަ ހާސިލުކޮށްފައެވެ. އަދި 1445ވަނަ އަހަރުގެ ރަމަޟާން މަހު، އިންޑިޔާގައި އިމާމުވެ ތަރާވީޙު ނަމާދުވެސް ކޮށްފައި ވެއެވެ. އޭރު ޢަލާވީގެ އުމުރަކީ، 14 އަހަރެވެ.

ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 14 ޖުލައި 2024 ގައެވެ.