بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގިނަ އަހަރުތަކެއް ވަންދެން ވަރަށްބުރަ މަސައްކަތުން ކިޔަވައި، މަތީ ވަނަތަކެއް މިރޭ ހޯދި ހުރިހާ ދަރިވަރުންނާއި، އެ ދަރިވަރުން އެ މަތީ ވަނަތައް ހޯދައިދިނުމަށްޓަކައި އެތައް ޤުރްބާނީއެއްވި، އެ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިން، އަދި މުދައްރިސުންނާއި ސްކޫލްތަކާއި، ކިޔަވައިދޭ މުއައްސަސާތަކުގެ ވެރިން، އަދި އެ ދަރިވަރުންގެ، އެ ބުރަ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތައް، އެންމެހައި ޢިއްޒަތްތެރިން، ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިރެޔަކީ ކާމިޔާބީގެ ރޭ. ކާމިޔާބީ ހާސިލު މިވަނީ، ދެންމެ އަޅުގަނޑު ދެންނެވިފަދައިން، ވަރަށް ބުރަ މަސައްކަތުން. ވަރަށް ބޮޑެތި ޤުރުބާނީތައްވެގެން، ވަރަށްގިނަ ޗެލެންޖްތަކާ ކުރިމަތިލައިގެން ކާމިޔާބު ހާސިލުވެގެންދަނީ. ލޮބުވެތި ދަރިވަރުން، އެތައް އަހަރެއް ވަންދެން، ކިޔެވުމުގައި ތިޔަ ހޭދަކުރި ދުވަސްތަކުގައި، މި ދެންނެވި ގޮތަށް ކުރި މަސައްކަތުގެ ނަތީޖާ، އިރާދަކުރެއްވީތީ މިރޭ މި ހާސިލުވެގެން މި ދިޔައީ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެންމެ ފުރަތަމަވެސް ތިޔަ ހުރިހާ ކުދިންނަށް ވަރަށްބޮޑަށް މަރުޙަބާ. ވަރަށްބޮޑަށް މަރުޙަބާ. އާދެ، އަދި ކިރިޔާ، އަދި ކިރިޔާ ތިޔަ ކުދިންގެ ލައިފް، ދިރިއުޅުން ތިޔަ ފެށެނީ. އެހެންނަމަވެސް، ތިޔަ ފަށްޓަނީ ވަރަށް މުހިންމު މަރުޙަލާއެއް ކަޑައްތު ކުރުމަށްފަހުގައި. އެ ރާސްތާއަށް ދިއުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް ހާސިލު ކުރުމަށްފަހު. ތިޔަ ކުރިމަތިލަނީ ވަރަށްބުރަ ދުވަސްތަކަކާ. ނިމިގެން އެ ދިޔައީ އަދި ކުރިއަށް އޮތް ތަނަށް ބަލާއިރުގައި އެހާ ބުރަ ދުވަސްތަކެއް ނޫން. ތިޔަ ނިމިގެންދިޔަ ދުވަސްތަކުގައި، ހަޔާތުގައި ކިޔެވުމުގައި ތިޔަ ހޭދަކުރި ދުވަސްތަކުގައި، ތިޔަ ހޯދި ކާމިޔާބީ، އެ ކަމުން ހިތްވަރު ލިބިގަނެ، ތިޔައިން ކޮންމެ ކުއްޖެއްގެ ހަޔާތް، ވަރަށް ކާމިޔާބުކަމާއެކީގައި ކުރިއަށް ގެންދިޔުމުގެ ޢަޒުމް ކަނޑައަޅަން އެބަޖެހޭ. އަމިއްލަ ނަފުސަށް އިތުބާރުކުރަންޖެހޭ. އަމިއްލަ ނަފުސަށް އިތުބާރުކޮށް، ތިމަންނާގެ ދިރިއުޅުން، ތިމަންނައަށްޓަކައި، ތިމަންނަގެ މައިންބަފައިންނަށްޓަކައި، މުޖުތަމަޢަށްޓަކައި، ޤައުމަށްޓަކައި އެންމެ ރަނގަޅު ގޮތުގައި ބައްޓަންކުރުމުގެ ޢަޒުމް މިރޭ ކަނޑައަޅަން އެބަޖެހޭ. އެ ޢަޒުމް ކަނޑައަޅާއިރުގައި، އެންމެ ފުރަތަމަވެސް ހަނދާނަށް ގެންނަންޖެހޭނީ، ތިމަންނައަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ފަޚުރުވެރި މުސްލިމެއްކަން. ތިޔަ ފަށްޓަނީ ވަރަށްބޮޑު ޖަރނީއެއް. އެކި ޤައުމުތަކަށް މަތީ ތަޢުލީމު ހާސިލުކުރުމަށް، އެކި ލެވެލްތަކަށް، ޑިގްރީ، މާސްޓަރޒް، ޕީ.އެޗް.ޑީ. އަށް ކިޔެވުމަށް ފަށާ ޖަރނީއެއް.

