އާޒަރުބައިޖާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ އެލްޗިން ނަރިމަން އޮގްލޫ ހުސޭންލީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އާޒަރުބައިޖާންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އާޒަރުބައިޖާންގެ ސަޤާފީ ތަރިކަތަކަށް ތަޢުރީފު ކުރައްވައި، ދިވެހި ޤައުމީ ސަގާފަތާއި ތަރިކަތައް ދަމަހައްޓައި ރައްކާތެރިކުރުމަށް ދަސްކޮށްދިނުމަށް ސަޤާފީ ކޮލެޖެއް ގާއިމުކުރުމުގައި އާޒަރުބައިޖާންގެ ތަޖުރިބާއިން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާ އާޒަރުބައިޖާންއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އާޒަރުބައިޖާންގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ.