بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރުގެ ޤައުމުތަކުގެ ސަފީރުން، އެކިއެކި މުއައްސަސާތަކުގެ އެންމެހައި އިސް ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ކިޔަވާކުދިން، މުދައްރިސުން، އަދި ވަކިން ޚާއްޞަކޮށް، މިއަދު އެކި ޝަރަފާއި އިނާމުތައް ލިބިވަޑައިގެންނެވި އެންމެހައި ޚިދުމަތްތެރި ޢިއްޒަތްތެރިންނާއި، އެ ޢިއްޒަތްތެރިންގެ ޢާއިލާތައް، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ! ޒަމާން މިއަދު އަޅުގަނޑުމެން ގޮވައިގެން ދަތުރުކުރަނީ، މީގެ 465 އަހަރުގެ ކުރިޔަށް. އަޅުގަނޑުމެންގެ ލޯތަކަށް ފެންނަނީ ޣައިރުދީނުގެ އަނދިރިކަމުން ކަޅުވަމުންދާ ދިވެހި އުދަރެހެއް. އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވެމުން ދަނީ އަޅުވެތިކަމުގެ ކަސްތޮޅުގައި ރޮމުން ގިސްލަމުންދާ އުންމަތެއްގެ އެތައް ވޭނީ އާހެއް. މި ނާމާންކަމާއި އަނދިރިކަން ފޫއަޅުވާލައި، ދިވެހި މެދުއުޑުން ފިޔަޖަހާލީ، ބޮޑުތިލަދުންމަތީ އުތީމުގެ އުދަރެހުން އުދަވި އުޖާލާ ދެތިން ތަރިއެއް. އެއިން ކޮންމެ ތަރިއަކީ، ދިވެހި ޤައުމު ދެމިއޮތްހައި ހިނދަކު، ޝުކުރާއި ތާރީފު އޮހޭނޭ ފަޚްރުވެރި ދިވެހި ދަރިއެއް. މި ސަބަބަށްޓަކައި މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށާއި، މުޅި ދިވެހި ޤައުމަށް ދަންނަވާލަން ބޭނުންވަނީ.

ފަޚްރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާހޭ؟
         ފަޚްރުވެރި ތާރީޚު ދައްކާ ހެކިތަކަށް އަދު ވިސްނަމާހޭ؟

ޝައްކެއް ނެތް. އަޅުގަނޑުމެންގެ އުސްތާޛުލްޖީލް އަލްމަރްޙޫމް މުޙަންމަދު ޖަމީލު ދީދީގެ މި އެދިވަޑައިގަތުމަކީ ވަރަށް މާނަ ފުން ނިދާއެއް.

އާދެ، މިއަދަކީ ޤައުމީ ދުވަސް. ޤައުމާ މެދު ވިސްނުމުގެ ދުވަސް. ޤައުމު ބިނާކުރުމަށް އާ ހިތްވަރެއް ނެރުމުގެ ދުވަސް. އާ ރޫޙެއް ގެނައުމުގެ ދުވަސް. ދިވެހިތާރީޚު ވަނީ މިއަދުގެ ހާދިސާ ފަދަ އެތައް ފިލާވަޅަކުން މުއްސަނދިވެފައި. އެތައް ތަޖުރިބާއަކުން ފުދުންތެރިވެފައި. އެހެންކަމުން، މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސް ކުރަނީ، ދިވެހި ޤައުމާ ދިމާޔަށް އެނބުރި ބެލުމަށް. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޤައުމުގެ މައްސަލަތަކާއި، އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގެވުމަށް.

މައުޟޫޢަށް އިންސާފުކުރާން ފެށުމުގެ ކުރީން، ޤައުމީ ޚިދުމަތުގައި އެކިއެކި ކާމިޔާބީތައް ހޯއްދެވި އަދި އެކި ޝަރަފުތައް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ތިޔަ އެންމެ ބޭފުޅުން ދިވެހި ޤައުމަށްޓަކައި ތިޔަ ވެދެއްވި ޤުރުބާނީގެ އަގުވަޒަންކުރަން. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނުގެ ޝަރަފުވެރި ޒިކުރާ އާކުރަން. އެ މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ ދެއްވުން އެދި އޯގާވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ޙަޤީޤަތުގައި ވެސް އެ މަނިކުފާނަކީ ދިވެހި ޤައުމުގެ ނަމޫނާ ދަރިއެއް. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބު. ހަމައެކަނި އެ މަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެކަން އެނގޭ. އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި، ޢަރަބި ބަހާއި، ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަކަން ސާބިތުވޭ. އެ ސިޔަރަތު ވިދާޅުވި ހާޖަރާގޭ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ނަންފުޅު ވެސް މި ފުރުޞަތުގައި ފާހަގަކޮށްލަން. އޭނާ އެ ސިޔަރަތު ވިދާޅުވެފައި ވަނީ ވަރަށް ވެސް ފުރިހަމައަށް. އާދެ! މި ޚިދުމަތް އަޅުގަނޑު މިހާ ބޮޑަށް މި ފާހަގަކޮށްލީ، ވަކި ޚާއްޞަ ސަބަބެއް އޮތީތީ. އެއީ، ސިޔަރަތުގެ ފެށުމުގައި ޞަލާޙުއްދީން ފާހަގަކުރައްވަނީ، ދިވެހީންނަކީ އިސްލާމްދީނުގެ މަތީގައި އުޅޭތާ އޭރު އަށެއްކަ ސަތޭކަ އަހަރުވެއްޖެ ބައެއްކަމަށް. ނަމަވެސް، އެ ޒަމާނުގައި ބަހަކަށް ވާހާ ބަހަކުން ސިޔަރަތު ތަރުޖަމާކޮށްފައި އޮތްއިރު، ދިވެހި ބަހަށް ސިޔަރަތު ގެނެވިފައިނުވާ ކަމަށް. އެފަދަ ޙާލަތުގައި އެކަމުގެ ކަންބޮޑުވުން އިޙްސާސް ކުރައްވާފައި ވަނީ ވަރަށް ވެސް ބޮޑަށް. އެހެންވީމާ، ދިވެހީންނަށް ދިމާވެފައިވާ ޤައުމީ ދީނީ މި ބޮޑު މައްސަލަ އަމިއްލަފުޅަށް އިސްނަންގަވައި، އެހާ ތަދު އުނދަގޫ ޒަމާނެއްގައި ޙައްލުކޮށްދެއްވިކަމީ، އެކަމުގެ އަގު އަޅުގަނޑު އުފަލާއެކު ވަޒަންކުރާ ކަމެއް.

ލޮބުވެތި އެންމެހައި ރައްޔިތުން!