މި ދެންނެވި ކަންތައްތައް، އާދެ، މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ކުދިންކަން، ތިބި ބަޔެއްކަން އެއީ، ހިނދުކޮޅަކަށްވެސް ހަނދާންނެތިގެން ގޮސްގެންވާނެ ކަމެއްނޫން. އެކި ޤައުމުތަކަށް ކިޔަވަން ދާއިރުގައި، އެ ޤައުމުތަކުގައި ކަންކަން ހުންނާނީކީއެއް ރާއްޖޭގައި ކަންކަން ހުރިގޮތަކަށް ނޫން. ވަރަށް ފަސޭހައިން ހަނދާންނެތޭތަން އާދޭ. ތަޖުރިބާގެ އަލީގައި ދަންނަވާ ވާހަކައެއް. ބައެއް ކުދިންނަށް، މި ދެންނެވި ކަންތައް ހަނދާންނެތޭ. އެއީކީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން. މި ދުނިޔެއަށްފަހު އަދި މިއަށްވުރެ މާ މުހިންމު،
ދެން އޮތް ދުނިޔެ. އޭގެމަތިން ހަނދާންނެތިގެން ނުވާނެ. ކޮންމެ ތަނެއްގައި ހުއްޓަސް ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށް ހަނދާން ބަހައްޓަން ޖެހޭނެ. ފަރުޟު ފަސްނަމާދު އެއީ، އޮޕްޝަނަކަށް ވެގެންނުވާނެ. ވަރަށް އުނދަގޫވާނެ، ކިޔެވުމުގެ މަސައްކަތުގައި އުޅޭއިރުގައި، ވަރަށް ޑިމާންޑިންގ ކޯސްތަކުގައި އެކި ކުދިން އެކި ދާއިރާތަކުން ކިޔަވާނެ. އެހެންނަމަވެސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ. އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ. އެއީ، ވާޖިބެއް އަދާކުރަންޖެހޭ. އެ ބިންގާ ވަރުގަދަޔަށް ގާއިމުކުރެވިއްޖިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އިންޝާﷲ.

މައިންބަފައިންނާއި، ބެލެނިވެރިން މިއަދާ ހަމައަށް ތިޔަ ކުދިން ގެނެސްދިނުމަށްޓަކައި ވީ ޤުރުބާނީގެ މަތީން ދެން ހަނދާންކުރަންޖެހޭނެ. ގިނަކުދިން މި ދަނީ އެހެން ތަނަކަށް، އެހެން ޤައުމަކަށް. ދާއިރުގައި އެ މައިންބަފައިން، އެ ބެލެނިވެރިން، ތިޔަ ކުދިން މިއަދާ ހަމައަށް ގެނެސްދިނުމުގައި
އެ ވީ ޤުރުބާނީއަކީ، އެއްގޮތަކަށްވެސް ކުޑަކުޑަ ކަމަކަށް ހަދައިގެންނުވާނެ. އަބަދުވެސް އެ ޤުރުބާނީގެ މަތިން ހަނދާންކޮށް، އަޚުލާޤު ރަނގަޅު، އަޚުލާޤުގެ ރިވެތި ސިފަތަކުން ޖަރީވެފައިވާ ބަޔަކަށް އަބަދުވެސްވާން ޢަޒުމް ކަނޑައަޅަންޖެހޭނެ.

