بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހިންނަކީ މުސްލިމުން ކަމުގައި، އެއް ބަހަކުން ވާހަކަދައްކާ، އެއް ޤައުމިއްޔަތެއްގެ އެއްބައިވަންތަ ބައެއްކަމުގައި ލެއްވި ގަދަކީރިތިވަންތަ الله تـبـارك وتـعـالـى އަށް ޙަމްދާއި ޝުކުރުކުރަން. ދީނަށާއި އުންމަތަށް ނަޞްރު ދިނުމުގެ އެންމެ ހެޔޮ އިރުޝާދު ދެއްވި، އެންމެ ޢިބުރަތްތެރި ނަމޫނާ ދެއްކެވި މާތް ނަބިއްޔާ مُحَمَّدٌ نَبِيَّا صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި، ސަލާމާއި، ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހި ބަހާއި، ޘަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް، ރައީސް އޮފީހުގެ ވަޒީރު މުޙައްމަދު ޝާހިދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް، މުޙައްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، އެކި މުއައްސަސާތަކުގެ އިސްބޭފުޅުން، ލޮބުވެތި ކިޔަވާކުދިންނާއި، ކިޔަވާކުދިންގެ ބެލެނިވެރިން އަދި މި އަތޮޅުގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދިވެހީންގެ ފަޚުރުވެރި ޤައުމީ ދުވަސް، މިލަދުންމަޑުލު އުތުރުބުރީގައި އާދެ، ށ. އަތޮޅުގައި ފާހަގަކުރެއްވުމަށް އަތޮޅު ފެންވަރުގައި ބާއްވަވާ ހަރަކާތްތައް ޝަރަފުވެރި ކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީވެ، އަތޮޅު ކައުންސިލުގެ ވެރިންނަށާއި، މި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

މި އަތޮޅުގެ ފުނަދޫންނާއި، އަދި މި އިހުތިފާލު މި ބޭއްވޭ މާއުނގޫދޫން އަދި މުޅި މި އަތޮޅުން، އަޅުގަނޑަށް ތިޔަވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދި އަދާކުރެއްވި މެހެމާންދާރީއާއި ކަމޭހިއްތެވުމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ޤައުމިއްޔަތު ދިރުވައި އާލާކުރެއްވުމަށް އެ މަނިކުފާނު ފެށްޓެވި މި އަގުހުރި މަސައްކަތުގައި މުޅި މި އަތޮޅު މި ފެށްޓެވީ ވަރަށް ބުރަ، ބޮޑު މަސައްކަތެއް. މި މަސައްކަތް މި ގޮތަށް ފެށްޓެވުމަކީ، މިއީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް މުހިންމު މެސެޖުތަކެއް. މުޅި ރާއްޖޭގައި މިކަން ފެތުރިގެން ދިޔުމަކީ އަޅުގަނޑުމެން އުންމީދުކުރާގޮތް، އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރުވެސްމެ.

އާދެ، ދިވެހީންގެ ޤައުމީ ދުވަހަކީ، އެތައް ކާމިޔާބީއެއްގެ ހަނދާން ދިވެހީން އާކުރަންޖެހޭ ދުވަހެއް. އެއީ، ޕޯޗުގީޒުން އަޅުވެތިކަމާއި އަނިޔާވެރިކަން ދިވެހީންގެ ނިމުމަކަށް ގެނައި ދުވަސް. ގަދަބާރުން އިސްލާމްދީނާއި، ދިވެހިން ބޭރުކުރަން ކުރަމުންދިޔަ މަސައްކަތްތަކާއި، ދިވެހިންގެ ޢިއްޒަތާއި، ޤަދަރާއި، ޤައުމުގެ އަމާންކަމާއި، ރައްޔިތުންގެ މަސަލަސްކަން އަލުން ކަށަވަރުކޮށް، އިޖުތިމާޢީ، އިޤުތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވި ދުވަސް.

