بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ، ޙިކުމަތްވަންތަ މާތްاللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އޮނަރަބްލް ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް، ފުވައްމުލަކު ސިޓީގެ މޭޔަރ، މި ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ތިން މެންބަރުން، ދާޚިލީ ވުޒާރާ އަދި ތަޢުލީމީ ވުޒާރާގެ އިސްވެރިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން، ޓްރެފިކް އަދި މަގުމަތީގެ އިންތިޒާމުތަކާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ޤައުމީ ޚިދުމަތްތެރިން، ޓީޗަރުން، ބެލެނިވެރިން، ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ

ޝައްކެއްވެސް ނެތް، ޚުލްޤު ހެޔޮ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކަށް، ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް. ފޭރާން ހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ، އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން. ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ ސަބަބުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިވޭ. އަދި މިއީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި، ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. މި ޕްރޮގްރާމުން ތަމްރީނު ހާސިލުކުރި އެންމެހައި ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

އާދެ، ރާއްޖޭގެ މަގުތަކުގެ އަމާންކަމާއި، ރައްކާތެރިކަން ބެލެހެއްޓުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒަމާނީ އޮއިވަރާއެކު އަންނާނެ ބަދަލުތަކަށް ރިޢާޔަތްނުކޮށް، އެކަށީގެންވާ މިންވަރަށް ޕްލޭން ކުރުމަކާ ނުލައި، މާލެއާއި ރަށްތަކުގެ މަގުތައް ހެދެމުން ދިޔުން. މިއަދު ބަވަނަވަމުން މިއައި ތަރައްޤީއާއެކު، މަގުމަތީގައި ވެހިކަލްތައް ގިނަވެއްޖެ. ސްޕީޑް ބާރުވެއްޖެ. މަގުތަކުގައި އަޑުގަދަވެ، ވައި ތަޣައްޔަރު ވެއްޖެ. ވެހިކަލްތައް ޕާކްކުރާނެ ޖާގަ އިތުރުކުރަން ޖެހިއްޖެ. މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން، ނުވަތަ އިހުމާލުވުމުގެ ސަބަބުން، ކޮންމެ ހަފްތާއަކުވެސް އެކްސިޑެންޓްތަކުގެ ހިތާމަވެރި އަޑު އަޅުގަނޑުމެން މިދަނީ އަހަމުން. ޚާއްޞަކޮށް، މާލެ. މާލޭގެ ގިނަ މަގުތައް މިހާރު އެހުރީ ދުއްވަން ދަތި، ހިނގާބިނގާ އުޅެންވެސް ދަތި ހާލުގައި. މިކަންކަން ހައްލުކުރުމަށް، ޙިކުމަތްތެރިކަމާއެކު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ޖެހޭނެ.

މަގަކީ އެންމެންގެ ތަނެއް. މަގުމަތި ބޭނުންކުރާ އެންމެންނަށްވެސް އެއީ، ރައްކާތެރި ތަނަކަށް އަޅުގަނޑުމެން ހަދަންޖެހޭނެ. ޢާއިލާތަކަށް ހިތްފަސޭހަ، އުފާވެރި ތަނަކަށް މަގުތައް ވާންޖެހޭނެ. އެކަމަށްޓަކައި ކުރު ރާސްތާ، އަދި މެދު ރާސްތާއާއި، ދިގު ރާސްތާގައިވެސް މުހިންމު ކަންކަން ކުރަން ޖެހިފައި އެބަހުރި. އެ ޕްލޭންތައް ސަރުކާރުން މިދަނީ އެކުލަވައިލަމުން. އަދި އެއަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް މިހާރު މިދަނީ ކުރަމުން.

އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި، "މާލެ ފަހި ޕްރޮގްރާމް" މިހާރު ވަނީ ފަށާފައި. މަގުތަކުގައި ހިނގާ ގަވާއިދާ ޚިލާފު ކަންކަމާއި، އަދި އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ރައްޔިތުންނަށް ހިތްފަސޭހަ މަގުތައް ހޯއްދަވައިދެއްވުމަކީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަރަށްބޮޑު އަމާޒެއް. އަދި ޒަމާނީ ފެންވަރަށް، ރާއްޖޭގެ ގިނަ ރަށްތަކުގެ މަގުތައް ހެއްދެވުމަކީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއްވެސްމެ.

އާދެ، މަގުމައްޗަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިގެން އަންނަނީ ފަރުދުންނާ ހިސާބުން. ކޮންމެ ފަރުދަކުވެސް، ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑްގައި ދުއްވުމާއި، އޯވަރޓޭކް ކުރުމުގައި ސަމާލުކަން ދިނުމާއި، މަގު ހުރަސްކުރާ މީހުންނަށް ތަން ދިނުމަކީ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންކަން. ހަމަ އެފަދައިން، ދުވާރުމަތިން ހިނގަން އާދަކުރުމާއި، ކަފިހި ހުރަސް ބޭނުންކޮށްގެން މަގު ހުރަސްކުރުމާއި، ދުއްވާ އެއްޗިއްސަށް ސަމާލުކަން ދީގެން މަގުގައި ހިނގާ ބިނގާވެ އުޅުމަކީ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންކަން. މަގުތައް އަމާން، ރައްކާތެރި ތަނަކަށް ހެދޭނީ، ކޮންމެ ފަރުދަކުވެސް މިކަންކަމާ މެދު ވިސްނައި، އެގޮތަށް ޢަމަލުކޮށްގެން.

އެހެންކަމުން، ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، މަގުމައްޗަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމަށާއި، އަދި ހުރިހާ ރައްޔިތުންގެ ފަރުދީ ޒިންމާއަކަށް މިކަން ހެދުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްތަކުން، ސްކޫލް ކުދިންނަށް ލިބޭ ޢިލްމާއި ހުނަރުން، ދިވެހި މުޖުތަމަޢަށް ގިނަގުނަ ފައިދާކުރުން. މަގުތަކުގެ ރައްކާތެރިކަމަށް ކުރެވޭ ކަންކަމުން، ދިވެހި މުޖުތަމަޢަށް އެދެވޭ ބަދަލެއް އައުން.

މާތްﷲ، އަޅުގަނޑުމެންގެ މި ރާއްޖެއަކީ އަމާން، ރައްކާތެރި، ޞުލްޙަމަސަލަސް ޤައުމެއްގެ ގޮތުގައި ލަހައްޓަވާށި!

وَالسَّلَامُ عَلَيْكُمْ.