އެހެންވީމާ، މި ދެކަންތައް ކުރާކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. ކިޔަވަނީ ކީއްކުރަންތޯ؟ މަތީ ތަޢުލީމު މި ހާސިލުކުރަނީ ދިރިއުޅުމެއް ފަށަން. އާމްދަނީ ހޯދަން ރަނގަޅު ދާއިރާއަކުން މަސައްކަތްކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި، މައިގަނޑު ގޮތެއްގައި. އެހެންނަމަވެސް، އެކަން ހާސިލުވާނީ މިއަދާ ހަމައަށްވެސް ތިޔަ މަސައްކަތްކުރި ގޮތުގައި، މަސައްކަތްކުރަން ޢަޒުމް ކަނޑައަޅައިގެން. ދެން ކިޔަވާ މަރުހަލާގައިވެސް މަތީ ވަނަތައް ހޯދުމުގެ ޢަޒުމް ކަނޑައަޅައިގެން. ހުރިހާ ފަހަރަކު ކާމިޔާބެއް ނުލިބޭނެ. ހުރިހާ ފަހަރަކީ އެންމެ އުފާވެރިގޮތަކަށް ކަންކަންވާނެ ފަހަރުތަކެއްވެސް ނޫން. އެހެންނަމަވެސް، ޢަޒުމް ވަރުގަދަވާން ޖެހޭނެ. ޢަޒުމަކީ ނުގުޑާފަދަ ޢަޒުމަކަށް ވާންޖެހޭނެ. އެ ޢަޒުމުގެމަތީގައި އަބަދުވެސް ތިބެންޖެހޭނެ. ޕަރސިވިއަރ ކުރަންޖެހޭނެ. އެ ބޭނުންވާ ނަތީޖާ ނުނުކުތުމަކީ، ތިމަންނަގެ އަމިއްލަ ނަފުސަށް އޮންނަންޖެހޭ އިތުބާރު ގެއްލުވާލައި، ޢަޒުމް ބަލިކަށިވެ، އެއްގޮތަކަށްވެސް، ފަހަތަށްޖެހެންޖެހޭނެ ކަމެއް ނޫން. އަނެއްކާވެސް ހަށިފޮޅާލާފައި ތެދުވެ، ކުރިއަށްދިޔުމަށް ހިތްވަރު އާކުރަންޖެހޭނެ. މިއީ، ހުރިހާ ފަންނެއްގައި މަސައްކަތްކުރާ ފަރާތްތަކުންވެސް، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންވެސް، ވިސްނަންޖެހޭނެގޮތް. ޤައުމެއް ބިނާކުރުމުގައި މަސައްކަތްކުރާ އެންމެންވެސް، މުޖުތަމަޢުގައި ކޮންމެ ދާއިރާއަކުން މަސައްކަތްކުރާ މީހެއް ކަމުގައިވިޔަސް، ކާމިޔާބީ ހާސިލުކުރާނަމަ، މި ވިސްނުމުގައި މަސައްކަތްކޮށްފިއްޔާ އިރާދަކުރެއްވިއްޔާ އެ ހާސިލުކުރެވެނީ ޙަޤީޤީ ކާމިޔާބީ. އެހެންވީމާ، މި ޢަޒުމުގައި، މި ގޮތުގައި މަސައްކަތްކުރާނަމަ، އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި. އަބަދުވެސް ހިތްވަރު އާކުރަންޖެހޭނެ، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއެކީގައި.