ރާއްޖޭގެ މި ފަޚްރުވެރި ޤައުމީ ދުވަހު އަޅުގަނޑުމެން ދިވެހި ރައްޔިތުން، މި ސުވާލުތައް އަމިއްލަ ނަފުސާ ކޮށްލަމާތޯ؟ މާ ކަނޑެއްގެ މެދުގައި މި ރާއްޖެ ދިފާޢުކޮށްގެން ދިވެހީންނަށް މިހާ ދުވަހު ތިބެވުނީ، ކޮންކޮން ސަބަބުތަކެއް އެކަމުގައި ހުރެގެންބާ؟ ހަމަ އެއްވެސް ބާރަކުން މި ފަސްގަނޑަށް ނުފޫޒު ފޯރުވާއިރަށް، އެ ބައެއްގެ ވަރަ ބިންދާލުމުގެ ތޫނުކަމާއި، އެ ހިތްވަރު މި ތިރި ރަށްތަކުގައި ދިރިއުޅުނު ކާބަފައިން ލިބިގަތީ ކިހިނެއްބާ؟ ދުރު އެކި ޒަމާންތަކަށް ބަލާއިރު، ތާރީޚު އަބަދުވެސް ދައްކައިދީފައި އޮތީ ދިވެހިރާއްޖެއަށް ފާރަލާ ބޭރުގެ ލޯތަކެއްވާކަން. ދިވެހީންނަށް ގޯނާކުރާ ބޭރުގެ އަތްތައް. އެކަން، ބޮޑު ރަސްގެފާނު، މާލެ ވަށައި ރޭނުއްވި ދިފާޢީ ބޮޑުފާރުން ސާބިތުވޭ. އެކަން، މާލޭގެ އެކި ހިސާބުތަކުގައި ބިނާކުރެއްވި ބަޑިބުރުޒުތަކުން ކަށަވަރުވޭ. މިއަދު ވެސް ރާއްޖޭގެ ދާރުލްއާސާރު ކުރިމަތީގައި އެހެރަ ބޮޑުބަޑިތަކުގެ ތެރޭގައި، ބޮޑުރަސްގެފާނު އެތެރެކުރެއްވި ބައެއް ބޮޑެތި ބަޑިތަކާއި، އިސްކަންދަރު ރަސްގެފާނުގެ ސިއްކަފުޅު ޖަހާފައި ހުރި ބޮޑުބަޑި ވެސްއެ އޮތީ. އަދި ކީއްތޯ؟ ރާއްޖެ ހިފި ޕޯޗުގީޒުންގެ ބަޑިތައް ވެސް އެހެރީ ފެންނަން.

އާދެ! އަޅުގަނޑު މި އިޝާރާތް ކުރަނީ، ޒަމާންވީ މި ތަރިކަތައް އަޅުގަނޑުމެންނާ އެ ދައްކާ ވާހަކަތަކަށް. މި ތަރިކަތައް ހެކިދެނީ، އަޅުގަނޑުމެންގެ ކާބަފައިންނަކީ، މި ޤައުމުގެ ދިފާޢުގައި ހުރިހައި މާނައެއްގައި، ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަން. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ރާއްޖެޔެއްކަން. ޕޯޗުގީޒުން މާލެ ހިފީ 16ވަނަ ޤަރުނުގެ މެދުތެރޭގައި. އެއީ، މީލާދުން 1558ވަނަ އަހަރު. އޭގެ 140 އަހަރު ފަހުން، 1713ވަނަ އަހަރު ތޯމަސް ރޭނަލް ކިޔާ ފަރަންސޭސި ތާރީޚު ޢިލްމުވެރިޔަކު، އެ ހާދިސާއާ ބެހޭގޮތުން އިނގިރޭސި ބަހުން ލިޔުއްވާފައިވޭ.

When the Portuguese came to India, they tried to introduce slavery on the Maldive islands. This tyranny lasted just for a short time. The garrison that was employed in this enslavement was exterminated by the Maldivian people, and they again became independent.

ޕޯޗުގީޒުން އިންޑިޔާއަށް އައުމާއެކު، އެ މީހުން ދިވެހިރާއްޖެ އަޅުވެތިކުރުމުގެ މަސައްކަތް ފަށައިގަތެވެ. އެ އަނިޔާވެރިކަން ދެމިއޮތީ، ދާދި ކުޑަ ދުވަސްކޮޅަކަށެވެ. ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން ދިވެހީންނަށް ދިވެހީން މިނިވަންކަން ހޯދައިދިނެވެ.

އެހެންވީމާ، ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން. ދިވެހީންގެ ޠަބީޢަތަކީ މިނިވަންކަމާއެކު ދެމިތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ، މި އަސާސްގެ މައްޗަށް. މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ޤާއިމުވެ ނެތީ އެހެންވެގެން. މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޯލޮޖީއާއެކު އުޅަނދުތައް އުދުހެމުން އެދަނީ އެހެންވެގެން. އަދި މިއަދު ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފުކުރެވި، އެ ދާއިރާގެ ތަޢުލީމާއި ހޭލުންތެރިކަން އާންމުކުރަމުން މިދަނީ މި މުހިންމު ބޭނުމުގައި. ދިވެހި ޤައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއަރުވާން. މި ލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްނގަޑާ ދިވެހީން ހަވާލުވާން.

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން!

އިންސާނުން އެ މީހުން ދިރިއުޅޭ ފަސްގަނޑަށް ވަފާތެރިވެ، އެ ފަސްގަނޑު ދިފާޢުކޮށް، އެ ފަސްގަނޑަށް ފުރާނަ ދެނީ ކީއްވެތޯ؟ މިއީ ޢިލްމީ ގޮތުން ޖަވާބު ހޯދާފައިވާ ސުވާލެއް. އެ ޖަވާބަކީ ކޮބައިތޯ؟ އިންސާނާ އޭނާގެ ފަސްގަނޑަށްޓަކައި ފުރާނަދެނީ، އެ ފަސްގަނޑުން އޭނާގެ ފުރާނަ ސަލާމަތްކޮށްދެންޏާ. އާދެ! އޭނާ ދިރިއުޅޭ ފަސްގަނޑުން އޭނާގެ ބަނޑުފުރާނަ މުއްތިކުރެވެންޏާ. މި ސަބަބަށްޓަކައި އެ ފަސްގަނޑުގެ ދިފާޢުގައި އޭނާ ހޭލާ ހުރޭ. ދިވެހީންގެ މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ޠަބީޢީ ސިއްރަކީ، ދިވެހީން ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުޤު ކަމުގައިވުން. އެ ކަނޑުތަކުގެ މައްޗަށް ދިވެހީންގެ ބާރު ގެއްލިއްޖެނަމަ، އެއީ، ހައިހޫނުކަމެއްގެ ފެށުންކަން ދިވެހީން ދަތުން. އެހެންވީމާ، މީގެ މާނައަކީ ކޮބައިތޯ؟ ޤައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކައި މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަން. ދިވެހީންގެ ފަސް ހިއްސު، ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅުވާލަން ޖެހޭކަން.

މި ގޮތުން ބަލާއިރު، މަސައްކަތްތެރިކަން ބިނާވެފައި އޮންނަނީ ވަޒަންވެރިކަމުގެ މައްޗަށް. ދިރިއުޅުމެއް ލިބުމުގެ މައްޗަށް. އަންނަން އޮތް ދިވެހި ޖީލުތަކަކީ، މި ބިމަށް ވަޒަންވެރި ޖީލުތަކަކަށް ހެދުން ކިތަންމެހާ ވެސް މުހިންމު. މި ނުކުތާގައި ވަޒަންވެރިކަމޭ އަޅުގަނޑު މި ދަންނަވަނީ، ފަހަރެއްގައި ވެސް ހަމައެކަނި ބޯހިޔާވަހިކަމަކަށް ނޫން. ވަޒަންވެރިކަމޭ މި ދަންނަވަނީ، ދިރިއުޅުމުގެ މަސައްކަތްތެރިކަމާއެކު ވަޒަނެއްގައި ދިރިއުޅުމަށް. ސަބަބަކީ ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ، އެ ތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް، އެ ބައެއްގެ އަތުގައި އޮތް ބަޔަކަށް. ރިސޯސްތައް އަތްމައްޗަށް އަރާނީ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރެއިން.

