بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު މުޢިއްޒު ޢަދުނާން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު، އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންނާއި، ޑިފެންސް މިނިސްޓްރީގެ އިސްވެރިން، އެންމެހައި ލޮބުވެތި ސިފައިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
ޤައުމުގެ ސަލާމަތީ ޚިދުމަތް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގައި މިއަދަކީ، އަނެއްކާވެސް އިތުރު ހަރުފަތެއް ގިރާކުރެވުނު ދުވަހެއް. ހަރުދަނާ އަޚްލާޤާއި، އަސްކަރީ ހުނަރާއި، ފަންނަށް ތަމްރީނު ކުރެވިގެން އިތުރު ސިފައިންތަކެއް ޤައުމީ ޚިދުމަތާ ގުޅޭ ދުވަސް. މިއީ، އުފާވެރި ދުވަހެއް. ވަކިން ޚާއްޞަކޮށް ތިޔަ ހުރިހާ ސިފައިންނަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، ދިވެހި ސިފައިންނަކީ، ވަރަށްވެސް ފަޚުރުވެރި ދިގު މާޒީއެއްގެ އަހުލުވެރި ބައެއް. ސިފައިންގެ ޤައުމީ ޚިދުމަތަކީ ޝަރަފުވެރި ޚިދުމަތެއް. ދިވެހި ސިފައިންގެ މިއަދުގެ ޖީލު ވާންޖެހޭނީ ޣާޒީ މުޙަންމަދު ތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ޢަލީރަސްގެފާނުފަދަ މާޒީގެ އަބުޠާލުންގެ ޖިހާދުތަކުން ދަރުސް ލިބިގެން ތައްޔާރުކުރެވޭ ބަޔަކަށް. އަދި އެބޭކަލުން، ދީނާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ޖާނާއި މާލާއި ފުރާނައިން ކުރި ހޭދައާއި، ވީ ޤުރުބާނީގެ އަގުވަޒަންކުރާ ބަޔަކަށް.
ދިވެހި ސިފައިންގެ މިއަދުގެ ޖީލު ހިތްވަރު ލިބިގަންނަންޖެހޭނީ، ޝަހީދު ޙުސައިން އާދަމްފަދަ ސިފައިން ސާބިތުކޮށްދިން ހިތްވަރާއި، ވީ މަތިވެރި ޤުރުބާނީން. އެހެންކަމުން، ސިފައިންގެ ޚިދުމަތަކީ ދީނާއި، ޤައުމާއި، ރައްޔިތުންގެ ޙައްޤުގައި ވެވޭ މަތިވެރި ޖިހާދެއްކަން ހުރިހާ ސިފައިންވެސް އަބަދުމެ ދަންނަންޖެހޭނެ.
މިކަންކަމުގެ މަތިން ހަނދާންނެތިއްޖެނަމަ، މިބަޠަލުންގެ ޒިކުރާ ދިރުވާ އާލާނުކުރެވޭނަމަ، އަދި މި ޤުރުބާނީތަކަށް ޙައްޤު އިޙުތިރާމް އަދާނުކުރެވޭނަމަ، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ނިކަމެތި ވެދިއުން ދާދި އަވަސްވާނެކަން ކަށަވަރު. އަދި ސިފައިންގެ ހައިސިއްޔަތުން، ސިފައިންގެ ސަފުތަކުގެ ބަދަހިކަމަށް ލޮޅުން އަރައިގެންދިޔުންވެސް ހަމައެހާމެ ފަސޭހަވާނެ.
ހިތްވަރުގަދަ ލޮބުވެތި ސިފައިން؛
ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ފަރުދީގޮތުން ދިވެހި ރައްޔިތުން އަގުވަޒަންކުރާ ކަންކަން މިވަނީ ބަދަލުވާން ފަށާފައި. ޖަމާޢަތުގެ މަޞްލަޙަތަށްވުރެ ފަރުދީ މަޞްލަޙަތު އިސްކަން ދެވެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ އިޖުތިމާޢީ، އިޤްތިޞާދީ، އަދި ސިޔާސީ ޙާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މީގެތެރޭގައި ގިނަ ހެޔޮ ބަދަލުތަކެއް ހުރިއިރު، ނޭދެވޭ ބަދަލުތައްވެސް މަދެއްނޫން.
ޤައުމީ ޚިދުމަތަކީ މޮޓޯ ކަމުގައި ބަލައިގެން، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެނަމަ ޤުރުބާންވުމަށް މިއަދު ތިޔަ ސިފައިން ހުވާކުރިއިރު، އެ ހުވައާ އެއްގޮތްވާގޮތުގެމަތިން ޙިމާޔަތްކުރުމަށް އެއްބަސްވި ޤައުމަކީ، މިއަދު ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ޅަފަތުގެ ޑިމޮކްރެސީއެއް. މިފަދަ ޙާލަތްތަކުގައި އޮންނަ ޑިމޮކްރެސީތައް ޙިމާޔަތްކުރުމަށް ސިފައިން ކުރާ މަސައްކަތް ވާންޖެހޭނީ ވަރަށް ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި، ސާބިތުކަންމަތީ ތިބެގެން ކުރާ މަސައްކަތަކަށް. ފަރުދީ ވިސްނުމާއި އެދުންތަކުން އެއްކިބާވެ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރެވޭގޮތަކަށް ކުރާ މަސައްކަތަކަށް.