އާދެ، ކިޔަވައި ނިމުމަށްފަހު، ދެން ފަށާނީ ޢަމަލީ މައިދާނުގައި އެކިކަހަލަ މަސައްކަތް. އެކިކަހަލަ ޗެލެންޖްތަކާ ކުރިމަތިވާނެ. މިކަހަލަ ޙަފުލާއެއް ދެނެއް ނޯންނާނެ. މިތަނުގައި މި ދައްކާ ވާހަކަ މިއީ، ތިޔަ ކުދިންގެ ހިތުގައި އަބަދު ހަރުލައިފައި ހުންނާނެ ވާހަކައަކަށް ވުމަކީ، އަދި މި ދަންނަވާ ވާހަކަތަކަކީ، އަބަދުވެސް ތިޔަ ކުދިން ހަނދާން ބަހައްޓާނެ ވާހަކަތަކަކަށް ވުމަކީ އަޅުގަނޑު އެދޭ އެދުން. އެއީ، ތިޔަ ކުދިންނަށް ހެޔޮގޮތް އަޅުގަނޑު އެދޭތީ، އަޅުގަނޑު ދައްކާ ވާހަކަ. އަބަދުވެސް ވިސްނަންވީ، ތިމަންނަ މިކުރާ މަސައްކަތްކޮށްގެން ތިމަންނަގެ ނަފުސަށް، އާއިލާއަށް ކަންތައްތަކެއް ކޮށްދިނުމުގެ އިތުރަށް، މުޖުތަމަޢަށް، ޤައުމަށްވެސް ކަންތައްތަކެއް ކޮށްދިނުމަށް، އެ ވިސްނުން ވިސްނަންވީ.

މިއަދު މި ފަށާ މަރުޙަލާގައި، ކިޔަވައި ނިމިގެން، ދެން ޢަމަލީ މައިދާނަށް އެކި ދާއިރާތަކުން މަސައްކަތް ކުރަން ނުކުންނައިރުގައި، މި ދެންނެވި ގޮތަށް، ޤައުމަށް ތިމަންނައަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނަން އެބަޖެހޭ. މިއީ، ޙަޤީޤަތުގައި ވަރަށް އުނދަގޫކަމެއް، މިހާ ފަސޭހައިން ދަންނަވާލެވުނަސް، ހާލަތު އޮތް ގޮތުން. މި ރާއްޖޭގައި އަދި މުޅިން ހުރިހާ ކަމެއް ހުރީކީ އެންމެ ފުރިހަމައަކަށް ނޫން. އެއީ، ގެދޮރުވެރިކަމުގެ ގޮތުން ބެއްޔަސް، ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅޭނީ، ވަރަށް ހާލުގައި، ކުއްޔަށް. ޑިއުޓީ ބަހައިގެން ނިދާ ގެތައްވެސް މަދެއްނޫން މާލޭގައި. އެކި ކުދިން، އެކި އާއިލާގެ އެކި މީހުން ހޯދާ އާމްދަނީ ޕޫލްކޮށްގެން، ރެންޓް ދައްކައިގެން، ކުލި ދައްކައިގެން އުޅޭ ކުދިން މަދެއް ނުވާނެ. މިރޭ ތިޔަ ހޯދި މަތިވެރި ކާމިޔާބީ ހޯދުމުގައި، ވަރަށް ހާލުގައި ހޯމްވާރކް ހަދައި، ކިޔެވި ކުދިން މަދެއް ނުވާނެ. އެތައް ދަތި އުނދަގުލެއް ކަޑައްތު ކުރި ކުދިން މިގޮތުން މަދެއް ނުވާނެ.

ގެދޮރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ކަންތައް އޮތީކީ މުޅިން ރަނގަޅަކަށް ނޫން. އެހެންވީމާ، ވަރަށް ގިނަ ކުދިން ކިޔަވައި ނިމިގެން ރާއްޖެ ނައިސް އެބަ މަޑުކުރޭ. އެއީ، މިތަނަށް އައިސް އުޅެވޭނެގޮތެއް ނެތީމާ، މިއަދާ ހަމައަށް އައިއިރުގައި. އެހެންވީމާ، އަޅުގަނޑު އެންމެ އިސްކަމެއްދޭ ކަމަކަށް ކަނޑައެޅީ، ގެދޮރުވެރިކަމުގައި މިއޮތް ދަތިކަން ރާއްޖެއިން ފިލުވައިލުމުގެ މަސައްކަތް.

އަޅުގަނޑު އެދެނީ، ތިޔަކުދިން ކިޔަވައި ނިމިގެން އެނބުރި އަންނާނީ މި ރާއްޖެއަށް ކަމުގައި ކަނޑައެޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށައިފައި މި އޮތް މަސައްކަތް، ގެދޮރުވެރިކަމުގެ އަމާޒު ހާސިލުކުރުމަށް ފަށައިފައި މިއޮތް މަސައްކަތް، އިންޝާ ﷲ ކާމިޔާބު ކުރާނަން. އޭރުން ތިޔަކުދިން އަމިއްލަ ދިރިއުޅުމެއް ފެށުމަށްޓަކައި، ބޭނުންވާ ގެދޮރުވެރިކަމާއި، އާއިލާއާ އެކީގައި އުޅުމަށް ބޭނުންވާނެ ގެދޮރުވެރިކަމާއި، މި ހުރިހާ އޮޕްޝަނަކަށް ވާގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދޭނަން.