ލޮބުވެތި އެންމެހާ ދިވެހިރައްޔިތުން!

މި ރާއްޖެއަކީ މި ތާނގައި ބަޔަކު ވަޒަންވެރިވި ވަކި ދުވަސްވަރެއް ނޭނގޭ، އެހާމެ އެވޭލާ ޤަދީމީ ރާއްޖެއެއް. މި ޒަމާންވީ ދުވަސްތަކުން އަޅުގަނޑުމެން ވަނީ ފުން އާއިލީ ގުޅުންތަކަކުން ގެތި ލާމެހިފައި. ތަނުގެ އަސްލު ވެހީންގެ ގޮތުގައި އަޅުގަނޑުމެން މިތާނގައި ހޭދަކުރި ހަތަރު ހާހެއްހައި އަހަރުގެ ތެރޭގައި އަމިއްލަ ބަހަކާއި، އަމިއްލަ އަކުރެއް އުފެދި، އެ ބަހަށް ވަނީ އެތައް މުއްސަނދި ކަމެއް ލިބިފައި. އަޅުގަނޑުމެންގެ ދިގު ތާރީޚެއް އެބައޮތް. ފުދުންތެރި ސަގާފަތެއް އެބައޮތް. އެތައް ތަރިކައެއް އެބައޮތް. ހައްތަހާވެސް މިއީ މާދަމާގެ މަންޒިލްތަކަށް އަމާންކަމާއެކު ދަތުރުކުރުމަށްޓަކައި ކުނބަށް ނަގަންހުރި ރިޔާތަކެއް.

ދިވެހި ޤައުމީ ބަރުލަމާނީ ޙަޔާތުގެ މަޝްހޫރު ތަޖުރިބާކާރު، އަލްއުސްތާޛު އަލްމަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވޭ. ސަލާމަތް ބުއްދިޔަކާއި، ހެޔޮ ވިސްނުމެއް ލިބިފައިވާ ކޮންމެ މީހަކުމެ ގަބޫލުކުރާނެޔޭ. އަމިއްލަކަން ލިބިގެންވާ، ވަކި ޤައުމެއްގެ ސިފައިން ސިފަ ލިބިގެން ތިބި، ކޮންމެ ބަޔަކުމެ އެންމެ ޙުރުމަތްތެރިކޮށް ހިތާ ތަކެއްޗަކީ އެ ބައެއްގެ ދީނޭ. އެ ބައެއްގެ ބަހޭ. އެ ބައެއްގެ ތާރީޚޭ. އަދި އެ ބައެއްގެ ސަޤާފަތޭ. ތިމާމެންގައި އަށަގެންފައިވާ އަދި ތިމާމެންގައި އަށަގަންނަވަން އެދޭ މާތް ސިފަތައް، ބަޔަކު ބައްޓަން ކުރަމުންދާނީ، އެ ބައެއްގެ ޤައުމުގައި ހުރި، ކުރީގައި މި ދެންނެވި ކަންތައްތަކުގެ މައްޗަށޭ. މި ނުކުތާ އިތުރަށް ތަފުޞީލު ކޮށްދެއްވަމުން، ޝިހާބު އަދިވެސް ވިދާޅުވެފައިވޭ. ޝައްކެއް ވަސްވާހެއް ނެތޭ. އަޅުގަނޑުމެންގެ ލޮބުވެތި ވަޠަންކަމުގައި ހިމެނޭ ދިވެހިރާއްޖެއަކީ، ދީނީ ގޮތުން ވެސް، ތާރީޚީ ގޮތުން ވެސް، ބަހުގެ ގޮތުން ވެސް އަދި ސަގާފަތުގެ ގޮތުން ވެސް ފަޚްރުވެރިވުން އެކަށީގެންވާ މާޒީއެއް އޮތް ޤައުމެކޭ. ދިވެހި ޤައުމަކީ، އެ މާޒީގެ މައްޗަށް މުސްތަޤުބަލު ބިނާކުރުމުގައި، ޖެހިލުމެއް، ސިހުމެއް، ބިރެއް އޮންނަންވީ ޤައުމެއް ނޫނޭ.

ކަން މިހެން އޮތުމާއެކު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މި ސަރުކާރުން ފެށީ މިފަދަ އެތައް ޙަޤީޤަތްތަކެއް އެކަމުގައި އެކުލެވިގެންވާތީ. މާޒީއަކީ މުސްތަޤުބަލު މޫނު ބަލާ ލޯގަނޑު ކަމުގައިވާތީ. ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ދިވެހި ޤައުމާ މެދު ޢިލްމީ ނަޒަރިއްޔާތަކުން ބެލޭނެ. އަހަރުން އަހަރަށް ރާއްޖޭގައި ހިނގާ ކަންކަން ވަޒަންކުރެވި އެންތޮލޮޖައިޒް ކުރެވޭނެ. މި މަސައްކަތް ކުރެވިގެންދާއިރު، ވިސްނާލަންޖެހޭ ޙަޤީޤަތަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި، މިފަދަ ހޭލުންތެރިކަމެއް، ޢިލްމީ ގޮތެއްގައި ރާއްޖޭގައި އާންމުވެފައި ނެތްކަން.

އެހެންވީމާ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ނިޒާމުން އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލުކުރެވޭނެ. އެކަމަށްޓަކައި މި ފާއިތުވި ނުވަމަސް ދުވަހުގެ ތެރޭގައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރީން ވަނީ ދުނިޔޭގެ 180އަށްވުރެ ގިނަ ޤައުމުގައި، އެ ޤައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާތައް ހަދާފައި. ހަމަ އެހެންމެ، ޢިލްމީ، ފަންނީ އެކި ދާއިރާތަކުން 800އަށްވުރެ ގިނަ ބޭފުޅުންނަށް މިހާރު ވަނީ ދިވެހި ޤައުމިއްޔަތުގެ އަސާސީ އަސްލުތައް ޢިލްމީ ގޮތެއްގައި ފޯރުކޮށްދެވިފައި. މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިވަނީ އުފެދިފައި. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ އިރާދަކުރެއްވިއްޔާ، ޤާނޫނުން ބާރު ލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ، މެންބަރޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ ކޮލެޖެއް. މައިގަނޑު ބޭނުމަކީ، ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާއި އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން. ދިވެހި ޤައުމިއްޔަތަކީ، ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން.

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން!

ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހި ނެޝަނަލް އައިޑެންޓިޓީއަކީ ކޮބައިތޯ؟ ޙަޤީޤަތުގައި މިއީ ތިޔަބޭފުޅުންގެ މުހިންމު ސުވާލަކަށް ވެދާނެ. ސަބަބަކީ ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމަކަށް ޚާއްޞަ ވަކި ޤައުމިއްޔަތެއް އޮންނާތީ. އަދި ބައެއް ބާވަތްތަކުގެ ޤައުމިއްޔަތު، ދިވެހީންގެ ޙަޤީޤަތްތަކާ ފުށުއަރާތީ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އޮންނަ ޤައުމިއްޔަތު އިސްލާމްދީނާ ވެސް ޚިލާފުވާތީ.

