بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ކައުންސިލަރުން، ބޭރުގެ ސަފީރުން އަދި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިރޭ މި ތަނުގައި ވަރަށް މުހިންމު ދެ ޚިދުމަތެއް އިފުތިތާހުކުރެވިގެން މިދިޔައީ. ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޝާމިލުވާ ދެ މަސައްކަތް ފެށިގެން މިދިޔައީ. އިރާދަކުރެއްވިއްޔާ
މީގެ ނަތީޖާއަކަށްވާނީ، ރައްޔިތުންނަށް ހަމަޖެހުން، ހިތްހަމަޖެހުން، ރައްކާތެރިކަން ލިބުން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޔަޤީންކުރުމުގައި މި ކުރެވޭ މަސައްކަތުގައި، ކާމިޔާބީތަކެއް ހާސިލުވެގެން ދިޔުން.

އާދެ، މި ޤައުމުގައި އެތައްހާސް، އެތައް ލައްކައެއްގެ، އަދަދުވެސް ނޭނގޭހާ ގިނަ ބޭރުމީހުން މަސައްކަތް ކުރަމުންދާ ވާހަކަ އަޅުގަނޑުމެން އަބަދުވެސް މި އަޑު އަހަނީ. ޤައުމުގެ މިނިވަންކަމަށް ބުރޫއަރާ ކަންތައްތަކުގެ ތެރޭގައި، އެ ޤައުމެއްގައި، އެ ޤައުމެއްގެ ރައްޔިތުން ނޫން ބަޔަކު އުޅެމުންދާނަމަ، އެ ބަޔަކާބެހޭ މަޢުލޫމާތު ނޭނގޭނަމަ، އެކަން ވެގެންދާނެ. މިދިޔަ ދުވަސްތަކުގައި މިކަމަށް އެކަށީގެންވާ ޙައްލެއް ނައިސް އޮތީމަ، މި ހިސާބަށް މި މައްސަލަ ގޮސްފައި މި އޮތީ.

އެހެންވީމާ، މިއަދު މި ފެށިގެންދާ މަސައްކަތުގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންގެ މި ޤައުމުގައި، އެކި ކަންކަމުގައި ދިރިއުޅެމުންދާ ބޭރުމީހުންގެ މަޢުލޫމާތު އެއްކުރެވި، އޭގެތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދަނީ ކޮންބައެއްތޯ އެނގިގެންދިޔުން. ދެން އޭގެފަހުން، އޭގެތެރެއިން މި ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ފޮނުވައިލެވި، އަދި ނިޒާމުގެތެރެއިން މަސައްކަތްކުރުމުގެ ފުރުޞަތު ދޭންޖެހޭނެ ފަރާތްތަކަށް އެކަން ފަހިކުރެވިގެންވެސް ދާނެ. މިއީ، ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. މި މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުކުރުމުގައި، ތިޔަ ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބުމާ އެކީގައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވެގެން ދާނީ އިރާދަކުރެއްވިއްޔާ މިކަމަށް ރަނގަޅު ޙައްލެއް އައުން. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި، މި ބޮޑުވެފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން މުހިންމު މައްސަލައަކަށް އެ ޙައްލު ލިބިގެންދަނީ.

