އެކާވީސް ވަނަ ގަރުނުގައި ހަމަހަމަ ތަޢުލީމީ ފުރުސަތުތައް ލިބިދިނުމުގެ މުހިންމުކަމާއި، އެ ފުރުޞަތު ފަހިކޮށްދިމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އެ ކަމަނާ މިކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވި 7 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎"އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް،" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ކޮންފަރެންސަކީ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން އެއްތަނަކުން ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ބައްދަލުވުމެކެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކުދިންގެ ޙަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތަޢުލީމުގެ ފުރުޞަތު ވާސިލުވާން ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. ހަމަހަމަ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތަޢުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމުގައި އިސްކަންދެމުންއައި ގޮތް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

‎އެ ކަމަނާގެ ވާހަކަފުޅުގައި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުންފަދަ ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިރުތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މުދައްރިސުންނަށް ފަންނީ ތަރައްޤީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިޔަށްގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވާ ހިންގާ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

‎ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ޚާއްޞަގޮތެއްގައި ރަށްފުށުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ޙައްލުތައް ހޯދައި، ތަޢުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުޞަތުތައް އިތުރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު އެ ކަމަނާ ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމަޢުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ޙަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.

‎އެ ކަމަނާގެ ވާހަކަފުޅުގެ ކުރިން، މި ކޮންފަރެންސްގައި ތަޢުލީމީ ވުޒާރާގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް އަރުވާފައެވެ