ޤައުމިއްޔަތުގެ ތަޢާރަފަކަށް ބަލައިލާއިރު، މަފުހޫމެއްގެ ދަރަޖައިގައި ދިވެހި ޤައުމިއްޔަތަށް ތަޢާރަފެއް ދޭ ނަމަ، ''ދިވެހި ޤައުމިއްޔަތަކީ، ދިވެހީންގެ ވިސްނުމުގައި އޮންނަ އެއްބައެއްވަންތަކަމާއި، ދިވެހީންގެ ދެމި ތިބުމުގެ ފިކުރު''. މިއީ ދުނިޔޭގެ ހުރިހައި ޤައުމިއްޔަތެއްގައި ވެސް ހިމެނޭ ލާޒިމު ދެ އަސާސް. ސަބަބަކީ ދައްޗާއި ފަސޭހައިގައި، ބިރުވެރިކަމާއި އަމާންކަމުގައި، ހައިހޫނުކަމާއި ތިޔާގި ކަމުގައި ވެސް އެއްބައެއްގެ ގޮތުގައި ދެމި ތިބުމަކީ ޤައުމެއްގެ ޠަބީޢަތް. މިގޮތުން، ދިވެހީން އެއްބައެއްވަންތަކުރުވާ ބަހާތަކެއް އެބަހުރި. އެއީ، ދިވެހީންގެ ކާބަފައިކަމާއި، ދިވެހިބަހާއި، އިސްލާމްދީނާއި، އާދަކާދައާއި، ދިވެހި ތަރިކައާއި، ދިވެހިތާރީޚު އަދި ދިވެހި ސަގާފަތް. ދިވެހީން އެއްބައެއްވަންތަކޮށް ގުޅުވައިދެމުން ދަނީ، މިކަންކަމުން އުފެދޭ އެކުވި ވިސްނުމުން. ނުވަތަ ކަލެކްޓިވް ތިންކިންނުން. މިގޮތުން އުފެދޭ ގުޅުންތަކުގެ ހަރުދަނާ ކަމަކީ ޤައުމީ ބަދަހިކަން.

ދެން އޮތީ މި ބަދަހި ކަމާއެކު ދެމިތިބޭނީ ކިހިނެއްތޯ؟ ޤައުމެއް ދެމި ތިބުމަށްޓަކައި، ނުވަތަ މާދަމާގެ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި އެންމެ އިސްކަމެއް ދެނީ، އެ ބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގެ ގޮތުގައި ބޭއްވުމަށް. އެއްވެސް ވެރިޔަކު އެންގެވި އެންގެވުމަކާ ނުލައި، އުތީމު މުޙައްމަދު ތަކުރުފާނާއި، މަރޮށީ ރައިވެރިބެއާއި، ދުވާފަރު ދަންޑެހެލު ފަދަ އެތައް ދިވެހީންނެއް ޕޯޗުގީޒުންނާ ދެކޮޅަށް ތެދުވިތެދުވުމަކީ، މި ބަހުގެ ހެއްކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ޤައުމެއް ސަލާމަތްވެ އޮންނަނީ، އެ ބައެއްގެ ބިން ސަލާމަތުން ބޭއްވުނީމަ. ބިން ސަލާމަތުން އޮންނަނީ ދައުލަތް ސަލާމަތުން ބާއްވައިގެން. ވީމާ، ޤައުމިއްޔަތުގައި އެންމެ އިސްކަމެއް ދެނީ، މި ތިން ރުކުން ޙިމާޔަތްކުރުމަށް. ދިވެހި ޤައުމިއްޔަތުގައި ނަމަ، އެއީ، ދިވެހީންނާއި، ދިވެހީންގެ ރާއްޖެއާއި، ދިވެހީންގެ ދައުލަތް. ހަމަ އެއްވެސް ދިވެއްސެއްގެ އަމިއްލަވަންތަކަން ދިފާޢުކުރެވޭނީ މި ޙަޤީޤަތްތަކުގެ މަތީގައި.

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން!

އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ، އަމިއްލަވަންތަކަން ދިފާޢުނުކުރެވޭ ނަމަ، މިނިވަންކަންވެސް ދިފާޢެއް ނުކުރެވޭނެ. އެހެންކަމުން، ޤައުމެއް ދިފާޢުކުރުމުގައި، އެ ޤައުމެއްގެ އަމިއްލަވަންތަކަން ދިފާޢުކުރަންޖެހޭ. މިކަމަށްޓަކައި މި ޒަމާނުގައި ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތަކީ، އެ ޤައުމެއްގެ އަހުލުވެރީންގެ ސިކުނޑިތަކުގައި އަމިއްލަވަންތަކަން ޢިލްމީ ގޮތުން ސާފުކޮށްދެނީ. އެ ޤައުމަކާ އެއްކޮޅަށް ހުންނަ ކަންކަމާއި، އެ ޤައުމަކާ ދެކޮޅަށް ހުންނަ ކަންކަން، ކޮންމެ ރައްޔިތަކަށް ޢިލްމާއި ބުއްދީގެ ހަމަތަކުން އޮޅުންފިލުވައިދެނީ. މިއީ ރާއްޖެއަށް ވެސް މި ވަގުތު ވަރަށް މުހިންމު ކަމެއް. ގެދޮރު ބިނާކުރާ ފަދައިން، ދިވެހި ޤައުމާ އެއްކޮޅަށް ދިވެހި ދަރީންގެ ސިކުނޑި ބިނާކުރުމުގެ ޤައުމީ ވިސްނުމަކަށް އަބަދުވެސް އަޅުގަނޑު އިޝާރާތް ކުރަނީ އެހެންވެގެން. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެކަމާ ގުޅޭ ދިރާސާތައް ހަދައި، ކަމާބެހޭ ޢިލްމީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރަމުން ގެންދާނެ. މުސްތަޤުބަލުގައި އުފެދޭ ދިވެހި ތަރިކައިގެ ކޮލެޖު ނުވަތަ މި ވަގުތު ނަމަ، މި އޮތް ދިވެހި ޤައުމިއްޔަތުގެ އިސްވަރު މުޅި ރާއްޖެއަށް އިރާދަކުރެއްވިއްޔާ އިންޤިލާބީ ބަދަލެއް މިކަމުގައި ގެންނާނެ.

މިގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ގުޅުންހުރި އެކި ޢިލްމުތަކުން އެކި ފަރާތްތަކަށް ލަފާ ދެއްވާނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ފުރިހަމަ އެންތޮލޮޖީއެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ. މީގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ކޮންމެ ދާއިރާއަކުން އެ ދާއިރާގެ ކުރިއެރުމާއި، ގޮންޖެހުންތަކުގެ ޢިލްމީ ކަރުދާހެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާތަކާ އަލަށް ގުޅޭ ޒުވާނުންނާއި ކިޔަވާ ކުދީންގެ ވިޔުގަތައް އުފައްދައި ފުޅާކޮށް ދަމަހައްޓާނެ. މިއަދުގެ ދުނިޔޭގައި ބަހާއި ތަރިކައިގެ ދާއިރާއަކީ ވަރަށް ޢިލްމީ، ވަރަށް ސައިންޓިފިކް ދާއިރާއެއް. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޤައުމީ ތަރިކައިގެ ޝިޢާރުތައް ބުނާގޮތުން، އެ ޤައުމުތަކުގެ އިޤުތިޞާދާއި ތަރައްޤީއާ ގުޅިފައި ވަނީ، އެ ޤައުމެއްގެ ތަރިކައާއި ސަގާފަތާއި ތާރީޚު.

