ބަލްގޭރިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ޑޮކްޓަރ ނިކޮލާއި ޔަންކޯވ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ބަލްގޭރިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާއި، ދޭދޭ ފަރުދުންގެ ގުޅުން ބަދަހިކޮށް ދެފަރާތުން ކުރެވޭ މުޢާމަލާތްތައް އިތުރުކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދެވޭނެ ކަންކަން ހިމެނެއެވެ. ‌‏

ދިވެހިރާއްޖެއާ ބަލްގޭރިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14ވަނަ ދުވަހުގައެވެ. މިއީ މިހާތަނަށް ބަލްގޭރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ތިންވަނަ ސަފީރެވެ.

ބަލްގޭރިއާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ބަލްގޭރިއާގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.