ދެން ބޭނުންވަނީ ވަޒީފާގެ ފުރުޞަތުތައް ދޮގެއްތޯ. ވަޒީފާގެ ފުރުޞަތުތަކަށް ބަލާއިރުގައިވެސް، މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ މި ހުރި ވަރަށް ގިނަ ދާއިރާތަކަކީ، ހަމައެކަނި ދިވެހިންނަށް ޚާއްޞަ ދާއިރާތަކަށް ހެދުމުގެ މަސައްކަތް ކުރުމަށް. އެކި މަރުޙަލާތަކުން ގޮސް ކުރިއަށް އޮތް ދެތިން ހަތަރު އަހަރު، ގިނަވެގެން ފަސްވަރަކަށް އަހަރުގެ ތެރޭގައި ގިނަ ދާއިރާތައް ބަދަލުވެގެންދާނީ، ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި ވަޒީފާ އަދާކުރާ ދާއިރާތަކަށް. އެ ފުރުޞަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. އަދި އެވަރަކުންވެސް ނުނިމޭ. ހަމައެކަނި ފުރުޞަތު ލިބުމަކުންނެއް، ތިޔަކުދިން އެނބުރި އައިސް މާބޮޑު އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތް. އަޅުގަނޑު އެދެނީ މިކަމާ މެދު ވިސްނުމަށް.

މި ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން އެކިއެކި ދާއިރާތަކުން ކުރަން ނިންމާފައި މިހިރަ މަސައްކަތްތަކަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ދިވެހިން އެބަ ބޭނުންވޭ. މިހާރުވެސް ކިޔަވައިގެން އައިސް ތިބި އެތައް ބަޔަކު އެބަތިބި ޕްރައިވެޓް ސެކްޓަރގައި. ސަރުކާރުން މި ހިންގާ އެއްވެސް ކަމެއްގައި ބައިވެރިވާން ބަލާއިރުގައި، އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އެހެންވީމާވެސް ރާއްޖެ ނައިސް އެތައް ކުދިންނެއް އެބަތިބޭ، ރާއްޖެއިން ބޭރުގައި މަޑުކޮށްގެން. އެކި ޤައުމުތަކުގައި އެބަތިބި. އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ. އެކަން ބަދަލުކުރުމަށްޓަކައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރގައި ލިބޭ މުސާރައާއި، އަދި އެއަށްވުރެވެސް ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި.

އެގޮތުން، މި ދެންނެވި ގޮތަށް، އެކި ފަންނުތަކުން ކިޔަވާ ކުދިންނަށް، ސަރުކާރުގެ މަގާމުތައް، ރަނގަޅު ފެންވަރުގެ މުސާރަ ލިބޭ މަގާމުތައް ހަމަޖެއްސުމަށްޓަކައި، މި އަންނަ އަހަރުން ފެށިގެން އަޅުގަނޑުމެން ޢުމްރާނީ ތަރައްޤީއަށް މިކުރާ ޚަރަދުން އެއްބައި ނަގައި، އިންސާނީ ތަރައްޤީއަށްޓަކައި ޚަރަދުކުރުމަށް ނިންމައި، އަޅުގަނޑު ވާނީ މިދިޔަ އަހަރު، 17 ނޮވެންބަރުގައި، ރައްޔިތުންނާ މުޚާޠަބުކޮށް އެންމެ ފުރަތަމަ ދެއްކި ވާހަކައިގައިވެސް ދަންނަވާފައި، ޤައުމު ބިނާކުރުމުގައި، އިރާދަކުރެއްވިއްޔާ ދެ ރޮނގަކުން ޤައުމު ބިނާކުރާނަމޭ. ޢުމްރާނީ ތަރައްޤީއާއި، އިންސާނީ ތަރައްޤީއާ، މި ދެ ދާއިރާއިންނޭ ޤައުމު ތަރައްޤީވާނީ.