ލޮބުވެތި އެންމެހައި ރައްޔިތުން؛

ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް. މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާ. ސަބަބަކީ ސަގާފަތެއް އުފަންކުރުވަނީ ބަހުން ކަމަށްވާތީ. ދެ މީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައިން ކަމެއް ކުރަން އެއްބަސްވެ، އެކަމެއް ކުރުމުން އެވަނީ ސަގާފަތަކަށް. ނުވަތަ ސަގާފަތެއްގެ ފެށުމަކަށް. ޤައުމެއްގެ ނިސްބަތުގައި ސަގާފަތަކީ އެ ބައެއްގެ ޖަމާޢީ ގަބޫލުކުރުމާއެކު ހިނގާ ކަންކަން. މިގޮތަށް ބަހަކުން ވާހަކަދައްކައި، އެ ދެއްކޭ ވާހަކައިގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންވަމުން ގޮސް، ވަކި ކަމެއް ކުރާން އެއްބަސްވެ، ޢަމަލީ ގޮތުން އެކަން ކުރާ ގޮތަކީ، އެ ބައެއްގެ ސަގާފަތް. މި ތާނގައި ވިސްނުމޭ އަޅުގަނޑު މި ދަންނަވަނީ، އެ ބަޔަކު ދުނިޔެއާ މެދުގައި ދެކޭގޮތް. ނުވަތަ އެއަށް ކިޔަނީ ދީން. ޤައުމަކުން ކުރާ ކަންކަމަށް ނުވަތަ ސަގާފަތަށް އަބަދުވެސް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވަނީ، އެ ބައެއްގެ ދީން. އެ ބައެއްގެ އިޢުތިޤާދު. ދީން އަބަދުވެސް މަސައްކަތް ކުރާނީ، އެ ބައެއްގެ ސަގާފަތް އިޞްލާޙު ކުރަން. މިކަން ހިނގާނީ ބަހުގެ ދައުރާއެކު. ހަމަ އެހެންމެ، ހުއްޓުމެއް ނެތް ޤައުމީ ޙަޔާތުގެ މި ބުރު އެނބުރެމުން ދާއިރު ހިނގާ ކަންކަމަކީ، އެ ބައެއްގެ ތާރީޚު. ފަރުދެއްގެ ނިސްބަތުގައި ވެސް، ޤައުމެއްގެ ނިސްބަތުގައި ވެސް ތާރީޚަކީ ޙަޔާތުގެ ތަޖުރިބާއެއް. ހަމަ އެހެންމެ، ތާރީޚަކީ ސަގާފަތާއި އާދަކާދައިގެ ތެރެއިން އުފަންކުރުވާ އެއްޗެއް. ނަމަވެސް، ސަގާފަތާއި އާދަކާދައިގެ ތެރެއިން ފަހަތަށް ދޫކޮށްލާ ބަޔަކީ ނުވަތަ ފަހަތުން ވާރުތަވާ ތަކެއްޗަކީ އެއީ ތަރިކަ. ތަރިކައިގެ ވަރަށް މުހިންމު އެއް ބޭނުމަކީ ހެކިވެރިވުން. އުތީމު ގަނޑުވަރު ހެކިދެނީ، އުތީމު މަހާރަދުންގެ މަތިވެރި ޖިހާދަށް. އެ ދުވަސްވަރު ގެދޮރު ހުންނަ ގޮތަށް. އެ ދުވަސްވަރު މީހުން ގެދޮރު ފަރުމާކުރާ ގޮތާއި ބިނާކުރާ ގޮތުގެ ހުރި މޮޅުކަމަށް. އެހެންވީމާ، މިއިން އެނގެނީ، ދިވެހި ޤައުމިއްޔަތުގެ ކޮންމެ ބަހާއެއްގެ ވެސް ޚާއްޞަ ދައުރެއް ވާކަން. އަދި އޭގެ ތެރެއިން ވެސް ބަހަކީ، އެ ބައެއްގެ އަމިއްލަވަންތަ ކަމުގެ ހަމައެކަނި ރަމްޒުކަން.

އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަލަށް ދަސްކުރާ ބޭރު ބަހާއި، އަމިއްލަ މާދަރީ ބަހުގައި މުޅިން ތަފާތު ދެ ދައުރެއް އޮންނަކަން. މާދަރީ ބަހަކީ ތިމާއަށް ތިމާކަން ކަނޑައަޅާ ބަސް. ދިވެއްސަކު އެއީ، ދިވެއްސެއްކަން ކަނޑައަޅަނީ، އޭނާގެ މާދަރީ ބަސް. އަމިއްލަ ބަހެއް ލިބިގެންވުމަކީ، އަމިއްލަ ވަކި ޤައުމެއްކަމުގެ އެއް ދަލީލު. އަމިއްލަ ބަހެއް ލިބިގެންވާނަމަ، އެ ބަހަކުން މުޢާމަލާތްކޮށްގެން އުފެދޭނީ، އަމިއްލަ ވަކި ސަގާފަތެއް. މިވެނި ބަޔަކީ، އަމިއްލަ ވަކި ގޮތްތަކެއް ހުންނަ ބައެކޭ ބުނެވެނީ، އަމިއްލަ ބަހަކުން އުފެދޭ ޚާއްޞަ ސަގާފަތެއްގެ ތެރެއިން.

އެހެންވީމާ، މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް. ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއް. 1965ވަނަ އަހަރު، އ.ދ. އިން ދިވެހިރާއްޖެ، މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރިއިރު، ވެވިފައި ހުރި ބަހުސުތަކުގެ ކަރުދާސްތައް އަދި ވެސް އެހެރީ ފެންނަން. އެ ދުވަހު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން. އެ ބަހުގެ މައްޗަށް އެހެން ޤައުމުތަކުން ބުނީ، އެ މީހުން ވާހަކަދައްކަނީ ވަކި އަމިއްލަ ބަހަކުން ކަމަށްވާތީ އެއީ، ވަކިބައެކޭ. ހަމަ އެހެންމެ، އެ ބަހުން އުފެދިފައިވާ ސަގާފަތަކާއި ވަޒަންވެރިކަމެއް އެ މީހުންގެ އެބައޮތޭ. އެއީ، އަންޒަމާނުއްސުރެ އެ މީހުންގެ މިލްކުގެ ދަށުގައި އެ މީހުންގެ ބިން ބޭއްވުމާއި، އެކަމަށްޓަކައި އެ މީހުން ކުރާހާ މަސައްކަތޭ. ވީމާ، ތިމާގެ އަމިއްލަ ޤައުމުގެ އަމިއްލަވަންތަކަން ސަލާމަތްކުރުމަށްޓަކައި އެކަމުގެ މައްޗަށް ލިބޭ މިނިވަންކަން ކަށަވަރުކުރުމަށް، އަމިއްލަ މާދަރީ ބަސް ކޮންމެހެން ވެސް މުހިންމުވޭ.

