بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް، އެޑިޔުކޭޝަން މިނިސްޓަރ، އިސް ދަރިވަރުންގެ ޖަމުޢިއްޔާގެ ރައީސް، ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން، އިސް ދަރިވަރުން، އަދި މި އުފާވެރި ޙަފްލާ ބައްލަވަމުން ގެންދަވާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.


އާދެ، އަޅުގަނޑު މި ޙަފްލާއަށް އަންނަން ނުކުތްތަނާ، އަޅުގަނޑު އަތަށް ދިއްކޮށްލީ މި ބެޖު. ދެން މި ބެޖު ހަރުކުރަމުން ދިޔައިރުގައި، އަޅުގަނޑަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް. މީގެ ޒަމާންތަކެއް ކުރިން، ހަމަ ހުދު ކުލައިގެ ޔުނީފޯމެއް ލައިގެން، މަޖީދިއްޔާގެ ފަޚުރުވެރި ބެޖު، ޖީބުގައި ޖަހާފައިވާ ޔުނީފޯމު ލައިގެން، މި ސްކޫލްގައި ވަރަށް އުފާވެރި ދުވަސްތަކެއް އަޅުގަނޑުގެ ހަޔާތުގައި ހޭދަކުރި ހަނދާން އާވެގެން ދިޔައީ. ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ވެގެންދިޔައީ. އެ އިހުސާސްތަކާއި އެ ހަނދާންތަކާއެކު، ފަޚުރުވެރިކަމާ އެކީގައި މި ޕިން، މި ބެޖު ހަރުކޮށްލައިގެން އަޅުގަނޑު މިތަނަށް މިއައީ.

ދެންމެ ޕްރެޒެންޓް ކުރަން ތިބި ދެ ކުދިން ބުނީ، ތިމަންނަމެން ކިޔަވަނީ 10-އީގައޭ. އަޅުގަނޑުވެސް ކިޔެވީ 10-އީގައި. މިތާ ފަހަތުން، އެތާ ކަނުގައި އެހުރީ އެ ކުލާސް، އަޅުގަނޑު އޭރުގައި ކިޔެވި ކުލާސް، 10ގައި. ވަރަށް ގިނަ ހަނދާންތަކެއްވާ ސްކޫލެއް މިއީ. މިތާ ކައިރީގައި ބައިސްކަލް ބަހައްޓާފައި ހުންނައިރު، ބައެއް ދުވަސް ދުވަހު ނުކުންނައިރުގައި މަޑިއެއް ނުހުންނާނެ. ދެން ހަޔާތުގެ އެކަހަލަ އުފާވެރި ހަނދާންތަކެއް އެއީ. ކޮންމެ ސްކޫލެއްގައި ކިޔެވިޔަސް، ސްކޫލް ދައުރަކީ އެކަހަލަ ހަނދާންތަކެއްވާ ދުވަސްތަކެއް.

އެހެންވީމާ، އަޅުގަނޑުގެ އަމިއްލަ ކަމެއް ގޮތުގައި ކޮންމެ ފަހަރަކުވެސް މި ސްކޫލަށް، މަޖީދިއްޔާ ސްކޫލަށް، އާދެވެންޏާ އެއީ، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް. ވަރަށް ގިނަ ކިޔަވާ ކުދިންވެސް އެބަތިބި. އަދި މިތަނުގައި ކޮޔަރގައި ތިބި، ވަރަށް ތުއްތު ކުދިންވެސް. ވަރަށް ބޮޑު އުފަލެއް އަޅުގަނޑަށް ލިބިގެންދޭ، އެހާ ތުއްތު ކުދިން މި ފަޚުރުވެރި ސްކޫލުން ކިޔަވަމުންދާ ތަން ފެންނަމުންދާތީ.