އެހެންވީމާ، އިންފްރާސްޓްރަކްޗަރ ބަޖެޓުގެ ތެރެއިން، ޕީ.އެސް.އައި.ޕީ. ބަޖެޓުގެ ތެރެއިން، މި އަންނަ އަހަރުން ފެށިގެން ދުއިސައްތަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ކަނޑައަޅާނަން. އެއީ، މި ދެންނެވިގޮތަށް އެކި ދާއިރާތަކުން ކިޔަވައިފައި ތިބި މީހުންނަށް، ދިވެހިންނަށް ސަރުކާރުގެ ތެރެއިން ވަރަށް ރަނގަޅު ފެންވަރުގެ މުސާރައެއް މި ދެންނެވީ، ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށްޓަކައި.

ނަތީޖާއަކަށް ވާނީ، ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށް ވުރެވެސް، ރަނގަޅު މުސާރައެއް އިރާދަކުރެއްވިއްޔާ ސަރުކާރަށް އައިސްގެން ގިނަ ދާއިރާތަކުން ލިބުން. ބޭރުގައި މަޑުކުރާކަށް ނުޖެހޭނެ. ރާއްޖެއިން ބޭރުގައި ނުހުރެ، ރާއްޖެ އައިސް، ރާއްޖޭގައި މި ދެންނެވިގޮތަށް،
އެކި ދާއިރާތަކުން، އެކި ފަންނުތަކުން، ސަރުކާރުގެ އެކިއެކި މަސައްކަތް ތަކުގައި، ބައިވެރިވެ، ނޭޝަން ބިލްޑް ކުރުމުގައި، އުޅުމުގައި، ފުރުޞަތު ދޭން ބޭނުން.

އެހެންވީމާ، ރާއްޖޭގައި މިހާރު ޕްރައިވެޓް ސެކްޓަރގައި، އެކި ދާއިރާތަކުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލާނީ، މި އަންނަ އަހަރުން ފެށިގެން މި ފުރުޞަތުތައް ލިބޭނެއޭ. އަދި ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށްވެސް، ކިޔަވައިގެން ތިބި ދިވެހިންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އަވަހަށް ރާއްޖެ އައުމުގެ ވިސްނުން، ވިސްނަން ފަށާށޭ. ޕްލޭން ފަށްޓާށޭ. އިރާދަކުރެއްވިއްޔާ، ބޮޑު މުސާރަ ލިބޭނެއޭ ސަރުކާރުން. އަދި އިރާދަކުރެއްވިއްޔާ، އަހަރަކަށްވުރެ އަހަރެއް، ހައުސިންގގެ މައްސަލަ ހައްލުކުރެވިގެން ދާނެއޭ. ދާވަރަކަށް ގެދޮރުގެ މައްސަލަވެސް ހައްލުވެގެންދާނެ.

އެހެންވީމާ، ތިޔަކުދިންނަށް ދަންނަވާލަން ބޭނުންވަނީ، ވަރަށް އުންމީދީ ގޮތެއްގައި ވިސްނާށޭ. މިރޭ ތިޔަ ހާސިލު ކުރި، މަތިވެރި ކާމިޔާބީ ހާސިލުކުރުމަކީ، އަދި ކިރިޔާ ފެށުމޭ. ވަރުގަދަ ޢަޒުމެއްގައި، މަސައްކަތް ކުރުމުގެ ޢަޒުމްގައި ކުރިއަށްދާށޭ. މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި އަބަދުވެސް ފައިތިލަ ސާބިތުކޮށްގެން ތިބެ، މައިންބަފައިންނާއި، ބެލެނިވެރިން ވީ ޤުރުބާނީ މަތިން އަބަދުވެސް ހަނދާންކޮށް، ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، މަތިވެރި ކާމިޔާބީ ހޯދުމުގެ ޢަޒުމް ކަނޑައަޅައިގެން ކުރިއަށްދާށޭ. އެތައް ގޮންޖެހުމެއް ކުރިމަތިވެގެންދާނެ. އެތައް ކަމެއް ކުރިމަތިވެގެންދާނެ. ހަމަ ހަށިފޮޅާލާފައި ތެދުވަންވީ. ތެދުވެގެން ކުރިއަށް ދާނީ.

