އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި، ދަ ކޮމޮންވެލްތް އޮފް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ހަރ އެކްސެލެންސީ ޕެނީ ވޮންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޚަރިޖީ ވަޒީރު ވަނީ، ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައެވެ. އެ ގޮތުން އިންޑިޔާކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ކަންބޮޑުވުންތައް ޙައްލުކުރުމާއި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ  އޮސްޓްރޭލިއާ ސަރުކާރުން ފަހިކޮށްދެއްވާ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.  

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޚާރިޖީ ވަޒީރުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުން ޙިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.