ހަމައެއާއެކީގައި، ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކޮންމެ ރަށެއްގައި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި މާލެ ނައިސް ޚިދުމަތް ހޯދޭނެ ނިޒާމު ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ކަންކަން އެހެރީ. އޭގެތެރެއިން، އައި.ޑީ.ކާޑާއި ޕާސްޕޯޓާ، މިފަދަ ޚިދުމަތް، ރައްޔިތުން އެ ތިބި ތަނަކުން ލިބޭނެގޮތް ހެދުން އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. މެނިފެސްޓޯގައި އެކަން ލިޔެފައި ވާނެ. އަޅުގަނޑުމެން ވާނީ އެކަންކަން އިޢުލާނުކޮށްފައި. ކެމްޕެއިންތެރޭގައިވެސް، ވަރަށްގިނަ ރަށްތަކުގައި އަޅުގަނޑު އެ ވާހަކަ ދެއްކިން. ކޮންމެ އަތޮޅަކުން، އަތޮޅުވެރިކަން ކުރާ ކޮންމެ ރަށަކުން ޕާސްޕޯޓު ހެދޭނެ ގޮތާއި، ލިބޭނެގޮތާއި، ކޮންމެ ރަށަކުން އައި.ޑީ.ކާޑު ލިބޭނެގޮތާއި، މިފަދަ ގިނަ ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ފުރިހަމަކުރެވި، ކުރިއަށް އޮތް ދުވަސްތަކުގައި، މިކަމުގައި އެކި އުމުރުފުރާގެ ރައްޔިތުންނަށާއި، ހުރިހާ ބޭފުޅުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ކައުންސިލުތައް ބާރުވެރިކުރުވުމަކީ، ރައްޔިތުންގެ ފަރާތުން ކައުންސިލުތަކުގެ ކިބައިން އެދޭ ކަންތައްތައް ކުރުމުގައި، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ރައްޔިތުން ސީދާ ހޮވާފައި ތިބޭ ބަޔަކު ރައްޔިތުންނާ އެންމެގާތުން މަސައްކަތްކުރުމުގެ ޒިންމާ، ޤާނޫނުން މަތިކޮށްފައި ތިބި ބަޔަކު، އެ ޚިދުމަތް ދިނުމުގައި، އެ މަސައްކަތް ކުރުމުގައި ބާރުވެރިކަން ސަރުކާރުން ނުދޭނަމަ، އެ ޚިދުމަތެއް އެންމެ ރަނގަޅަކަށް ނުދެވޭނެ. އެހެންވީމާ، ސަރުކާރުން ނިންމާފައި މިވަނީ މިފަދަ ހުރިހާ ކަމަކަށް މަގުފަހިކޮށްދިނުމަށް. އެއީ، އިޖުތިމާޢީ ގޮތުން ކުރާ ކަންކަމުގައިވެސް އަދި އިޤުތިޞާދީގޮތުންވެސް ކަންކަމުގައި ބާރުވެރިކަން ދިނުމަށް.

އަޅުގަނޑު އިޢުލާނުކޮށްފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި، މިކަންކަން ކުރުމާ އެކީގައި، ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް މި ލިބޭ އާމްދަނީގެ ތެރެއިން، ވަކި އިންސައްތައެއް ކައުންސިލުތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް އެ ނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލަސްތަކެއްނުވެ ތަންފީޒު ކުރަން ފަށާނަން. އަދި ހަމަ އެއާއެކީގައި، މިހާރު އިޢުލާނުކޮށް އަދި ޢަމަލުކުރަން ފަށާފައިވާ ގަވާއިދުގެތެރެއިން އެކިއެކި ފަޅުރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން، ކަނޑައެޅޭ ވަކި މަސައްކަތްތަކެއްކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުވެސް އެވަނީ ހުޅުވައިލެވިފައި. އަދިވެސް ބައެއް ރަށްރަށުގެ ކައުންސިލުތަކުގެ އިޚުތިޞާޞްތަކުގެ ތެރޭގައި، ބައެއް ފަޅުތަކާއި، ބައެއް ތަންތަން ހިމެނުމުގެ ފުރުޞަތުވެސް ޤާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާމިނެއްގައި މިދަނީ ދެމުން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގައި ކައުންސިލުތައް އެއީ، އެންމެ ފުރިހަމައަށް މަސައްކަތްކުރާ ތަނަކަށް ހެދުމަށް.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެ. އެހެންނަމަވެސް، މިގޮތަށް މި މަސައްކަތް ކުރާއިރުގައި، ރާއްޖޭގެ މި ނިޒާމުގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަކަށް މި ނިޒާމު ބައްޓަންކުރަން އެބަޖެހޭ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ކުރިއަށް އޮތް ތަނުގައި ކައުންސިލުތައް އިންތިޚާބު ކުރެވިގެންދާ ގޮތާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، މިކަންކަމަށް ގެންނަންޖެހޭނެ ބަދަލުތައް ގެނައުމުގެ ވާހަކަ އަޅުގަނޑު ވާނީ މިހާރު އިޢުލާނުކޮށްފައި. އެކަމަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ކަމާގުޅޭ ޤާނޫނުތަކަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ކަހަލަ ގޮތަކަށް ކުރިއަށް އޮތް ކައުންސިލުތަކާ ބެހޭ އިންތިޚާބު އަންނަންވާއިރަށް ބައްޓަންކުރެވިގެން ދާނެކަމެއް.