އަޅުގަނޑުގެ އުންމީދަކީ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ތެރެއިން މިފަދަ ހޭލުންތެރިކަން އާންމުވެގެން ދިޔުން. އެހެންކަމުން، މި އަހަރުގެ ޤައުމީ ދުވަހަކީ، ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއް ކަމުގައި ހަދަމާތޯ! ހަމަ އެހެންމެ، ބަހުން މުޢާމަލާތްކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވަމާތޯ؟

ލޮބުވެތި ދިވެހި ރައްޔިތުން؛

ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދީ އެހެންވެގެން. ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމުގެ ފުރުޞަތު، ފަގީރުންގެ މެދުގައި ހުޅުވާލީ އެހެންވެގެން. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމަށްޓަކައި ޙާފިޡުންގެ ޕްރޮގްރާމް އިތުރަށް ފުޅާކުރަމުން މިދަނީ ވެސް މި ސަބަބަށްޓަކައި. ޒުވާން ޚަޠީބުން އުފައްދަމުން، އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި ތަމްރީނުތައް ދީ، ތާޒާކުރަމުން، އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް އަތޮޅުތަކަށް ފުޅާކުރަމުން މިދަނީ ވެސް މި މަތިވެރި މަޤްޞަދުގައި. މީގެ އިތުރަށް، އިސްލާމީ ފުން ޢިލްމުތަކުގެ ފެންއާރުން ދިވެހި ބިމަށް ދިރުން ދިނުމަށްޓަކައި އިސްލާމީ އުންމަތުގެ ބޮޑެތި އެކިއެކި ޢިލްމުވެރީންގެ ފޮތްތައް އެ ދަނީ ދިވެހިބަހަށް ތަރުޖަމާ ކުރެވެމުން. ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ ޢިލްމީ ކިއްލާއެއްގެ ގޮތުގައި މި ރާއްޖެ ދާއިމަށް ބޭއްވުން.

އާދެ! ޝައްކެއްނެތް! ދިވެހީން ވެސް އަދި ދުނިޔޭގެ އެހެން އިންސާނުން ވެސް މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިގަންނާނީ އަދި އެ ހިޔާވަހިކަމުގައި ދެމި ތިބޭނީ ވަރަށް މަތިވެރި ސަބަބުތަކެއް އެކަމުގައި އޮތީމަ. އެ ހުރިހާ ވާހަކައެއް އެންމެ ޢިބާރާތަކުން ކުރުކޮށްލާނަމަ ދެންނެވޭނީ، އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށް އިސްލާމްދީން ވާތީއޭ. މި ގޮތުން، ދުނިޔޭގެ ބާއްޖަވެރިކަމުގައި އިސްލާމްދީން އަދާކުރާ ވަރަށް މުހިންމު އެއް ދައުރަކީ މަތިވެރި އަޚްލާޤުގެ ދައުރު. އިންސާނުންގެ އުޅުން އިޞްލާޙުކޮށް، ރީތިކުރުމުގެ ދައުރު. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާ މެދު މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނަ އަޅުގަނޑުމެން އެންމެން ދަންނަމު. ހުކުރު ދުވަހުގެ ޚުޠުބާއިން ތަކުރާރުކޮށް އަޅުގަނޑުމެން އެންމެން އަޑުއަހަމު. އަންގަވާފައިވަނީ "وَإِنَّكَ لَعَلَىٰ خُلُقٍ عَظِيم'' "އަދި ހަމަ ކަށަވަރުން ކަލޭގެފާނު ވާކަން ކަށަވަރީ މަތިވެރިވެގެންވާ އަޚްލާޤެއްގެ މަތީގައޭ.'' ޙަޤީޤަތުގައި ޢަޤީދާއާއި ޢިބާދާތުގެ މުޖުތަމަޢެއް އިޞްލާޙު ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާނީ، އެ ބައެއްގެ އަޚްލާޤު. ޤައުމެއްގައި ނަމަ، އެ ޤައުމެއްގެ ކޮންމެ ފަރުދެއްގެ އަޚުލާޤު. ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާއިރު، މިއީ މިއަދު އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ، އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާށޭ! ބުނާނެ ހެޔޮ ބަހެއް ދުލަށް ނާތުވެއްޖިއްޔާ ހަނުހުންނާށޭ! އަދުގެ މުޖުތަމަޢު އޮތީ ކިހިނެއްތޯ؟ އިސްލާމްދީން ބުނަނީ، ހެޔޮ ކަންކަމަށް އަމުރުކުރާށޭ! ނުބައި ކަންކަން ނަހީކުރާށޭ! އަދުގެ ޙާލަތު އޮތީ ކިހިނެއްތޯ؟ އިސްލާމްދީން ބުނަނީ، ދުވަސްވީ މީހުންނަށް ޤަދަރުކުރާށޭ! ކުޑަކުދީންނަށް ކަމޭހިތާށޭ! އިވޭ އަޑުތަކުން މި ކަންކަން މިހާރު ސިފަކުރެއްވެނީ ކިހިނެއްތޯ؟ އިސްލާމްދީން ބުނަނީ، އަމިއްލަ ނަފުސުގެ އަގު އުފުލާށޭ! އަންހެނަކަސް ފިރިހެނަކަސް، ޢިއްފަތްތެރިކަމާއި އަދަބުވެރިކަމާއެކު ލަދުވެތިކަމުގެ ފޭރާމުން ޒީނަތްތެރިވާށޭ! ބަދުއަޚުލާޤީ ލަދުހުތުރު އަމަލުތަކާ ދުރުހެލިވާށޭ! މި އިރުޝާދުތަކާ މެދު މިހާރުގެ ހާލަތާ އަޅައިކިޔާލަމާތޯ؟

ދިވެހީންގެ ޙަޤީޤީ އައިޑެންޓިޓީއަށް ބަލައިލަމާތޯ؟ މީގެ ސާޅީހަކަށް އަހަރުގެ ކުރިޔަށް ހަނދާންތައް ގެންދާއިރު، ރަށުގެ ދުވަސްވީ މީހަކު މަގުމަތިން ފެނުނީމާ، އަޅުގަނޑުމެން އޭނާއަށް ކަމޭހިތައި، ހިނގާ މަގުގެ އެއްފަރާތުގައި ހުއްޓި ތިބީމު. ތިމާއަށް ވުރެ ދޮށި ނުވަތަ ކަމުވޮށިވެގެންވާ މީހަކު ވާހަކަ ދައްކާނަމަ، ފަރުވާތެރިކަމާއެކު އަޑުއަހަން ތިބީމު. ރަށާއި ޖަމާޢަތާއި ޤައުމުގެ ކުރިއެރުމަށް މަސައްކަތެއް ކުރާންވީމާ، އެންމެން އެކީގައި މާލީ ގޮތުންނާއި، ޢަމަލީ ގޮތުން ބައިވެރިވެ ޤުރުބާންވީމު. ރުކުން ވެއްޓި އަނިޔާވި މީހާއަށް އެންމެން ވެގެން ބޭސްފަރުވާގެ ކަންކަން ފަހިކޮށްދީ، އިޙްސާންތެރިކަމާއި އަގަލާއި ކުލުނުވެރިކަން ފާޅުކުރީމު. ފަހަރެއްގައި މީހަކަށް ގޯސްކަމެއް ކުރެވުނަސް، އުފެދޭ ދެބަސްވުމެއް ހޫނުވާން އުޅުނަސް، އެ ކަމެއް ފިނިކުރަން، އެ ދެމެދު ޞުލްޙަކުރަން ހިންމަތްކުރީމު. މިއީ ރަށުފެންވަރުގައި، ހޮޅުއަށިތަކުގެ ފެންވަރުގައި، އަޅުގަނޑުމެންގެ ދީނީ އަދި ޤައުމީ ވާޖިބު އަޚުލާޤީ ގޮތުން އަޅުގަނޑުމެން އަދާކުރަމުން އައި ގޮތް.