މި ސްކޫލަކީ ރާއްޖޭގެ ތަޢުލީމުގެ ދަންމަރު. މި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އުފެދިގެން އައި ގިނަ ޝަޚްޞިއްޔަތުތައް އުފެދިގެން އައީ، މި ސްކޫލް އުފެދުނު ފަހުން. އެއީ، މިތަނުން ތަޢުލީމު ހާސިލުކޮށްގެން. އެއީ، ޙަޤީޤަތެއް. މި ފަޚުރުވެރި ސްކޫލް މިހާރު އިރާދަކުރެއްވީތީ މިދަނީ 100 އަހަރު ހަމަވާން. އަޅުގަނޑު ހަނދާންވޭ، އޭރުގައި އަޅުގަނޑު އުޅެނީ ގްރޭޑް 6 ގައި. ޢުމަރުބެއާއި، ޙަސަން ޙަމީދު، މި ބޭފުޅުން އަދި ޕްރިންސިޕަލް، އަޅުގަނޑުމެން ލައްވައި ކުރުއްވި ކަމަކީ ކެޕްސިއުލެއް ވަޅުލެއްވީ. ދެން އަޅުގަނޑުވެސް ލިން އެޔަށް ނޯޓެއް ލިޔެފައި. ދެން، ހިތާމައަކީ ކެޕްސިއުލް މިހާރު ހިނގައްޖެ ހަލާކުވެގެން. މިތާ ތިއްބަވާނެ، އެ ދުވަހު ކެޕްސިއުލަށް އެކި ކަހަލަ އެއްޗެހި ލެއްވި ބޭފުޅުން، މިނިސްޓަރުންގެ ގޮތުގައިވެސް. ދެން، އަޅުގަނޑު އެ ދުވަހު ހިތަށްއެރި، 47 އަހަރު، 48 އަހަރު، މިހާވަރު އުމުރުންވާ ހިސާބުންނޭ، މި ކެޕްސިއުލެއް ނެގޭނީ. ދެން ކޮންމެއަކަސް، ކެޕްސިއުލެއް ނެތް. އެހެންނަމަވެސް، އެ ދުވަސް އިރާދަކުރެއްވީތީ ވަރަށް ގާތްވޭ އެބަ.

ސްކޫލު ހަޔާތަކީ މިފަދަ އިހުސާސްތަކެއް، ހަނދާންތަކެއް ގެނެސްދޭ ދުވަސްތަކެއް. އެހެންނަމަވެސް، އެ ދުވަސްވަރުގެ ޙަޤީޤީ ބޭނުމަކީ، ޤައުމަށް ޚިދުމަތްތަކެއް ކުރުމަށްޓަކައި، އަދި އަމިއްލަ ހަޔާތް ބިނާކުރުމަށްޓަކައި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތަޢުލީމު ހާސިލުކުރުން. ތަމްރީނުވެގެން ނުކުތުން. އެއީ، ސްކޫލްތަކުގައި ކިޔެވުމުގެ ބޭނުމަކީ. ކިޔަވައިދިނުމުގެ ބޭނުމަކީ. ސްކޫލަކީ، ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ، ވިސްނައި ފިކުރުކޮށް، އެކަމެއް ކޮށްދިނުމަށް ތައްޔާރުވާން ވަންނަ ތަނެއް. މި ސްކޫލުން ކިޔެވި ކޮންމެ ދަރިވަރަކު، އެ ވަރުގަދަ ޢަޒުމުގައި ކިޔަވާފައި ވަނީ. ކިޔަވަމުން ދަނީވެސް. އަދި ކޮންމެ ސްކޫލެއްގައިވެސް، އަޅުގަނޑު ޤަބޫލުކުރަނީ އަދި ޔަޤީންވެސް ކުރަނީ، އެ ޢަޒުމުގައި ކޮންމެ ކުއްޖަކު ކިޔަވަމުންދާނޭ ކަމަށް.

މި ސްކޫލްގެ މޮޓޯގައި މިވަނީ، އެކަމުގެ ވަރަށް ވަރުގަދަ މެސެޖެއް. "ހިތްވަރާ އެކީގައި، ނުގުޑާފަދަ ޢަޒުމެއްގައި، ބުރަ މަސައްކަތްތަކެއް ކޮށްފިއްޔާ، އުނދަގޫ އެއްވެސް ކަމެއް ނުވާނެއޭ. ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނުވާނޭ." އެ މޮޓޯގައި ސްކޫލްގައި ކިޔަވާ ކުދިން ކިޔަވަމުން ދިޔައީ، ކިޔަވަމުން ދަނީ، އަދި އިރާދަކުރެއްވިއްޔާ ކިޔަވަމުން ދާނީވެސް.

