އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި، ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި، އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރައް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ވިޔަފާރީގެ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އިތުރުކުރުން ފަދަ ދެޤައުމުގެ ދެމެދު އިތުރަށް ގުޅުންބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަވެއެވެ. މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދިވެހިރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކަށް ތާރީފުކުރައްވައި، ޕާކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ފަންނީ ތަޖުރިބާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުންވެސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގޮތުން ދެ ޤައުމުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ދެ ޤައުމުގެ ޚިޠާބުގައި، މޫސުމަށް އަންނަ ބަދަލުތަކާމެދު އަޑުއުފުލުމަށް ދެބޭފުޅުންވެސް ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ "5 މިލިއަން ގަސް މަޝްރޫޢު"ގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮޕް28 ގެ ތެރޭގައި ހުށަހެޅުއްވި މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެ ޤައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ދެޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.