އަޅުގަނޑު މިރޭ ހިތްވަރު ދިނުމުގެ ގޮތުން، ވަރަށް މަޝްހޫރު ބޭފުޅަކު ދައްކާފައި އޮތް ވާހަކައެއް. އެ ވާހަކަ އަޅުގަނޑު ކޯޓު ކޮށްލާނަން. އެމެރިކާގެ ކުރީގެ ރައީސަކު ރޫސްވެލްޓް ދައްކަވާފައި އޮތް ވަރަށް މަޝްހޫރު ވާހަކައެއް، މި ދެންނެވި މައުޟޫޢުގައި. އަޑުއަހާނެކަމަށް އުންމީދު ކުރަން.

''It is not the critic who counts; not the man who points out how the strong man stumbles, or where the doer of deeds, could have done them better. The credit belongs to the man who is actually in the arena, whose face is marred by dust and sweat and blood; who strives valiantly; who errs, who comes short again and again; who spends himself in a worthy cause; who at the best knows in the end the triumph of high achievement, and who at the worst, if he fails, at least fails while daring greatly, so that his place shall never be with those cold and timid souls who neither know victory nor defeat.''

މިއީ، ތިޔަކުދިންގެ ޢަޒުމަކަށް ވާންވީ. އަބަދަކު އުފާވެރި ކަންކަމެއް ދިމައެއް ނުވާނެ، ދިރިއުޅުން ކުރިއަށް ދާއިރުގައެއް. ދިމާވާނެ އެކި ކަހަލަ ގޮންޖެހުންތައް. މާޔޫސްކަން ކުރިމަތިވެގެންދާނެ. އެކަމަކު، ހަށިފޮޅާލާފައި ތެދުވެ ކުރިއަށް ދާންވީ. ކުށް ކުރެވޭނީވެސް ކަންކަން ކުރަން އުޅޭ މީހުންގެ އަތުން. ކަމެއް ނުކޮށް ގޭގައި އޮންނަ މީހެއްގެ ކިބައިން ދައްކާނެ އެއްވެސް އުނި ސިފައެއް ނޯންނާނެ. ކަންކަން ކުރުމުގައި އުޅޭ މީހުންގެ ކިބައިން ފެންނާނީވެސް ކަންކަން. ކަންކަން ކުރުމުގައި، ކަމެއް ކުރުމުގައި، ނަތީޖާ ނެރެދިނުމުގައި، ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތުގެ މައިދާނުގައި އުޅޭ މީހެއްގެ ކިބައިން ފެންނާނީވެސް، އުނި ސިފަތައް. އެހެންނޫންތޯ ވާނީ! އޭނާ ކަމެއްގައި އުޅެނީ. އެހެނެއްނޫން، އެއްވެސް ކަމެއް ނުކޮށް، ދުރުގައި، މައިދާނުން ދުރުގައި، އުޅޭ މީހެއްގެ ކިބައިން ނުފެންނާނެ އެއްވެސް ކަހަލަ އުނި ސިފައެއް. އެއްވެސްކަހަލަ މައްސަލައެއް. އެހެންވީމާ، މި އޮތީ ޗޫޒްކުރަން ދެ ޕާތް.

އެހެންވީމާ، ކަނޑައަޅަންވީ ކަންކަން ކުރާ މީހަކަށް ވުމުގެ ޢަޒުމް. ކަންކަން ކުރުމުގެ ޢަޒުމް. ކުރަން ނުކުތީމާ، ކާމިޔާބުވާ ފަހަރާއި، ކާމިޔާބު ލިބޭ ފަހަރާއި، ނުލިބޭ ފަހަރު އަންނާނީ. ކާމިޔާބު ނުލިބޭ ފަހަރަކީ، އިތުރަށް ޢަޒުމް ވަރުގަދަކޮށް، އަނެއްކާވެސް ކުރިއަށްދާން ޢަޒުމް ކަނޑައަޅަންޖެހޭ ފަހަރު.

