ދިވެހިރާއްޖޭގެ "ކުރިއަށް އޮތް 20 އަހަރަށް ލަފާކުރާ ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވައިލައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްލޭން ތަންފީޒުކުރުމާ ގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް، ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ އިތުރު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ. މި ތަފްޞީލުތައް ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި މަހުގެ 16 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.

މި ޕްލޭން ކުރިޔަށްގެންދިއުމުގައި ރިޢާޔަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންކަމުގެ ތެރޭގައި ޤައުމީ ތަރައްޤީގެ މައިގަނޑު އަސާސަކީ ލޮލަށް ފެންނަ ތަރައްޤީއާއި، ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ޤައުމިއްޔަތު ދިރުވައި، އާލާކޮށްދޭ އިންސާނީ ތަރައްޤީކަމަށްވުމާއެކު، މި ދެ ބާވަތުގެ ތަރައްޤީ ހާސިލުވާނެ ގޮތަށް ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިއުން ހިމެނެއެވެ. އަދި ހަމަ އެހެންމެ، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މައިގަނޑު އަސާސްތައް، ޤާނޫނުއަސާސީގައި ހިމަނައި، މި ޕްލޭނަށް ޤާނޫނީ ހިމާޔަތްތެރިކަން ލިބިދިނުމާއި އަދި މި ޕްލޭނަށް ބަދަލު ގެނެވޭނެ މިންގަނޑުތައް ހިމެނޭ ގޮތަށް، ވަކި ޤާނޫނެއް އެކުލަވައިލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް މި ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް، ސޯޝަލް ޕްލޭނިންގ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ގަވަރނަންސް އަދި ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް، ދިވެހިންގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލައި، އެ ޓީމް ލީޑުކުރާ ފަރާތެއްގެ ގޮތުގައި، ދިވެހިވަންތަ ދިވެހިންގެ ވިސްނުމާއި، ޤައުމިއްޔަތު ހިމާޔަތްކުރެވޭނެ ޤާބިލު ދިވެއްސަކު ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވަނީ މި ޕްލޭނާ ގުޅޭ ޢަމަލީ މަސައްކަތްތައް، 2024 ވަނަ އަހަރުގެ ނޮވެންބަރުމަހު ފަށްޓަވައި، 12 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމެވުމަށެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ޕްލޭނާގުޅޭ ތަފްޞީލްތައް ނޫސްވެރިންނާ ޙިއްޞާކުރެއްވުމުގެ އިތުރުން، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެން އެ މިނިސްޓްރީން މިހާރު ކުރިޔަށްގެންދަވާ އެންމެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ވެސް ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން އެ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށާއި ކުރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްޞީލްތަކާއި އެ ނޫންވެސް އެ ވުޒާރާއިން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރު ހިއްސާކުރެއްވިއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށްވެސް ވަޒީރު ވަނީ ޖަވާބުދެއްވާފައެވެ.