އަޅުގަނޑުމެންގެ މި ރާއްޖޭގައި، މި ނިޒާމު ތަންފީޒު ކުރުމުގައި ވަރަށްބޮޑު، ބުރަހެލިގޮތަކަށް ބައެއް ކަންތައްތައް ރޭވިފައި މިވަނީ. ކައުންސިލުތަކުގެ ސައިޒު، އަދަދު ކަނޑައެޅުމާ، މިކަހަލަ ކަންތައްތައް ސްޓްރީމްލައިން ކުރެވުނީމަ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ އިފެކްޓިވްކޮށް، އެންމެ އެފިޝަންޓްކޮށް ޚިދުމަތް ދިނުން އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ. އާދެ، އެންމެކުޑަ ރަށެއްގައިވެސް އެއީ، ދެތިން ސަތޭކަ މީހުންގެ އާބާދީގެ ރަށެއްގައިވެސް، މިސާލަކަށް، ފަސް ކައުންސިލަރުން އެބަތިބޭ. މިގޮތަށް އާބާދީ ކިތަންމެ ކުޑަ ރަށެއްގައިވިޔަސް ވަރަށްގިނަ އަދަދެއްގެ މީހުން އިންތިޚާބުކޮށްގެން ވަރަށްގިނަ ޚަރަދުތަކެއް، ކޮންމެ ދުވަހަކު، ކޮންމެ މަހަކު ކުރަންޖެހޭގޮތަށް މި ނިޒާމު ބައްޓަންވެފައި އޮތީމަ، އެއިން ނުކުންނަންޖެހޭ ނަތީޖާ އެންމެ ރަނގަޅަކަށް ނުއެއް ނުކުމޭ.

އެއަށްވުރެ މާ އެފިޝަންޓްކޮށް، ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން ތިބެގެން، އެއަށްވުރެ އަދަދު މަދުކޮށް ތިބެގެން، ކުރިއަށް ގެންދެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، އެކަމާ މެދުގައި ދިރާސާ ކުރެވި، މަޝްވަރާ ކުރެވި، އެކަށީގެންވާ ގޮތަކަށް ބައްޓަން ކުރުމަކީ، އަޅުގަނޑުމެން ވިސްނައިފައި އޮތް ގޮތް. މި ކަމުގައި ފަންނީ ދިރާސާތައްވެސް އިރާދަކުރެއްވިއްޔާ ދަނީ ކުރެވެމުން. ދެންމެގައި މިނިސްޓަރ އެ ވިދާޅުވިގޮތަށް، ޤައުމީ ޔުނިވަރސިޓީގައިވެސް އެކަމާ ގުޅޭ ދިރާސާތައް އެބަ ކުރެވޭ.

އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި، ތިން ބޭފުޅަކު، ތިން މީހަކު، އިންތިޚާބު ކުރީމާ ފުދޭނެ. ކައުންސިލްގެ ރައީސަކާއި، އަދި އިތުރު ދެ ބޭފުޅުން. އޭގެތެރެއިން އެއް ބޭފުޅަކީ، އަންހެނުންގެ ފަރާތުން އިންތިޚާބު ކުރާ އަންހެނުންގެ ރައީސާއަކަށްވުމާއި، އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، ތިން ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް، ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް، އެ ވޯޓުގެ ތެރެއިން ރައްޔިތުން ޚިޔާރު ކުރީމާ، ކައުންސިލްގެ ރައީސަކާއި، ނައިބު ރައީސަކާ ހުރެ، އަދި އިތުރު ބޭފުޅަކު ހުންނާނެ. އަންހެނުން ރެޕްރެޒެންޓް ކުރެވި، ޒުވާނުން ރެޕްރެޒެންޓް ކުރެވިގެންވެސް އެބަދޭ. 3000 މީހުންނަށްވުރެ ބޮޑު ނޫން އާބާދީތަކުގައި.

