ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުށްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމާއި، ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