ޑިމޮކްރެސީއާއެކު ދިވެހިންނަށް ލިބުނު އެންމެ ބޮޑު މިނިވަންކަމަކީ ޢަމަލާއި، ބަހާއި، ފިކުރުގެ މިނިވަންކަން. ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތް ފުރިގެންވާންޖެހޭނީ ހަމަނުޖެހުމާއި، ދެބަސްވުމާއި، ތަޅާފޮޅުމާއި ހަލަބޮލިކަމުންކަމަށް ދުށުމަކީ އެންމެ ހެޔޮ ވިސްނުމެއް ނޫން.
ކޮންމެފަދަ ގޮތަކުންވިޔަސް، ނުވަތަ ކޮންމެފަދަ އަގެއް ދައްކައިގެންވިޔަސް ތިމާމެން އެދޭގޮތަށް ކަންކަން ނިންމުމަށް މަސައްކަތްކުރުމަކީވެސް އެންމެ ރަގަޅު ގޮތެއް ނޫން. މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުމާއި "އަނިޔާ"، އެއިން ލިބިދޭ މަންފާއަށްވުރެ ބޮޑު. ހަމައެހެންމެ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށްވެސް މިފަދަ ކަންކަމުގެ ސަބަބަން ކުރިމަތިވާ ނުރައްކާތައްވެސް އެހާމެ ބޮޑު.
އަޅުގަނޑު އެދެނީ ތަފާތު ޚިޔާލާއި، ތަފާތު ފިކުރާއި، ތަފާތު ވިސްނުންތަކާއެކުވެސް، ހުރިހާ އެންމެންނަކީވެސް ޤައުމީ މަޞްލަޙަތަށް ޖާގަދޭ ބަޔަކަށްވުން. ކުރާ ކޮންމެ ކަމެއްގައިވެސް ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އިސްކުރާ ބަޔަކަށްވުން.
އާދެ، މި ހަލަބޮލިކަމާއި، ނާޒުކު ޙާލަތުގައި ޤައުމީ ޚިދުމަށް ތިޔަ ހުރިހާ ބޭފުޅުން ކުރިމަތިލީކަން އެއީ، ތިޔަ ހުރިހާ ސިފައިންގެ ހިތްތަކުގައިވެސް މިރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށް އޮތް ވަރުގަދަ ޢަޒުމް ރަމްޒުކޮށްދޭ ކަމެއް.
ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ހުރިހާ ސިފައިންގެ ކިބައިންވެސް އަޅުގަނޑު ބޭނުންވާކަމަކީ، ސިފައިންގެ ޚިދުމަތުގެ ޝަރަފާއި ކަރާމާތް ދެމެހެއްޓުން. އަސްކަރީ ޘަޤާފަތަށް ލޯބިކުރާ، އެ ޘަޤާފަތް ކުރިއަރުވާ ބަޔަކަށްވުން. ފަރުދީ މަޞްލަޙަތައްވުރެ ޤައުމީ މަޞްލަޙަތު އިސްކުރާ ބަޔަކަށްވުން. ސިޔާސީ ހުރިހާ ފިކުރުތަކުން އެއްކިބާވެ، ޤައުމީ ފިކުރު އިސްކުރާ ބަޔަކަށްވުން. އަދި، ޤައުމަށް ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ދަރިންތަކެއްގެ ގޮތުގައި ޚިދުމަތްކުރުން. ރާއްޖޭގެ ސިޔާދަތާއި، އިސްތިޤްލާލް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ތިޔަބޭފުޅުން ފަސްޖެހިގެން ނުވާނެ.
މިއިން ކޮންމެ ކަމަކީވެސް ސިފައިންގެ ކޮމާންޑާއި ކޮންޓްރޯލް ދަމަހައްޓައި، ވަރުގަދަ ޢަސްކަރިއްޔާއެއް ޤާއިމުވެ އޮތުމަށް ލާޒިމު ކަމެއް. މިއިން ކޮންމެ ކަމަކީވެސް، ދިވެހިންގެ އާރާއި ބާރު، މި ދިވެހި ބިމާއި، ޖައްވާއި ކަނޑުގައި ހިފެހެއްޓުމަށްޓަކައި ކޮންމެހެން ލާޒިމު ކަންތައް.
މިއަދު ސިފައިންގެ ހުވާކުރި ތިޔަ ހުރިހާ ސިފައިންނަށް އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން. މާތްﷲ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަމާންކަމާއި، ފާގަތިކަމާއި ކުރިއެރުން މިންވަރު ކުރައްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.
_____________________________