އެއީ، ހަމައެކަނި ތަޢުލީމީ ހަޔާތަށް އޮތް މެސެޖެއްވެސް ނޫން، މޮޓޯއެއް ނޫން. ހަމައެކަނި ކިޔަވަމުން ދާއިރުގައި ހަނދާނުގައި ބަހައްޓަންވީ ކަމެއްވެސް ނޫން. ތިމާގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ހިންމަތާއި، ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ﷲގެ އިރާދަފުޅާއި، މިންވަރުފުޅާއެކު، ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ. ދަތި އުނދަގޫ އެއްވެސް ކަމެއް ނޯންނާނެ. ﷲ އަޅުންނަށް އަންގަވާފައި ވަނީ ހިންމަތާ އެކީގައި މަސައްކަތް ކުރާށޭ. އަޅުންނަށް އޮތީ މަސައްކަތް ކުރުން. އެ މީހެއްގެ ކެރިކުޅަދާނަކަން ހުރި އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރުން. މަސައްކަތް ކުރުމަށްފަހު، ﷲގެ ޙަޟްރަތުގައި ވަކީލު ކުރުން. އެ ޢަޒުމުގައި މަސައްކަތް ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ އެއީ ކާމިޔާބީ. އެއީ ޔަޤީންކަމެއް. އެއީ، ހަޔާތުގެ ކޮންމެ ކަމެއްގައިވެސް، ކިޔަވަމުންދާ ދަރިވަރުން ކިޔެވުމުން ރަނގަޅު ނަތީޖާ ހޯދުން ކަމުގައިވިޔަސް، ޤައުމު ބިނާކުރުމުގައި، ޤައުމަށް ބޭނުންވާ ކަންކަން ހާސިލުކުރުމުގައި ކަމުގައިވިޔަސް، ތިމާގެ ހަޔާތުގައި ކުރަމުންދާ މަސައްކަތުގައި، އާމްދަނީ ހޯދަން ކުރާ މަސައްކަތުގައި، ވަޒީފާގައި، އެކަމުގައި ކުރިއަށްދިޔުން ކަމުގައިވިޔަސް، ހިންމަތާއި، ވަރުގަދަ ޢަޒުމެއްގައި ބުރަ މަސައްކަތް ކޮށްފިއްޔާ ކާމިޔާބީ ހާސިލުވާނެ. ދަތި އުނދަގޫ ކަމެއް ނޯންނާނެ. އެއީ، އެ މޮޓޯއަކީ. މޮޓޯގެ މާނައަކީ.

އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޢަޒުމަކަށް ވާންވީ، އެ މީހެއްގެ ހަޔާތުގައި، އަދި އެ މީހެއްގެ ފަރާތުން އަނެކުންނަށް ކަމެއް ކޮށްދިނުމުގައި، އަދި އެ މީހެއްގެ ފަރާތުން މުޖުތަމަޢަށް ކަމެއް ކޮށްދިނުމަށް، އަދި އެ މީހެއްގެ ފަރާތުން ޤައުމަށް ކަމެއް ކޮށްދިނުމުގެ ޢަޒުމުގައި މަސައްކަތް ކުރުން. މި މޮޓޯއާ އެއްގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރުމަށް ޢަޒުމު ކަނޑައެޅުން. އޭރުން އިރާދަކުރެއްވިއްޔާ، ﷲގެ ކާމިޔާބީ އޮންނާނީ ދާދި ގާތުގައި. އެގޮތަށް މަސައްކަތް ކުރުމުން، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައްވެސް އަޅުގަނޑުމެންނަށް ހައްލުކުރެވޭނެ. ތަޢުލީމީ ހަޔާތް، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރެވޭނީވެސް.

މި ސްކޫލަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައްވެސް އެބަހުރި. ސްކޫލްގެ އިމާރާތްތައް ބާވެ، އެ ދަނީ ހަލާކުވަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް އޮތް އަހަރު، ކުރިއަށް ގެންދަން ނިންމާފައި އޮތް ސްކޫލް ގިނަ މަޝްރޫޢުތަކުގެ ތެރޭގައި، މަޖީދިއްޔާ ސްކޫލްގެ އެފަރާތުގައި، ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަން، އެތަނުގައި 40 ކްލާހުގެ އާ އިމާރާތެއް، މި އަންނަ އަހަރު އެޅުމަށް ހަމަޖެހިފައި ވަނީ. އަދި އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ، ސްމާޓް ކްލާސްތައް ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވޭ ސްމާޓް ކްލާސްތައް ކަމަށް ވާނެ.