465 އަހަރު ވީއިރުވެސް، އިއްޔެ ވީ ކަމެއްގެ ހަނދާންތައްހެން، މި ޒިކުރާތައް އަޅުގަނޑުމެން މިދަނީ އާ ކުރަމުން. މި ދުވަހުގެ ބަޠަލު، އާދެ، މުޙައްމަދު ތަކުރުފާނުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެ ތަކުރުފާނުގެ މިޒާޖުފުޅުން، ދިރިއުޅުއްވުމުން އަޅުގަނޑުމެންނަށް ފެންނަނީ ޢިބުރަތްތެރި އެތައް ކަމެއް. ދުރުވިސްނުމާއި، ޙިކުމަތްތެރިކަމާއި، ވަގުތާއި ހާލަތުގައި ކަންކަން މޮޅަށް ރޭވުމާއި، ދިވެހި ދަރިޔަކު މީގެ 400 އަހަރަށްވުރެވެސް ކުރިން ދެއްކި އަގުހުރި ނަމޫނާ. އެންމެ ތުއްޕުޅުއިރުއްސުރެވެސް، އެ ތަކުރުފާނުގެ ހިތްޕުޅުގައި މިނިވަންކަމުގެ މުހިންމުކަން ބިންވަޅު ނެގިފައިވުމާއި، ޒުވާންކަމުގެ އުފަލާއި، މަޖަލާއި، ޢާއިލާއަށްވުރެ ޤައުމުގެ މިނިވަންކަމާ، ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރެއްވުން އިސްކުރައްވައި، ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައި، މި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި. އެއަށްފަހު، ރާއްޖޭގައި ތަޢުލީމު ފެތުރުވުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ތަރުތީބުކުރައްވައި، އެ ޒަމާނާ ގުޅޭ ވަރަށް ބޮޑެތި ބަދަލުތައް ރާއްޖެއަށް ގެނެސްދެއްވި. ބޮޑުތަކުރުފާނު މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި، ޖިހާދުކުރެއްވުމުގައި، ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރު ކުރެއްވުމުގައި. ދިވެހި ޤައުމުގެ މުސްތަގިއްލުކަން ވަރުގަދަކޮށް، އެތައްހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާ މި ޤައުމުގައި އެޅުއްވުމުގައި. މިއީ، ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނައި، ޢަމަލުކުރަންވީ ގޮތް. އަދި އަޅުގަނޑުމެންގެ ދަރިންނަށް އެންމެ ފަރުވާތެރިކަމާއެކީ ކިޔައިދޭންވީ ވާހަކައަކީ، މި ވާހަކަތައް.

އާދެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މި ދިވެހިރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގަތީވެސް، މި ޤައުމުގެ މިނިވަންކަމާމެދު ދިވެހިންގެ ހިތްތަކުގައި ކަންބޮޑުވުން އޮތް ވަގުތުކޮޅެއްގައި، އޮތް ދަނޑިވަޅެއްގައި. އެ މަނިކުފާނު އެންމެ ފުރަތަމަވެސް އިސްކަންދެއްވީ، ދިވެހީންގެ މިނިވަންކަން ކަށަވަރުކޮށްދެއްވަން. ދިވެހިރާއްޖޭގެ ސަރަހައްދުގެ އެންމެ ޒަމާނީ އުޅަނދުތައް، ސީދާ ދިވެހިންނަށް ބެލެހެއްޓޭނެ. އެ މަނިކުފާނު އެ ކަންކަން ސާބިތުކޮށްދެއްވައިފި. ރާއްޖޭގެ އެއްގަމާއި، ކަނޑާއި، ވަޔާއި، ކަނޑުއަޑީގެ ޗާޓު ކުރަހާނީވެސް ދިވެހިން ކަމުގައި އެ މަނިކުފާނު ނިންމަވައިދެއްވައިފި. ދިވެހީންގެ ވިޔަފާރިތަކުގެ ތެރެޔަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު އެތައް ބިދޭސީން، ތިންހާހަށްވުރެ ގިނަ ބިދޭސީން މިއަދު އަލުން ނާދެވޭގޮތަށް އެވަނީ ފޮނުއްވައިދެއްވާފައި. މިއީ، ދިވެހީންގެ މިނިވަންކަން ކަށަވަރުކުރެއްވުމަށްޓަކައި އެ މަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މަސައްކަތްޕުޅެއް.

ރާއްޖެ ވެއްޓިފައި މިއޮތް އިޤުތިޞާދީ ވަޅުގަނޑުން ނަންގަވައި، ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވުމަށް، ރެއާދުވާލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ކުރައްވާ ހިންމަތް، އެންމެ ގާތުން ފެންނަ އެކަކީ ޚުދު އަޅުގަނޑު. އެ މަނިކުފާނުގެ ހިތްޕުޅުގައި މި ޤައުމާއި ރައްޔިތުންނާ މެދު އޮތް ގަދަފަދަ ލޯތްބަށް އަޅުގަނޑު ހެކިވަން.

ރާއްޖޭގެ ރީތިކަން ވިއްކައިގެން، ކޮންމެ އަހަރަކު ރާއްޖެއިން ބޭރުގެ އޭޖެންޓުންނާއި، ބޭންކުތަކުން ފައިދާގެ ގޮތުގައި ހޯދަމުން އައި އެތައް މިލިއަން ޑޮލަރެއްގެ ޓެކްސް ރާއްޖެއަށް ދެއްކުން ޙައްޤުވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފަށްޓަވާފައިވަނީވެސް ވަރަށް ހިތްވަރުގަދަ މަސައްކަތްޕުޅުތަކެއް. މިދިޔަ ސާޅީހަކަށް އަހަރުވެސް އެއްވެސް ސަރުކާރަކުން ކުރަން ނުކެރުނު ކަމެއް، އެ މަނިކުފާނު އެވަނީ ފަށްޓަވައިދެއްވާފައި. އެ މަނިކުފާނުގެ ޤައުމީ އެޖެންޑާގެ އެއް އަމާޒަކީ، އެންމެ ބޮޑު އެއް އަމާޒަކީ، ޑްރަގުގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުން. ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދިނުން. ދިވެހިރާއްޖޭގައި އަމާންކަމާއި މަސަލަސްކަން ޔަޤީންކޮށްދެއްވުން. އަދި ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރުފުކުރެއްވުން. އަމިއްލަ ފައިމައްޗަށް ތެދުވެތިބި، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ޤައުމަކަށް ހައްދަވައި މި ޤައުމު ބިނާކުރެއްވުން.