އެއްގޮތަކަށްވެސް، ދެން ހުރި މީހާ އޭނާއަށް އެ ކުރެވުނު، ތިމަންނައަށް މި ކުރެވުނު، ކަމަކާ ދޭތެރޭގައި މަލާމާތްކޮށް، ނޫނީވިއްޔާ ކްރިޓިސައިޒްކޮށްގެން، ހިތްމަރުވެގެން ނުވާނެ. މަލާމާތްވެސް ކުރަން ފުރުޞަތު ލިބުނީ، އެކަމުގައި ތިމަންނަ އުޅުނީމަ. ނޫޅޭނަމަކަ އެ ފުރުޞަތެއް ނުލިބޭނެ.
އެ މީހަކާ ދޭތެރޭގައި، ދޮގުހަދަން ފުރުޞަތު ލިބުނީވެސް، ކަމެއްގައި އުޅުނީމާ. މަސައްކަތެއް ކުރަން އުޅުނީމާ. ކަމެއް ރަނގަޅު ކުރަން އުޅުނީމާ. ކަމެއް ބަދަލުކުރަން އުޅުނީމާ. އިސްލާހެއް ގެންނަން އުޅުނީމާ. އަމިއްލަ ހަޔާތުގައި ކަމެއްގައި ނުނިކުމެ، ގޭގައި އެއްވެސް ކަމެއް ނުކޮށް، މަޑުކޮށްގެން ހުރި މީހަކާ ދޭތެރޭގައި ނޯންނާނެ ކްރިޓިސައިޒް ކުރަން ބުނާނެ އެއްޗެއްވެސް.

އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކު ވާންވީ، ކަންކަން ކުރާ މީހަކަށް. މައިދާނުގައި ނުކުމެ، ކަންކަން އިސްލާހު ކުރުމުގައި، ކަންކަން ރަނގަޅު ކުރުމުގައި، ޤައުމު ތަރައްޤީ ކުރުމުގައި، މުޖުތަމަޢު ރަނގަޅު ކުރުމުގައި، އާއިލާ ބިނާ ކުރުމުގައި، ދަރިންނަށް ހެޔޮ ގޮތްގޮތް ހޯދައި ދިނުމުގައި، މައިންބަފައިންނަށް ރަނގަޅު ގޮތްގޮތް ހޯދައި ދިނުމުގައި، އަމިއްލަ ހަޔާތަށް ރަނގަޅު ގޮތްތައް ހޯދައި ދިނުމުގައި، ކުރިއަށްދާ މީހަކަށް. އެކަން ކުރުމުގައި ކުރިއަށް ދިޔުމުގައި، މިރޭ ތިޔަ ލިބުނު ކާމިޔާބީއަކީ، އެންމެ ފުރަތަމަ ފިޔަވަޅު. އެ ފިޔަވަޅު މަތީގައި ކުރިއަށްދާން ޢަޒުމް ކަނޑައަޅަންވީ. ކުރިއަށް ދާއިރުގައި ކުރިންވެސް ދެންނެވި ދެ ކަންތައް، ތިމަންނައަކީ ފަޚުރުވެރި މުސްލިމެއްކަމާއި، ތިމަންނަގެ މައިންބަފައިން ތިމަންނައަށް މިހާތަނަށް ކޮށްދިން ކަންކަމުގެ މަތިން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެކަން. މި ދެ ކަންތައް އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ކުރިއަށްދާން ޢަޒުމް ކަނޑައެޅުމަށް ދަންނަވަމުން، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ކުދިންނަށް މަރްޙަބާ ކިޔަން. އަދި ތިޔަ ހުރިހާ ކުދިންނަކީ، މި ޤައުމުގެ މުސްތަޤުބަލް. މި ޤައުމު އުފާވެރި މަންޒިލްތަކަށް ގެންގޮސް ދިނުމުގައި، ޢަމަލީ މައިދާނުގައި ނުކުމެ، ފަޚުރުވެރިކަމާއެކީ ކުރިއަށްދާނެ ކުދިންތަކެއް ކަމުގައި ވާނެކަމަށް އަޅުގަނޑު ޔަގީން ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތި މުސްތަޤުބަލެއް މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.