އިޤްތިޞާދު ޑައިވަރސިފައި ނުވަތަ ސިންދަފާތުކުރުމަށް، "އިންވެސްޓަރ ރެސިޑަންސީ" ޕްރޮގްރާމެއް ތަޢާރުފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން އިޤްޠިޞާދު ސިންދަފާތުކުރުމަށް ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ޙަރަކާތެއްގެ ގޮތުގައި ޕަރލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށްވަނީ ހަމަޖައްސަވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ އެންމެހައި ކަންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.