މާލޭގައި ކޮންމެ 3000 މީހަކަށް، ނޫނީވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވިއްޔާ، ފަސްހާހެއްހާ މީހުންގެ ތެރެއިން އެކަކު މި ހޮވަނީ. އެހެންވީމާ، 3000 މީހުންގެ ތެރެއިން ތިން މީހުންގެ ކައުންސިލެއް އޮވެގެން، ރައްޔިތުންގެ ފަރާތުން ދުވަހުން ދުވަހަށް މަސައްކަތް ކުރުމުގައި، ދެން އެ ލިބޭ ބަޖެޓުގެ ބޮޑު ބައެއް، އެ ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސަރވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް، މިހާރަށްވުރެވެސް ގިންތި ރަނގަޅު ކޮށްފައި، ދެވޭ ގޮތަށް ބައްޓަންކޮށްގެން ހިންގީމާ އަޅުގަނޑު ހިތުން، މުޅި ކައުންސިލްގެ ހުރިހާ މުވައްޒަފުންވެސް އުފާވެރިކަމާ އެކީގައި، ރަނގަޅު ޚިދުމަތެއް ދޭނެ. އަދި 3000 އަށްވުރެ އާބާދީ ބޮޑެތި ރަށްތަކުގައި، އެއަށްވުރެ ތަންކޮޅެއް ގިނައިން ކައުންސިލަރުން ތިބެ، މިސާލަކަށް، 3000 އިން 10000 އާ ދޭތެރޭގައި ޖުމްލަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ބައްޓަން ކުރުމަކީ، އަޅުގަނޑު ހިތުން ރަނގަޅު ގޮތަކަށްވާނެ. ނަމަވެސް، މި ކަންކަން ނިންމާނީ، މި ކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި. އަދި ސިޓީ ތަކުގައި އެ ނޫން ފޯރމިއުލަރއެއް ގެންގުޅެވިދާނެ. އެހެންނަމަވެސް، މިހާރަށްވުރެ ގިނަ ނުވާ ގޮތަށް، މަދުކޮށްގެން. ހަމަ ޔަގީނުންވެސް މާލޭގައި، މިހާރު 18 ކައުންސިލަރުން އެބަ ތިބޭ. މީގެ ދެ ދައުރެއް ކުރިން 11 ކައުންސިލަރުން ތިބޭނީ. ނޫނީވިއްޔާ 13 ކައުންސިލަރުން. އެހެންވީމާ، އަދަދު ކުޑަކުރެވިދާނެ. އަދަދު ކުޑަކޮށްގެން، ދޭ ޚިދުމަތް، އަދި އެއަށްވުރެ ރަނގަޅަށްވެސް ދެވޭނެ. އަދަދަކުން ވާކަމެއްނޫން މިއީކީ. ޚިދުމަތް ދެވޭ ގޮތް ފުރިހަމަކުރަން މި ޖެހެނީ. ޚިދުމަތް ދިނުމުގައި، އިޚްލާޞްތެރިވާން މި ޖެހެނީ. ޚިދުމަތް ދިނުމުގައި، ތެދުވެރިވާން މި ޖެހެނީ. ހީވާގިވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ.

އެހެންވީމާ، އެފިޝަންސީ އެޗީވް ކުރުމުގައި، ރިޒަލްޓް އޮރިއެންޓަޑް މަސައްކަތްތަކެއް ކުރުމުގައި، އަޅުގަނޑުމެން ވިސްނުން އިސްކޮށްގެން މަސައްކަތް ކުރަންވީ. މިހާރުވެސް މަސައްކަތް ކުރަންވީ އެ ގޮތަށް. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަންވާނީ އެ ގޮތުގައި. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ސަރުކާރުން މަސައްކަތް ކުރާނީ، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަން ހޮވާފައި ތިއްބެވި ބޭފުޅުން އެންމެ އިސްކޮށްގެން، އެ ބޭފުޅުން ލައްވާ ކަންތައްތައް ކުރެވޭނެ ގޮތަކަށް. އެއީ، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާނެ ގޮތަށް، ކުރެވޭނެ ގޮތަށް.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ގިނަ ޚިދުމަތްތަކެއް މިހާރަށްވުރެވެސް ބޮޑަށް، ލާމަރުކަޒު ކުރެވިގެން ދާނެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި، ކުރެވެން ހުރި ހުރިހާ ކަމެއް އެންމެ ފުޅާމިނެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްޓަން ކުރާނަން.

އާދެ، މިގޮތަށް މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގައި މި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައިވެސް ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމުވޭ. ޑުރަގުގެ މައްސަލަ އެއީ، އެންމެ ބޮޑު އެއް މައްސަލަ. މި ޑުރަގުގެ މައްސަލަ ހައްލުކުރުމަކީ، ދުވަހަކުވެސް އަދި މި ރާއްޖޭގައި ނަތީޖާ ނެރެވުނު ކަމެއް ނޫން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ޖަމުޢިއްޔާތަކާއި، އަދި ޖުމްލަކޮށް މުޅި މުޖުތަމަޢުގެ އެހީތެރިކަމާ އެކީގައި ނަތީޖާ ނެރެވޭނެ.

އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ، މި ފަސް އަހަރުގެ ތެރޭގައި، އެކަށީގެންވާ ނަތީޖާއެއް މި ކަމުން ނެރުން. މިއީ، އެތައް އަހަރެއްވި، މޫލާފައި އޮތް، ވަރަށް ބޮޑު މައްސަލައެއް. އެހެންނަމަވެސް، އަޅުގަނޑުމެން ވަރުގަދަ ޢަޒުމެއްގައި، އެއް ނިޔަތެއްގައި މަސައްކަތް ކުރާނަމަ، އެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އެ އޮތީ، މިކަމުގައި ކުރިއަށް ދާނެ އެކިއެކި މަގުތައް. ކުރަން ނިންމާފައި ހުރި އެކި ކަންކަން. އެކި ސަރަޙައްދު ތަކުގައި ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ކުރިއަށް ގެންދިޔުމާއި، އަދި ވަރަށް ގިނަ ކަންކަން. މި ކަންކަމުގައި ލާމަރުކަޒީ ނިޒާމު ވަރަށް މުހިންމުވެގެންދާނެ. ވަރަށް މުހިންމު ދައުރެއް އަދާކުރާނެ.