ކަމެއް ވީމާ ނޫންތޯ، ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އެއޮތީ؟ ކަމެއް ވީމާ ނޫންތޯ، ދިވެހީންގެ ގަހަކުން ވެށްޓޭ މޭވާއެއް ވެސް، އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް، ބޭރުގެ ބައެއް ނިޔަމިން، އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީންނަށް އަންގާފައި އެއޮތީ. އަޅުގަނޑުމެން އިޢާދަކުރަން ބޭނުންވަނީ، އެ ދިވެހީންގެ އެ ހުރި މާތް ސިފަތައް. އެ އަޚްލާޤު. އަޅުގަނޑު ދެކޭގޮތުގައި އެއީ، މިއަދު އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއް. އަދި ދީނީ ވާޖިބެއްވެސްމެ. އެއީ ކީއްވެތޯ؟ މުސްލިމުން މާތް އުންމަތަކަށް ވީ ސަބަބު، ކީރިތި ޤުރްއާން ވަރަށް ސާފުކޮށް ބަޔާންކޮށްދޭ! އާލު ޢިމްރާން ސޫރަތުގެ 110ވަނަ އާޔަތް އެއީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ވެސް ކީރިތި ޤުރްއާނުން ކިޔަވާފައިވާނެ އާޔަތެއް. އެ އާޔަތުގެ މާނައިގައި ވަނީ. "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ.

އާދެ! އެހެންކަމުން، މުސްލިމުން މާތް ބަޔަކަށް ވާނީ، އެ މީހުންގެ ޙަޔާތުން އެ މީހުންގެ މާތްކަން ދައްކަންޏާ. ހެޔޮ ކަންކަމަށް އަމުރުކުރަންޏާ. ނުބައިކަންކަން ނަހީކުރަންޏާ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަންކުރަމުން ގެންދަންޏާ. މި ނުކުތާ އަދިވެސް ތަފުޞީލު ކުރަން އަޅުގަނޑު ބޭނުން. އެއީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ވެސް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅާތީ. މި ފަހަރު ވެސް ހަނދާނަށް މި ގެންނަނީ، ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ ނަބަވީ އިރުޝާދެއް. އެ ބަސްފުޅުގެ މާނައިގައިވަނީ، "ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، ފަހެ އެ މީހެއްގެ އަތުން އެކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ، ދުލުން އެކަން މަނާކުރާށެވެ! ދުލުން އެކަން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ، ހިތުން އެކަމަށް އިންކާރުކުރާށެވެ! މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ."

އާދެ! މިގޮތަށް އަޅުގަނޑުމެން ޢަމަލުކުރިއިރު، ދިވެހިރާއްޖެ އޮތީ ވަރަށް ވެސް އުފާވެރިކޮށް. ޞުލްޙަވެރިކޮށް. ރަށްފުށް އޮތީ ހިމޭންކޮށް. ހިތްތައް ގުޅިފައި ވަނީ ލޮބުވެތިކޮށް. ކުލުނުވެރިކޮށް. ދިވެހި އައިޑެންޓިޓީގެ މި އުޖާލާ ދޯދިތައް، ދިވެހީންގެ ރާއްޖެއަށް އަޅުގަނޑު އިޢާދަކުރަން ބޭނުންވޭ. މިކަމުގައި ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން. އިރާދަކުރެއްވިއްޔާ، ތިޔަ އެންމެ ބޭފުޅުންގެ މަދަދުވެރިކަމާއެކު، ދިވެހި އަޚްލާޤީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރާނަން.

ލޮބުވެތި ދިވެހި ރައްޔިތުން!

އިސްލާމީ އަޚްލާޤާއެކު، އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭ. ހިތުދަސްކުރުމުގެ ބަދަލުގައި ޢަމަލުން އެކަން ފެންނަން ޖެހޭ. މިކަމުގައި ވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ވެސް ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއް. އޭރުގެ ދިވެހީންނަކަށް ސޯނާގަޑިއެއް ނުވަތަ އޮޓޯ އެލާމެއް ބޭނުމެއް ނުވޭ. ފަތިހުގެ މުލުހާލާއި، ކޮވެލީގެ އަޑަށް މުޅިރަށް ތެދުވެ، ފަތިސް ނަމާދުކޮށް މަސައްކަތުގައި ހޭލަމޭލަވެގަނޭ. އަޅުގަނޑުމެންގެ ކާބަފައިން، ދުވަސް ފަށަނީ ފަތިސް ނަމާދުގެ ބަރަކާތުން. ދެން އޮތްބައި ފުރަނީ، މުޅިން ހޭދަކުރަނީ، ދިރިއުޅުމުގެ ޙަރަކާތްތަކުގައި. ދުވަސް ނިންމަނީ މަޣުރިބް ނަމާދާއި، ޢިޝާނަމާދާއި ވިތުރިން. އެ ދެމެދުގައި ހޭދަވަނީ ބުރަ މަސައްކަތާއި، އުފެއްދުންތެރިކަމާއި، ދިރިއުޅުމުގެ ހުރިހައި ޙަޤީޤަތްތަކާ ކުރިމަތިލައި، ވެވޭ މިންނެތް ޖިހާދު. ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިޢާދަކުރުމުގައި، މި ރޫޙު އަޅުގަނޑު ބޭނުން. ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރްއާން ކިޔެވުމުގައި ކުޑަކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް ދެކެން އަޅުގަނޑު ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި، އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ، މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން. މިސްކިތްތަކުގެ ސާފުތާހިރުކަން، މިސްކިތަށް އަރާއިރު، އަޅުގަނޑުމެން ތިބޭ ރީތިކަން، އަދި ބޭރު މަގާއި، ހަރިންމަތެރެޔާއެކު ކުނިކަހައި ބެލެހެއްޓުން، މިސްކިތްތަކުގެ އެތެރެ ވަސްމީރު ކުރުވައި، ގެންނަ މާތް އަސަރު. މިހިރީ ދިވެހީންގެ ދިރިއުޅުމުގެ ރީތި އާދަކާދަ. މިއިން ކޮންމެ ކަމެއްގައި ވެސް ދިވެހީންގެ ވަކި އައިޑެންޓިޓީއެއް އެބައޮތް. މިކަންކަން ގެއްލިގެން ގޮސްގެން ނުވާނެ. މިކަންކަން އާލާ ކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ހިސާބުން ފަށަމާތޯ؟ ތިމާއަށާއި ތިމާގެ އާއިލާއަށާއި، ރަށްޓެހީންނަށް މަގުދައްކަމާތޯ؟ ހެޔޮ ޢަމަލުތަކުގެ ވިޔަފާރީގެ ހިއްސާގައި އެންމެން ބައިވެރިކުރަމާތޯ؟ ނުވަތަ ބައިވެރިވަމާތޯ؟

ލޮބުވެތި ދިވެހި ރައްޔިތުން!