އަދި އަޅުގަނޑުމެން މަޖީދިއްޔާގެ ކޮންމެ ދަރިވަރެއް، އިސް ދަރިވަރެއްގެ ފަޚުރު ކަމުގައިވާ "ދާރުލްޢުލޫމާއި ކުރިބޯށި"، އަޅުގަނޑުމެންގެ ޕްލޭނަކީ އިރާދަކުރެއްވިއްޔާ ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމެއް ގޮތުގައި އެތަން ތަރައްޤީ ކުރުން. މި ސްކޫލާއި ރާއްޖޭގެ ތަޢުލީމީ ހަޔާތުގެ ތާރީޚު ދައްކައިދޭ މިއުޒިއަމަކަށް އެތަން ބަދަލުކުރުން. އޭރުން ދާއިމަށް، ދެންމެ މިތަނުގައި ފާހަގަކުރެއްވިހެން، އެތައް އަހަރުތަކަކަށް ރައްކާތެރިކަމާއި، ރީތިކަމާއި، އާރޯކަމާ އެކީގައި، އިމާރާތް ދެމިހުރުމާ އެކީގައި، މަޖީދިއްޔާ ސްކޫލްގެ ވާހަކައާއި، ރާއްޖޭގެ ތަޢުލީމީ ވާހަކަ، އެ ތަނުން ފެންނާނެ، ލިއްބައިދޭނެ. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެއީ، އަޅުގަނޑުމެންގެ ޕްލޭނަކީ.

އެހެންވީމާ، ވަރުގަދަ ޢަޒުމެއްގައި، ނުގުޑާފަދަ ޢަޒުމެއްގައި ކަންތައްތަކެއް ކުރަން ނުކުމެއްޖިއްޔާ، ނުކުތީމަ މިފަދަ ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ހިތުގެ ޢަޒުމަކަށް، ހިތުގައި ބިންވަޅު ނަގާ ޢަޒުމަކަށް ވާންވީ މި ޢަޒުމް. ތިމަންނަ ކުރަން އޮތް ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނަ ނުވާނަމޭ، ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ޚިލާފަށް، ކުރިމަތިވާ ހުރިހާ ޗެލެންޖްތަކަކަށް ކުރިމަތިލައިގެން، ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާށޭ ތިމަންނަ މިހުރީ. މުޅި ސައިކީ ބަދަލުކޮށްލަންވީ. ވިސްނުން ބަދަލުކޮށްލަންވީ. ދިވެހި ކޮންމެ ރައްޔިތަކު، އެ މީހެއްގެ ހަޔާތުގައި، އެ މީހަކު ކުރަން އޮތް ކަމެއްގައި ކުރިއަށްދިޔުމުގެ މި ޢަޒުމް ކަނޑައަޅަންވީ. އޭރުން އިރާދަކުރެއްވިއްޔާ، ކަންތައްތަކުގައި ކާމިޔާބީ ލިބޭނެ.

މުސްލިމަކަށްވީތީވެސް އޮތީ މިކަން. ކީރިތި ޤުރްއާނުގައިވެސް، ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައިވެސް އޮތީ މިގޮތް. އެ މީހަކު ކުރާ ކަމެއް، އެ މީހަކަށް މަތިވެފައި އޮތް ކަމެއްގައި، އެންމެ ފުރިހަމައަކަށް، އެ މީހެއްގެ ޤާބިލިއްޔަތުކަން ތަންދޭ އެންމެ ފުރިހަމަ މިނަކަށް މަސައްކަތް ކުރުން.

އެހެންވީމާ، މި ޢަޒުމް ކަނޑައެޅުމަށް އަޅުގަނޑު އިލްތިމާސް ކުރަމުން، މި ފަޚުރުވެރި ސްކޫލަށް އާރޯކަމާއި، ރަން ޒަމާނަކަށް އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.