ޑުރަގުގެ މައްސަލައާއެކީގައި، ނުގަވާއިދުން އުޅޭ ބޭރު މީހުންގެ މައްސަލައާއި، އަދި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ، އެކި ކަހަލަ ގޭންގުތައް ހަދައިގެން މަސައްކަތްކުރުމާ، މި ތިން މައްސަލައަކީ މުޖުތަމަޢުގައި، ވަރަށް ބޮޑު ހައްލެއް ގެންނަން ޖެހިފައިވާ، އަދި އެ ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބޭނެ ކަންކަން.

އެހެންވީމާ، މި ތިން ކަންތަކުގައި، މުހިންމު ނަތީޖާތަކެއް، ރައްޔިތުން އެދޭފަދަ ނަތީޖާތަކެއް ނެރެވޭނެ. އިރާދަކުރެއްވިއްޔާ ނެރެވޭ ގޮތަށް އަޅުގަނޑުމެން އެންމެން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާނަމަ. އަޅުގަނޑުމެންގެ ޢަޒުމަކީ، ރައްޔިތުންގެ އެންމެ މުހިންމުވެފައިވާ މިކަހަލަ ކަންތައްތައް ހައްލު ކުރުމުގައި، ނަތީޖާ ނެރުން. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ މި ކަންކަމުގައި ތިޔަ ހުރިހާ ކައުންސިލްތަކުގެ ބޭފުޅުންނާއި، އަދި އެކިއެކި ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާތައް ނެރެވިގެންދާނެ.

އާދެ، އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ، ދެންމެވެސް އަޅުގަނޑު މި ދެންނެވިފަދައިން، ރައްޔިތުންނަށް ޚިދުމަތް ކުރުން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތެދުވެރިވުން، އިޚްލާޞްތެރިވުން. ނުގުޑާފަދަ ޢަޒުމެއްގައި، އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރުން. އެގޮތަށް މަސައްކަތް ކުރާނަމަ، އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި، އެ ކޮށްދެވެނީ ވަރަށް ބޮޑު މަސައްކަތެއް. އަޅުގަނޑުމެން އެނބުރި ދާން އޮތީވެސް އިންތިޚާބުތައް ކުރިމަތިވީމާ، ރައްޔިތުން ގާތަށް. ރައްޔިތުން ގާތަށް ދާއިރުގައި، ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ކަންކަން، ކޮށްދެވިއްޖެތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ.

އެހެންވީމާ، އެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. ރައްޔިތުންގެ ގާތުން ކޮންމެ ދުވަހަކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ. އެއީ، ކައުންސިލަރުން ކަމުގައިވިޔަސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ކަމުގައިވިޔަސް. ކޮންމެ މީހަކީ އިންތިޚާބު ކޮށްފައި ހުރި މީހަކަށްވާނަމަ، ރައްޔިތުންނާ ގާތުގައި އަބަދުވެސް ހުންނަންޖެހޭނެ. ފެންނަ ހިސާބުގައި މަސައްކަތް ކުރަންޖެހޭނެ. އެ ގޮތަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ޢަޒުމަކަށް ހެދުމަކީ، އަޅުގަނޑު އެދޭ ގޮތް.

އާދެ، އަދިވެސް އެއްފަހަރު މިރޭ މި އިފްތިތާޙް ކުރެވުނު މި ޚިދުމަތްތަކަކީ، އޭގެ އެންމެ ރަނގަޅު ނަތީޖާ ނެރެވިގެންދާނެ ޚިދުމަތްތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރާ އަދި ޔަގީންކުރާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކަހަލަ ކަންކަމުގައި، މަސައްކަތްކުރާ ކަމުގައިވާނަމަ، ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެންނަށް ދުވަހަކުވެސް ހާސިލުނުކުރެވި ހުރި ކަންކަމުގެ ނަތީޖާ، އަޅުގަނޑުމެން އެދޭ ގޮތަށް ހާސިލުވެގެންދާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ހެޔޮގޮތުގައި ބައްޓަން ކުރުމުގައި، ކާމިޔާބީ ލިބޭ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް އަދަށްވުރެ ފާގަތި މާދަމައެއް މިންވަރު ކުރައްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.