އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފައެވެ. އަދި އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސް މާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެ މަނިކުފާނާ ޙިއްސާކުރެއްވިއެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަކުރުމަކީ ޤައުމުގެ އާބާދީގެ ފަންސާސް އިންސައްތަ ޙިއްސާކުރާ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕޭޕާލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުޞަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަދި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ބާލާކްރިޝްނާން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމަށް މުހިންމު ކަންކަމުގައި؛ ޚާއްޞަގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް)އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.