ދިވެހިންގެ އައިޑެންޓިޓީ އާލާކުރުމުގެ ވާހަކަ ދައްކާއިރު ސަމާލުކަމަށް ގެންނާންޖެހޭ މުހިންމު އެހެން ޙަޤީޤަތެއް ވެސް އެބައޮތް. އެއީ، ޤައުމުގެ އެއް މާނައަކީ މީހުންކަން. ޤައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ މީހުން ސަލާމަތްކުރުންކަން. ޤައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގޭ ދީނާ ޚިލާފު، ޤައުމާ ދެކޮޅު، މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު އެތައް ކަމެއް ހުންނަކަން. އެކަންކަމުން ބޮޑެތި ފިކުރީ ކާރިސާތައް އައިސް، ޤައުމުތައް އެފުށް މިފުށަށް ޖެހެމުން ދާކަން. އަދި ފަހަކަށް އައިސް، އެންމެ ބޮޑު ފުރޮޅުންތަކެއް މިގޮތުން އައީ ގްލޯބަލައިޒޭޝަން ނުވަތަ ބަވަނަކުރުމުގެ ޠޫފާނުގެ ތެރެއިންކަން. އާދެ! ޙަޤީޤަތުގައި މިކަންކަމުގެ އެންމެ ފުނުގައި ހުންނަނީ ބާރުގަދަ ޤައުމުތަކުން އިތުރަށް ބާރުވެރިވާން އެކަށައަޅައިފައި ހުންނަ އެޖެންޑާތައް. އެކަންކަން އަޅުގަނޑުމެންގެ މައްޗަށް ތަންފީޒު ވަމުންދާއިރު، އެއިން ކުރާ ނޭދެވޭ އަސަރުތަކާއި، ކުރަމުންދާ ނުރައްކާތަކާއި، ލޮލަށް ނުފެންނަ އޮއިވަރުތައްވޭ. އެހެންކަމުން، މިފަދަ އޮއިވަރުތަކުގައި ޅަޖީލުތައް ބެހިގެންދާއިރު، އެހެން އެކަން ވާކަން އިޙްސާސް ކުރެވެނީ ވަރަށް މަދު ބަޔަކަށް. މިފަދަ އޮއިވަރުތަކުގައި ޤައުމުގެ ދީނަށް ހަމަލާދެވޭ. ޤައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލެވޭ. އެކަމަށްޓަކައި އެ ތަނެއްގެ ޤަދަރުވެރީންނާއި، ދީނުގެ ޢިލްމުވެރީންގެ އަގުވައްޓައިލެވޭ. ދީން ދިފާޢު ކުރުމުގެ އެންމެ ބޮޑު ޤާނޫނީ ބާރެއް އޮންނަނީ ޤައުމުގެ ވެރީންގެ ކިބައިގައި ކަމަށްވާތީ، ވެރީންގެ އަގުވައްޓައިލެވޭ. މުއައްސަސާތައް ޤުރުބާންކޮށްލެވޭ. ސޯޝަލް މީޑިޔާއާއި، އެނޫންވެސް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް އުފެއްދޭ ތަފާތު އުފެއްދުންތަކުން ޤައުމުގެ މުޅި ޖަމާޢީ ސިކުނޑި ވިހަކޮށްލެވޭ. ކުޑަކުދީންނާއި، ޒުވާނުންނާއި، ހަރުމީހުންނަށް ދާންދެން ދީނާ ޚިލާފު، ޤައުމަށް ގެއްލުންހުރި އެތައް ވިސްނުންތަކަކާއި ޢަމަލުތަކެއްގެ ކަނޑަށް ޣަރަޤުކޮށްލެވޭ.

އެހެންވީމާ، ރަށްގިރުމާއި އުދައެރުމުން އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް ސަލާމަތްކުރަން މަސައްކަތްކުރާ ފަދައިން، ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތައް ސަލާމަތްކުރަން، އަޅުގަނޑުމެންގެ ވިސްނުންތައް ސަލާމަތްކުރަން، ބުރަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ލޮބުވެތި ދިވެހި ރައްޔިތުން!

މި އުފާވެރި ޤައުމީ ދުވަހު އަޅުގަނޑުމެންނަށް ލިބިފައިވާ މަތިވެރި ނަސީބުތައް، ހިތްތަކަށް ގެންނަމާތޯ؟ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވަމުން، ޝުކުރުވެރިކަމާ އެކުގައި އެކަންކަން މަތިން ހަނދާންކުރަމާތޯ؟ މި ލޮބުވެތި ދިވެހި ޤައުމަށް ވަފާތެރި އަބުޠާލުންގެ މާތް ޒިކުރާއިން ފިލާވަޅު ލިބިގަންނަމާތޯ؟ ޝަހީދުވި ޢަލީ ރަސްގެފާނު ޝަހީދުވީ އަޅުގަނޑުމެންގެ ވެސް ސަލާމަތަށްޓަކައި ނޫންތޯ؟ ޖިހާދުގައި އުތީމު މަހާރަދުން، 8 އަހަރު ދިވެހި ކަނޑުފަޅުތައް ގިރާކުރެއްވީ، މި ޤައުމުގެ މުސްތަޤުބަލަށްޓަކައި ނޫންތޯ؟ ލޮބުވެތި އަނބިކަނބަލުންނާއި ދެ ދަރިން ދޫކުރައްވައި، ދޮންބަންޑާރައިން މަލާބާރީންގެ ކަނޑިތަކުގެ ދަށަށް ނިކުމެވަޑައިގަތީ، މި ލޮބުވެތި ވަޠަންގެ އެންމެ ވެލިފުކެއް ވެސް އަޅުވެތިކަމުގެ ބާރަކަށް ދޫކޮށްނުލައްވަން ނޫންތޯ؟ އަޅުގަނޑުމެން މިއަދު ބޭނުންވަނީ އެ މަތިވެރިކަން. އެ ކެރުމާއި ހިތްވަރު. އެ ޤައުމީ ޚިދުމަތާއި، ޤައުމީ ރޫޙު.

ފިކުރުތަކާއި ނުރައްކާތަކުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް މިއަދު ބޭނުންވަނީ މިކަންކަމުން ފިލާވަލު ލިބިގަތުން. ޤައުމުގެ ޙައްޤުގައި ހޭލައި ތިބުން. މި ލޮބުވެތި ދިވެހި ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކޮށް އިޢާދަކުރުމަށް ޢަޒުމު ކަނޑައަޅައި، އެންމެން އެކަތިގަނޑަކަށްވެ ކަމަރު ބަނުން. އެ ކަމަށްޓަކައި ހުރިހާ ދިވެހިރައްޔިތުން ގުޅިގެން، އެކަތިގަނޑަކަށް ވެގެން އިޞްލާޙުކުރުމުގެ މަގުން ހަލުވި ފިޔަވަޅުތަކެއް އެޅުން. ދިވެހިރާއްޖޭގެ ލޮބުވެތި ކޮންމެ ރައްޔިތެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މިކަމުގައި އަޅުގަނޑު އެދެން.

އޯގާވަންތަ ﷲ، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! ދިވެހީންނަށް، ދިވެހި ޤައުމަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން! ކުރިޔަށް ދިވެހި ޤައުމު - ކުރިޔަށް ދިވެހީންގެ ރާއްޖެ.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.