ރައީސް ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ، އެ މަނިކުފާނު އަބަދުވެސް ދަމަހައްޓަވާނީ، ދިވެހިންނަށް އެންމެ އިސްކަން ދެއްވާ "ޕްރޯ މޯލްޑިވްސް" ސިޔާސަތުކަން. ޚާރިޖީ ގުޅުންތަކުގެ ވަޒަން ހަމަކުރައްވާ، ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ޤައުމަކާއެކީވެސް ގުޅުން ބަދަހިކުރައްވަމުން އެ ގެންދަވަނީ، މިއީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޚާއްޞަކޮށް، ދިވެހި ޒުވާނުންނާއި ކިޔަވާކުދިންނަށް، އެ މަނިކުފާނުގެ ތަޤުރީރުގައި އެ ދެއްވީ، ޤައުމިއްޔަތުގެ ވަރަށް ވަރުގަދަ ދަރުސެއް. ރައީސްގެ އެ ތަޤުރީރަކީ ރާއްޖޭގެ ހުރިހާ ކޮލެޖު، ޔުނިވަރސިޓީއެއްގައި އަދި ސްކޫލު، މަދަރުސާއެއްގައި ދަރިވަރުންނަށް އިއްވައި، ފަހުމުކޮށްދީ، އޭގެ މައްޗަށް ދިރާސާތައް ހަދައި، ޢިބުރަތް ލިބިގަންނަންޖެހޭ އަގުހުރި ވާހަކަފުޅުތަކެއް. މި ޤައުމުގައި އަންނަން އޮތް އެތައްހާސް އަހަރަކަށް މިނިވަން އަމިއްލަވަންތަ ޤައުމެއް ގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން އިސްކަން ދޭންވީ، ޤައުމާމެދު ފަޚުރުވެރިވާނެ ދިވެހި ދަރިންތަކެއް އުފެއްދުމަށްޓަކައި. އެ ކަންތައްތައް ދަސްކޮށްދިނުމަށްޓަކައި.

އެހެންކަމުން، ޤައުމީ ބަޠަލުންގެ ވާހަކަތައް އެ ކުދިންނަށް ކިޔައިދޭން އެބަޖެހޭ. މި ޤައުމުގެ ޘަގާފަތާއި އާދަކާދަތައް ބުނެދީ، ދަސްކޮށްދޭންޖެހޭ. ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކައި، ލިޔެކިޔުމަކީ ކިހާ ފަޚުރުވެރިކަމެއްކަން ވިސްނައިދޭން އެބަޖެހޭ. ދުނިޔޭގެ ކޮންމެ ތަނަކު ހުއްޓަސް ދިވެއްސެއްކަން، ނޫނީ މުސްލިމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ދަސްކޮށްދޭންޖެހޭނެ.

އެހެންވީމާ، އުފަންވި އަމިއްލަ ޤައުމުގެ މިނިވަންކަމާއި، މަޖުދާއި ކަރާމާތުގެ ޙައްޤުގައި މަސައްކަތްކުރަން ދަސްކޮށްދޭންޖެހޭނެ. ދަރިންނަށް ޤައުމިއްޔަތު އުނގަންނައިދީ، އަހުލުވެރިކުރުވުމުގައި، ޒަމާނުގެ ވަސީލަތްތައް ބޭނުންކުރަން އެބަޖެހޭ. މިއީ، މި ޤައުމުގެ މާދަމާއަށްޓަކައި އަޅުގަނޑުމެން ކުރަން މަޖުބޫރު ކަމެއް. މިކަން މިގޮތަށް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިއްޖެނަމަ، އެއްވެސް ޝައްކެއްނެތް، ތަޢާލާގެ އިރާދަފުޅާއެކު އުޖާލާ މުސްތަޤުބަލެއް އޮތް އަމިއްލަވަންތަ ދިވެހިރާއްޖެއެއް ތާއަބަދަށް އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އަދިވެސް އެއްފަހަރު، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ޝުކުރު، ށ. އަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އަތޮޅު ކައުންސިލަށާއި އަދި ރަށްރަށު ކައުންސިލްތަކުގެ މެންބަރުންނަށް ވަރަށް ބޮޑަށް ދަންނަވަން.

އަޅުގަނޑު ވާހަކަ ނިންމާލާނީ،
          މަތިވެރިވި ދިވެހި އަޖުދާދުންނަށް، މަތިމައްޗަށް ހުންނަ މި ސާބަސްތައް،
                   ފަތިފައްޗަށް އަމުނައިގެން މިގޮތަށް، މަތިވެރި ޝުކުރޭ ދަންނަވަނީ.

މި ދިވެހި ޤައުމަކީ އަބަދުވެސް އަމާންކަމާއި، ސިލްމާއި، ސަލާމަތުގައި ކީރިތި ﷲގެ މަދަދާއި ޙިމާޔަތުގައި ލެހެއްޓެވުން އެދި ދުޢާކުރަން.

وَالسَّلَامُ عَلَيْكُمْ.