އަލްޙާފިޡް ބިލާލް ބިން އަޙްމަދު
ގ. ހީނާހިޔާ

ބިލާލް ބިން އަޙްމަދު، ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވީ، އެންމެ ކުޑައިރުއްސުރެ ގޭތެރެއިން އަބަދުވެސް، ޤުރްއާން ކިޔަވާ އަޑު އިވެމުން ދާތީއެވެ. އަދި، ޢާއިލާގައިވެސް ޤުރްއާން ހިތުދަސް މީހުންނާއި، ޤުރްއާން ހިތުދަސްކުރަމުން ގެންދާ ކުދިންވެސް ތިބުމާއެކު، ޤުރްއާނަށް ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވުމުންނެވެ.

ބިލާލް، އެންމެ ފުރަތަމަ ކީރިތި ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، މަންމަގެ އެހީތެރިކަމާ އެކުގައި ގޭގައެވެ. ޤުރްއާނުން 5 ފޮތް ދަސްވުމާއެކު، ގަލޮޅު މަދަރުސާއިން ހިންގަވަމުން ގެންދެވި ޤުރްއާން ޙިފްޡު ކުލާހުގައި ބައިވެރިވިއެވެ. އޭރު އުމުރަކީ 9 އަހަރެވެ. ޤުރްއާން އެކީގައި ހިތުދަސްކޮށް ނިންމައިލެވުނީ، އުމުރުން 12 އަހަރުގައި، 2021ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު، އިތުރު ދެ އަހަރު ވަންދެން ގަލޮޅު މަދަރުސާގައި މުރާޖަޢާ ކުރުމަށްފަހު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބިލާލް ބައިވެރިވިއެވެ. މުރާޖަޢާކޮށް ނިމުނީ 2 އަހަރާއި 6 މަސް ދުވަހުންނެވެ.

ބިލާލް ބިން އަޙްމަދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 1 ސެޕްޓެންބަރު 2024 ގައެވެ.