އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް
ގުރަހަ ޅ. ނައިފަރު

ޢަބްދުﷲ ޙަޔާން ޙަމީޒް، ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ" ގައި ބައިވެރިވެގެން އުޅުނު ދުވަސްވަރުއެވެ. އެ މުބާރާތުގެ ތެރެއިން ބައްދަލުވި އަލްޙާފިޡް ނާދިޙް ޢަބްދުލްޙަމީދު ދެއްވި ހިތްވަރުންނެވެ. މުބާރާތުގައި ޙަޔާން ބައިވެރިވިއިރުވެސް ނައިފަރު ބިލާލް ޤުރްއާން ކުލާހުގައި ގެންދިޔައީ ޤުރްއާން ހިތުދަސްކުރަމުންނެވެ. ބިލާލް ޤުރްއާން ކުލާހުން، ޙަޔާން ނިމުނުއިރު ވަނީ، ޢައްމާ ފޮތް އެއްކޮށް ދަސްކޮށް ނިމިފައެވެ. އޭގެފަހުން، ނައިފަރުގައި ދިރިއުޅުއްވާ އައްޝައިޚް އަޙްމަދު ނާޒިލް އިސްވެ ފެށްޓެވި ޙިފްޡު ކުލާހުގައި 2019ވަނަ އަހަރު ބައިވެރިވެ، ޤުރްއާން އެކީގައި ޙިފްޡު ކުރަން ފަށައިގެން ކުރިއަށް ގެންގޮސް، ޤުރްއާން އެކީގައި ދަސްކޮށް ނިންމައިލެވުނީ، 2023ވަނަ އަހަރުގެ ތެރޭގައެވެ. އެއީ، އުމުރުން 15 އަހަރުގައެވެ. އޭގެފަހުން، މުރާޖަޢާ ކުރުމަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ.

ޢަބްދުﷲ ޙަޔާން ޙަމީޒް، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 21 ޖުލައި 2024 ގައެވެ.