އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން
ފެމެލީ ޅ. ނައިފަރު

ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާންގެ ހިތުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އިސްލާމްދީނަށް އަދި ކީރިތި ޤުރްއާނަށް ލޯބިކުރާ ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ސަބަބުންނެވެ. ޞާއިބަތުގެ މަންމައާއި ބައްޕަ މިކަމަށްޓަކައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވިއެވެ. ޢާއިޝަތު ޞާއިބަތު، ޤުރްއާން ހިތުދަސްކުރަން ފެށީ، 2020ވަނަ އަހަރު، އުމުރުން 12 އަހަރުގައެވެ. ޤުރްއާނުން ހިތުދަސްކުރަމުން ގެންދިޔައީ، އާންމުކޮށް ދުވާލަކު ސަފުހާއެކެވެ. ޖެހިގެން އަންނަ ދުވަހު ދަސްކުރަންޖެހޭ ސަފުހާ، ރޭގަނޑު ނިދުމުގެ ކުރިން ދިހަވަރަކަށް ފަހަރު ކިޔައި ފަރިތަކޮށް ދަސްކުރަނީ ފަތިހުއެވެ. ސްކޫލުން އައިސް، ދަސްކުރިބައި، މަންމައަށް ކިޔައިދެމުން ގެންގޮސް، އުސްތާޒަށް ކިޔައިދެނީ ޤުރްއާން ޙިފްޡު ކުލާހުގައެވެ.

ޞާއިބަތު، ތަޖުވީދު އުނގެނިފައި ވަނީ، ބިލާލް ޤުރްއާން ކުލާހުގައި އުސްތާޒު މުޙައްމަދު ވާފިރު އަބޫބަކުރުގެ އިރުޝާދުގެ ދަށުންނެވެ. މިގޮތުން، ޤުރްއާން ކުލާހުގެ މުޤައްރަރާ އެއްގޮތަށް، 6 ޖުޒުއު ދަސްކޮށްފައި ވެއެވެ. މުޅި ޤުރްއާން އެއްކޮށް ދަސްކޮށް ކިޔައިދީފައި ވަނީ، އަލްޙާފިޡް އަޙްމަދު ނާޒިލް މުޙައްމަދުގެ އިރުޝާދުގެ ދަށުންނެވެ.

ޞާއިބަތު، ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމީ، އުމުރުން 14 އަހަރުގައި، 2022ވަނަ އަހަރުއެވެ. މުރާޖަޢާ ކުރުމަށްޓަކައި ދޮޅު އަހަރެއްހައި ދުވަސް ހޭދަވިއެވެ.

ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 25 އޮގަސްޓު 2024 ގައެވެ.