ކުޑަކުދިންގެ ދުޅަހެޔޮކަމާއި އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ޤައުމީ އެކްޝަން ޕްލޭން އިފުތިތާޙު ކުރުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ މި އެކްޝަން ޕްލޭން އިފުތިތާޙު ކުރެވިގެން ދިއުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި އެކްޝަން ޕްލޭނަކީ އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ދިނުމާއި އެފަދަ ކުދިން ހިމާޔަތްކުރުން ފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އަދި އެފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްތަކުގެ ސާފު މަގުޗާޓެއް ހިމެނޭ ވަރަށް ފުރިހަމަ ޕްލޭނެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކޮންމެ ކުއްޖަކީވެސް ޒިންމާދާރު، ވިލުންތެރި، އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ފަރުދެއްގެ ގޮތުގައި އަދި އަނިޔާއާ ދުރު މުޖުތަމަޢެއްގައި ހުރެ ހެދިބޮޑުވަމުން އަންނަ ފަރުދަކަށް ވުމީ އެކަމަނާ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ތަސައްވުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރި މާހައުލެއް އުފެއްދުމާއި އަދި މި ކަންކަމަށް މަގުފަހިވާގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުގައާއި ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަނިޔާއަށް ހުށަހެޅިފައިވާ ފަރާތަކަށް ރައްކާތެރިކަމުގެ އިތުރަށް އެތައްކަމެއް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބިރުވެރި ތަޖުރިބާތަކުން އަރައިގަނެވި، ޝިފާލިބި އަދި އަލުން އުންމީދާ އިތުބާރު ހޯދުމަށް އެކުދިންނަށް އެއްބާރުލުން ބޭނުންވާކަމުގައި އެކަމަނާގެ ވިދާޅުވިއެވެ. މީގެ އިތުރުން އެކުދިންނަކީ ވިލުންތެރި ބަޔަކަށް ހެދުމާއި އެމީހުންގެ ބޭނުންތަކަށް އިސްކަންދީގެން ކުރިޔަށްގޮސްފިނަމަ އެއީ އެކުދިންނަށާއި މުޅިޤައުމަށް ވެސް މާއުޖާލާ މުސްތަޤުބަލެއް ހޯދުމަށް އެޅިގެންދާނެ ބިންގަލަކަށްވާނެ ކަމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.