بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދަކީ ވަރަށް ޚާއްޞަ ދުވަހެއް. މިއަދަކީ، އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރޭ ދުވަސް. މިއަދަކީ، ދިވެހިރާއްޖެ، ދުނިޔޭގެ އެންމެ ބިޔަ، އެންމެ ބާރުގަދަ ޤައުމުތަކާ އެއް ސަފެއްގައި، އެއް ހަމައެއްގައި، ކޮނޑާ ކޮނޑު ހަމަކޮށް، ކުރިއަށްދިޔުމަށް މަގުފަހިވެގެންދިޔަ ދުވަސް.

މިއަދަކީ، ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދަ. އާދެ! އެ ދިދައަކަށްޓަކައި، އެ ދިދައިން ރަމްޒުކޮށްދޭ ކަންތައްތަކަށްޓަކައި، އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ދިވެހި ދިދަ، އެކުވެރި ދައުލަތްތަކުގެ މައި މަރުކަޒުގައި ވިހުރުވުމަށް ފުރުޞަތު ލިބިގެންދިޔަ ދުވަސް. މިއަދުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ރައްޔިތުންނަށާއި، ރާއްޖޭގެ ޑިޕްލޮމޭޓުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

އ.ދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނީ، ދިވެހި ޤައުމަށް އަލުން މިނިވަންކަން ލިބުނުތާ އެންމެ 57 ދުވަސް ވީތަނާ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖެއަށް ލިބުނު މިނިވަންކަމަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއެކު، ދިވެހިރާއްޖެއިން ގުޅުންތައް އުފައްދައި ކުރިއަށްދިޔުމުގެ މިނިވަންކަން. އެ މިނިވަންކަން ކަށަވަރުވުމާއެކު، ދިވެހި މިނިވަންކަމުގެ ބާނީން އަވަސްވެގަތީ، އ.ދ.ގެ މެންބަރުކަން ހޯދުމަށް.

އެއީ ކީއްވެގެންތޯ؟ ތެދެއް. ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއް. އެކަން އޮތީ އޭރު ކަށަވަރުވެފައި. އެހެން ނަމަވެސް، ޤައުމެއްގެ މިނިވަންކަން ފުރިހަމައަށް ދިފާޢު ކުރެވިގެން ދާނީ، އެ ޤައުމެއްގެ ރައްޔިތުން އެކަން ބަލައިގަތުމުން އެކަންޏެއް ނޫން. މުޢާހަދާއެއްގައި ލިޔެ، ޗާޕްކޮށް، ޝާއިޢުކޮށްގެން އެކަންޏެއްވެސް ނޫން.

ޤައުމެއްގެ މިނިވަންކަން، ބައިނަލްއަޤްވާމީ މަސްރަޙުގައި ދިފާޢުކޮށް ކުރިއެރުވޭނީ، އެ މިނިވަންކަން ލިބިއްޖެކަން އެހެން ޤައުމުތަކަށް އަންގައިދީގެން. ކަނޑައެޅިގެންވާ ވަކި ސަރަޙައްދެއްގެ މައްޗަށް، އެ ޤައުމެއްގެ ސިޔާދަތީ ބާރު އޮތްކަމާއި، އެ ބާރު ފުރިހަމައަށް ހިނގާކަމުގެ މަޢުލޫމާތު، އެހެން ޤައުމުތަކަށް ފޯރުކޮށްދީގެން. އެ ސިޔާދަތީ ބާރަށް އެހެން ޤައުމުތަކުގެ އިޙްތިރާމު ހޯދައިގެން.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، ކުރިއެރުވުމުގެ މަތިވެރި މަސައްކަތް ކުރާ އެންމެ މުހިންމު މައިދާނަކީ، އ.ދ. ޖަމުޢިއްޔާ. އ.ދ.ގެ މެންބަރުކަން މުހިންމު ވަނީ އެހެންވެ. އ.ދ. ގައި ރާއްޖެއިން ކުރަމުންމިދާ ދަތުރަކީ، ދިވެހިން ފަޚުރުވެރިވާ ފަދަ ކާމިޔާބު ދަތުރެއް. އެކަހެރިކޮށް އޮތް، ކުޑަކުޑަ ޖަޒީރާ ޤައުމެއް، ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި، އެކުވެރިކަމުގައި ކުރާ ދަތުރެއް. ނިކަމެތިކަމުން، ފުދުންތެރިކަމަށް ބިންގާއެޅި ދަތުރެއް. ދުނިޔެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ، އާދެ، މޫސުމީ ބަދަލުގެ ނުރައްކާ ކުރިމަތިވާކަމުގެ ޚަބަރު، މުޅި ދުނިޔެއަށް ދީ، ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެސްދިން ދަތުރެއް.

ފާއިތުވެދިޔަ 59 އަހަރު، ދިވެހި ދައުލަތުގެ މަންދޫބުން، ރާއްޖޭގެ ޑިޕްލޮމޭޓުން ވަނީ، އ.ދ. ގައި ދިވެހިރާއްޖޭގެ މަޞްލަޙަތު ކުރިއަރުވާފައި. ރާއްޖެއިން އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފި. ރާއްޖެ މިހާރު ދަނީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމުގެ 3 ވަނަ ދައުރު ފުރިހަމަކުރަމުން. މި ވޭތުވެދިޔަ ދިހަވަރަކަށް މަސްދުވަސް ތެރޭ، އަޅުގަނޑުމެން ވަނީ ދިވެހި ޤައުމީ މަޞްލަޙަތު، އިތުރު ބާރުމިނެއްގައި ކުރިއަރުވާފައި.

އެނގިވަޑައިގަންނަވާނެ ފަދައިން، ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިއަށް އޮތް ދިހަ އަހަރުގެ ތަރައްޤީގެ ޕްލޭން، އ.ދ. އިން މި އަހަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި ދެ ޤައުމުގެ ތެރެއިން އެއް ޤައުމަކީ ދިވެހިރާއްޖެ.

އަޅުގަނޑުމެން މިހާރު މިދަނީ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ހޯދުމަށް ވާދަކުރަމުން. އަޅުގަނޑުމެންގެ މިޞްރާބުހުރީ އަދިވެސް ކުރިއަށް. ބާރު ދުވެލީގައި ކުރިއަށް. އ.ދ. އަކީ ދުނިޔޭގެ މައި މަޖިލިސް. ދުނިޔެއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރާ މައިދާން. ދެބަސްވެ، އަރައިރުންވުމުން، ޞުލްޙަވާން ވާހަކަދައްކާ މައިދާން. މިތަނުގައި މި ކުރެވޭ ބަހުސްތަކުގައި ބައިވެރިވާންޖެހޭ. ބަސް ބުނަންޖެހޭ. މި ތަނުގައި ބަސް ވިކެންޖެހޭ.

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުތައް ކޮށޭނީ، އަޅުގަނޑުމެންގެ ޤައުމަކީ، މުޅި ދުނިޔޭގައިވެސް އިޙްތިރާމު ލިބިފައިވާ ޤައުމަކަށް ވެގެން. އެކަން ކުރެވޭނީ، މިފަދަ މައިދާންތަކުގައި އަޅުގަނޑުމެންގެ އަޑު އުފުލައިގެން. އިޙްތިރާމު ކުރާ، އިޙްތިރާމު ލިބޭ ބަޔަކަށް ވެގެން.

މިއީ އަޅުގަނޑު އ.ދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަންދޭނެ ކަމަކީ. ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވުރު ހާމަކުރުން. ދިވެހީންގެ އަޑު، ދިވެހީންގެ ވިންދުގެ އަޑު، ދިވެހީންގެ އިޙްސާސްތައް އިއްވުން.

އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ، މާތް اللهގެ ވާގިފުޅާއެކު، އަޅުގަނޑުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައިވެސް އަބަދުވެސް އެންމެ އިސްކަންދޭނީ، ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަން. ދިވެހި ރައްޔިތުންގެ މިނިވަންކަމަށްކަން. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން. އާދެ، ޕްރޯ މޯލްޑިވްސް ޕޮލިސީ ކުރިއަށްގެންދަންކަން. އަދި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ކާމިޔާބީއަށްކަން.

މާތް الله އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.